30 އޯގަސްޓް 2018 - 13:07

މިލާން (އޮގަސްޓް 30) – އޭސީ މިލާނުގެ ކުރީގެ ތަރި ބްރެޒިލްގެ ކަކާ ފުޓްބޯޅަ ހިންގުމުގެ ތެރެއަށް ވަނުމަށްޓަކައި އެ ކްލަބާ އަލުން ގުޅިއްޖެ އެވެ.
އޭނާ އިއްޔެ މިލާނަށް ގޮސްފައިވީ ނަމަވެސް އަދި އަދާކުރާނެ މަގާމަކާ މެދު މަޝްވަރާއެއް ނުކުރެ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ކަކާ އެންމެ ފުރަތަމަ އެ ކްލަބުގެ ދެ ޑިރެކްޓަރުން ކަމަށްވާ ޕައޮލޯ މަލްޑިނި އާއި ލެއޮނާޑޯއާ އެކު މަސައްކަތްކޮށް ތަޖުރިބާ ހޯދާނީ އެވެ.
ބެލެވޭ ގޮތުގައި ދާއިމީ މަގާމަކަށް ކަކާ ހަވާލުވާނީ ބްރެޒިލްގައި ހުންނަ މިލާނުގެ ޗީފް ސްކައުޓުގެ މަގާމާ އެވެ. ސަބަބަކީ ބްރެޒިލްގައި ދިރިއުޅޭ އޭނާގެ އާއިލާއާ ގާތުގައި މަސައްކަތްކުރަން ބޭނުންވުމެވެ. ކަކާ އަކީ ކްލަބުގެ މިހާރުގެ ޖެނެރަލް ޑިރެކްޓަރު ލެއޮނާޑޯ، ސްކައުޓެއްގެ ހުރިއިރު މިލާނަށް ގެނައި ކުޅުންތެރިޔެކެވެ.
މިލާނަށް 2003 އިން 2009 އަށް ކުޅެ ޗެމްޕިއަންސް ލީގާއި އިޓާލިއަން ލީގު ކާމިޔާބުކޮށް އަދި ބެލޮންޑިއޯ އެވޯޑް ވެސް ހާސިލްކުރި ކަކާ ރެއާލް މެޑްރިޑަށް ކުޅުމަށް ފަހު 2013/2014 ގައި މިލާނަށް އެނބުރި އައެ އެވެ. ބްރެޒިލާ އެކު 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ކަކާ ކުޅުން ހުއްޓާލީ ބްރެޒިލާއި އެމެރިކާގައި ކުޅުމަށް ފަހު މިދިޔަ އަހަރެވެ.
"މިތަނަށް އަންނަ ކޮންމެ ފަހަކު އަހަރެން ވަރަށް އުފާވޭ. އަހަރެން ބެލިން މިލާނާއި ނަޕޯލީގެ މެޗު. އުއްމީދުކުރަން މިއީ މިލާނަށް ކާމިޔާބު ސީޒަނަކަށް ވާނެ ކަމަށް. އަހަރެން ލެއޮނާޑޯއާ ވަރަށް ގިނައިން ވާހަކަދައްކަން. ސަބަބަކީ އޭނާ އަކީ އެކުވެރިއަކަށްވާތީ. އެކަމަކު މިލާނުގައި އަހަރެން އަދާކުރާނެ ދައުރަކާ ބެހޭގޮތުން އަދި މަޝްވަރާނުކުރަން،" ކަކާ ބުންޏެވެ.
މިލާނުގެ މިހާރުގެ ކޯޗު ގަޓޫސޯ އަދި ސްޕޯޓިން ސްޓްރެޓެޖީ އެންޑް ޑިވެލޮޕްމަންޓް ޑިރެކްޓަރު މަލްޑިނީ އަކީ ކަކާގެ މޮޅު ކުޅުމާ އެކު މިލާނުން 2007 ގައި ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރު އެ ޓީމުގެ ކުޅުންތެރިންނެވެ.