ބަންސާލީގެ ފިލްމެއް އައިޝްވާރިޔާ އަށް ހުށަހެޅި ވާހަކަ ދޮގުކޮށްފި
ބަންސާލީގެ ފިލްމެއް އައިޝްވާރިޔާ އަށް ހުށަހެޅި ވާހަކަ ދޮގުކޮށްފި

ސަންޖޭ ލީލާ ބަންސާލީގެ ފިލްމެއް ދާދި ފަހުން ރިތިކް ރޯޝަނަށް ހުށަހެޅުމުން އޭނާ އެ ފިލްމް ގަބޫލު ނުކުރި ކަމަށް ބުނާ ވާހަކަތައް ރިތިކް ދޮގުކޮށްފައި ވަނިކޮށް، އައިޝްވާރިޔާ ރާއީއާ ބެހޭ ގޮތުން ވެސް ހަމަ މި ކަހަލަ ވާހަކަތަކެއް ދެކެވެން ފަށައިފި އެވެ.

ބަންސާލީގެ ފިލްމެއް އައިޝްވާރިޔާ އަށް ހުށަހެޅި ވާހަކަ ދޮގުކޮށްފި
ބަންސާލީގެ ފިލްމެއް އައިޝްވާރިޔާ އަށް ހުށަހެޅި ވާހަކަ ދޮގުކޮށްފި

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ބަންސާލީގެ ކުރިއަށް އޮތް ފިލްމްގެ ބަތަލާގެ ރޯލް ހުށަހެޅުމުން، އެ ފިލްމް ދޫކޮށްލައި އޭނާ އެއްބަސްވީ އަނޫރާގް ކެޝަޕް ޕްރޮޑިއުސް ކުރާ "ގްލާބޫ ޖާމޫ" އަށެވެ. މި ފިލްމަކީ ފިރިމީހާ އަބީޝެކް ބައްޗަންއާ އެކު، އައިޝްވާރިޔާ ކުޅޭ ފިލްމެކެވެ. އަދި ފިލްމަށް ސޮއިކޮށްފައިވާކަން އޭނާ ވަނީ ކަށަވަރު ވެސް ކޮށް ދީފަ އެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނި ގޮތުގައި ބަންސާލީގެ ފިލްމް އައިޝްވާރިޔާ ދޫކޮށްލީ ދެ ސަބަބަކާ ހުރެ އެވެ. އެއީ "ގްލާބު ޖާމޫ" އާއި ބަންސާލީގެ ފިލްމްގެ ޝޫޓިން އެއް ދުވަސްވަރަކަށް ތާވަލުކޮށްފައި އޮތުމާއި ފިރިމީހާއާ އެކު އަހަރުތަކަކަށް ފަހު، ފިލްމެއް ކުޅެން ލިބުމުން، އެ ފުރުސަތު ދޫކޮށްނުލަންވެގެންނެވެ.

"މި އަހަރުގެ ކުރީކޮޅު ރިލީޒް ކުރި "ޕަދްމާވަތު" އަށް ފަހު، ބަންސާލީ ދެން ހަދާނެ ފިލްމެއް އޭނާ އަދި ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ. އެކަމަކު އޭނާ ދެން ހަދާނީ ސަލްމާން ހާން ބަތަލުގެ ރޯލަށް ލައިގެން ހަދާ "އިންޝާ ﷲ" ކިޔާ ފިލްމެއް ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

އަނެއްކޮޅުން އައިޝްވާރިޔާ އަށް ހުށަހެޅީ މި ފިލްމްތޯ ނޫނީ ބަންސާލީ ހަދާ އެހެން ފިލްމެއްތޯ ކަށަވަރެއް ނުވެ އެވެ. މިކަމާ ގުޅިގެން ބަންސާލީގެ ޓީމުން ވަނީ އައިޝްވާރިޔާ އަށް ހުށަހެޅި ފިލްމެއް ދޫކޮށްލި ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފަ އެވެ.

އޭނާގެ ޓީމާ ހަވާލާދީ ނޫސްތަކުން ބުނީ ބަންސާލީ ދެން ހަދާ ފިލްމްގެ ސްކްރިޕްޓް ނިމުނު ނަމަވެސް، އޭގެ ކާސްޓުން އަދި ހަމަނުޖައްސާ ކަމަށެވެ. ވަރަށް އަވަހަށް ފިލްމް އިއުލާން ކުރާނެ ކަމަށް ބުނެފައިވެ އެވެ.

ބަންސާލީގެ އެންމެ ކާމިޔާބު އެއް ފިލްމް ކަމަށްވާ ހަމް ދިލް ދޭ ޗުކޭ ސަނަމް (1999) އަކީ އައިޝްވާރިޔާ އާއިި ސަލްމާން ކުޅުނު ފިލްމެކެވެ. އޭރު އެ ދެ މީހުން ރައްޓެހިވެގެން އުޅުނު ނަމަވެސް، ފަހުން އެ ގުޅުން ނިމުމަކަށް އައުމުން މިހާތަނަށް އެކުގައި އެއްވެސް ފިލްމެއްގައި މަސައްކަތްކޮށްފައެއް ނުވެ އެވެ.

އެހެންވެ "އިންޝާ ﷲ" އަކީ ސަލްމާން ލީޑަށް ލައިގެން ހަދާ ފިލްމް ކަމަށްވާ ނަމަ، އެ ފިލްމްގެ ބަތަލާގެ ރޯލް އައިޝްވާރިޔާ އަށް ހުށަނާޅާނެކަމާ ދޭތެރޭ ވެސް ސުވާލު އުފެދެ އެވެ.

ބަންސާލީއާ އަބަދު ވެސް ގާތް ގުޅުމެއް ބާއްވާ އައިޝްވާރިޔާ ވަނީ އޭނާގެ ގުޒާރިޝް (2010) އަދި ދޭވްދާސް (2002) ގައި ވެސް މަސައްކަތްކޮށްފަ އެވެ.