30 އޯގަސްޓް 2018 - 12:26

ބަންގްލަދޭޝްގެ ނިލްފަމަރީގައި ކުޅުނު ފުރަތަމަ ބައިނަލްއަގްވާމީ ފުޓްބޯޅަ މެޗުގައި އިއްޔެ ހަވީރު 20،000 ސަޕޯޓަރުންގެ ކުރިމަތީގައި އެ ގައުމުގެ މައްޗަށް ސްރީ ލަންކާ އިން 1-0 އިން ކުރި ހޯދައިފި އެވެ.
ކުރިއަށް އޮތް ސާފް ސުޒުކީ ކަޕަށް ތައްޔާރުވާން ކުޅުނު މި މެޗުގައި ލަންކާގެ ހަމައެކަނި ގޯލް ޖެހީ 11 ވަނަ މިނެޓުގައި މުހައްމަދު ފަޒަލުއްޒަމާނެވެ. ބަންގްލަދޭޝުން އެޓޭކިން ގޭމެއް ކުޅެ ގިނަ ފުރުސަތުތަކެއް ހޯދި ނަމަވެސް ބޭނުމެއް ނުހިފުނެވެ.
ޝެއިޚް ކަމާލް ސްޓޭޑިއަމުގައި އިއްޔެ ކުޅުނު މި މެޗު ބެލުމަށް މެޗު ފެށުމުގެ އެއް ގަޑިއިރު ކުރިން ދަނޑު ފުރާލި އެވެ. ހެނދުނުން ފެށިގެން މީހުން ވަނީ ދަނޑަށް ވަންނަން ފަށައިފަ އެވެ. ކްރިކެޓުގެ ސަބަބުން ބަންގްލަދޭޝްގެ ފުޓްބޯޅައިގެ ފޯރި ކެނޑިފައިވީ ނަމަވެސް ބައެއް ހިސާބުތަކުގައި އަދިވެސް ފޯރި ވަރަށް ފަދަ އެވެ.
ލަންކާގެ ކެޕްޓަން އަދި ގޯލްކީޕަރު ސުޖަން ޕެރޭރާ އަކީ ރާއްޖޭގެ ކްލަބް އީގަލްސްގެ ކުޅުންތެރިއެކެވެ. ސާފް ސުޒުކީ ކަޕުގައި ލަންކާ ހިމެނެނީ ރާއްޖެ އާއި އިންޑިއާއާ އެއް ގްރޫޕެއްގަ އެވެ. ބަންގްލަދޭޝް ހިމެނެނީ ނޭޕާލާއި ބޫޓާން އަދި ޕާކިސްތާނާ އެއް ގްރޫޕެއްގަ އެވެ.
މުބާރާތަށް ތައްޔާރުވުމަށް ރާއްޖޭން އަންނަނީ މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން ގަތަރުގައި ތަމްރީން ހަދަމުންނެވެ. މިހާތަނަށް އެކުވެރިކަމުގެ ހަމައެކަނި މެޗުން އެ ގައުމުގެ ދެ ވަނަ ޑިވިޝަނުގެ އަލް މަހްރިޔާ އަތުން 4-3 އިން މޮޅުވި އެވެ. އޭގެ ފަހުން ޕާކިސްތާނާ ދެކޮޅަށް ކުޅެން އޮތް މެޗު، އެ ޓީމަށް ގަތަރަށް ދެވޭ ގޮތް ނުވުމުން ވަނީ ކެންސަލްކޮށްފަ އެވެ.