31 އޯގަސްޓް 2018 - 07:29

މިހާރު ގިނަ މީހުންނަކީ ވަރަށް ބުރަކޮށް މަސައްކަތްކުރާ މީހުންނެވެ. ތިން ހަތަރު ވަޒީފާ އަދާކޮށްގެން ވެސް ދެކޮޅު ނުޖެހޭ މީހުން ބައިވަރެވެ. އެކަމަކު ޗުއްޓީއެއް ނެތި މަސައްކަތް ކުރުމަކީ މީހާގެ ސިއްހަތު ވެސް ޚަރާބުވެދާނެ ކަމެކެވެ.

ބުރަކޮށް މަސައްކަތްކުރަން ޖެހުމުން ބައެއް މީހުންނަކީ ކެއުމުގެ ވައްޓަފާޅި އަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ އިތުރަށް ކަސްރަތުކޮށްގެން ހޯދާ ހަކަތައިން ވެސް ގިނަ ވަގުތު މަސައްކަތް ކުރަން ބޭނުންވާ މީހުންނެވެ.
ނަމަވެސް ދިރާސާއެއްގައި ބުނި ގޮތުގައި އެއީ މަސައްކަތުން ޗުއްޓީއެއް ނެގުމަށް އޮތް އުޒުރަކަށްވެގެން ނުވާނެ އެވެ. މީގެ 40 އަހަރު ކުރިން ހަދަން ފެށި ދިރާސާގެ ނިމުމަކާ ހަމައަށް އައި އިރު، އޭގައި ބުނެފައި ވަނީ ޗުއްޓީ ނުނަގައި ބުރަކޮށް މަސައްކަތް ކުރުމަކީ މީހާގެ އުމުރު ކުރުވެދާނެ ކަމެއް ކަމަށެވެ.
ޖަރުމަންގެ މިއުނިކްގައި ބޭއްވި ޔޫރަޕިއަން ސޮސައިޓީ އޮފް ކާޑިއޮލޮޖީ ކޮންފަރެންސަށް ހުށަހެޅި ދިރާސާ ރިޕޯޓްގައި ބުނީ އަހަރަކު މަދުވެގެން ތިން ހަފުތާގެ ޗުއްޓީ ނުނަގައި މަސައްކަތް ކުރުމަކީ މީހާގެ އުމުރު ކުރު ވެދާނެ ކަމެއް ކަމަށެވެ. އެހެންވެ ޗުއްޓީއަކީ މަޖޫބޫރު ކަމެއް ކަމަށް ފާހަގަކޮށްފައިވެ އެވެ.
ދިރާސާ ޓީމްގައި ހިމެނޭ ފިންލެންޑްގެ ހެލްސިންކީ ޔުނިވަސިޓީގެ ޕްރޮފެސަރު ޓިމޯ ސްޓްރޭންޑްބާގް ވިދާޅުވި ގޮތުގައި މަސައްކަތުން ޗުއްޓީ ނެގުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަމެކެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ޗުއްޓީއެއް ނެތި ހޭބޯނާރައި މަސައްކަތްކުރުމަކީ މީހާގެ އުފެއްދުންތެރިކަން ދަށްވާނެ ކަމެކެވެ.
"އެހެންވެ އުފެއްދުންތެރި މީހަކަށްވުމަށްޓަކައި ވެސް މަސައްކަތުން ޗުއްޓީ ނެގުން ވަރަށް މުހިއްމު،" ޓިމޯ ވިދާޅުވި އެވެ.
ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ޗުއްޓީ ނުނަގައި ބުރަކޮށް މަސައްކަތްކުރާ ނަމަ ލޭގެ ޕްރެޝަރު މަތިވެ، ހިތުގެ މައްސަލަތައް ކުރިމަތިވެ، ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ނުރަނގަޅު އާދަތަކުގެ ތެރެއަށް ވެސް ގޮސް، މީހާ އަށް ސިއްހީ ގޮތުން ނޭދެވޭ ގިނަ ކަންތައްތައް މެދުވެރި ކުރުވާނެ އެވެ.
"ޗުއްޓީ ނުނަގައި މަސައްކަތް ކުރާ ނަމަ ޕްރެޝަރު ބޮޑުވެ، ދިރިއުޅުމަށް ވަރަށް ބޮޑަށް އޭގެ އަސަރު ކުރާނެ،" ދިރާސާގައި ބުންޏެވެ.