30 އޯގަސްޓް 2018 - 16:06

ކުއާލަ ލަމްޕޫރު (އޮގަސްޓް 30) - މެލޭޝިއާގައި މެއި މަހު ބޭއްވި އާއްމު އިންތިޚާބަށް ކަނޑައެޅި ފައިސާ އަށް ޚިޔާނާތްތެރިވުމުގެ ތުހުމަތުގައި ކުރީގެ ޖާސޫސީ ވެރިޔާ ހައްޔަރުކޮށްފި އެވެ.
މެލޭޝިއާގެ އެކްސްޓާނަލް އިންޓަލިޖެންސް އޮގަނައިޒޭޝަންގެ ކުރީގެ ޑިރެކްޓަރު ޖެނެރަލް ހަސަނާހް އަބްދުލް ހާމިދު އަކީ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ ވަރަށް ގާތް އެކުވެރިއެކެވެ.
އާއްމު އިންތިޚާބުގައި ނަޖީބަށް ލިބުނު ނާކާމިޔާބީ އަށް ފަހު ކުރީގެ ސަރުކާރުގެ އިސް އޮފިޝަލުން މިހާރު ދަނީ މަގާމުތަކުން ވަކިކުރަމުންނެވެ. އޭގެ ތެރޭގައި އެޓާނީ ޖެނެރަލް އާއި ސިވިލް ސާވިސްގެ ވެރިޔާ ހިމެނެ އެވެ.
ހަސަނާހް، 61، ހައްޔަރު ކުރީ އެންޓި ކޮރަޕްޝަން އިންވެސްޓިގޭޓަރުންނެވެ. އިންތިޚާބުގެ ފައިސާ ގެއްލިފައި ވަނީ ބޮޑު ވަޒީރުގެ އޮފީހުގެ ޑިޕާޓްމަންޓުންނެވެ. ޚިޔާނާތްތެރިވި ފައިސާގެ އަދަދު އެތައް މިލިއަން ރިންގިޓަށް އަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
މެލޭޝިއާގެ ޖާސޫސީ އިދާރާ ހިންގަމުން ދިޔައީ ބޮޑު ވަޒީރުގެ އޮފީހުގެ އިރުޝާދުގެ ދަށުންނެވެ.