ރޮނާލްޑޯ ޕޯޗުގަލް ޓީމުން ޗުއްޓީއެއް ނަގަނީ
ރޮނާލްޑޯ ޕޯޗުގަލް ޓީމުން ޗުއްޓީއެއް ނަގަނީ

ޓިއުރިން، އިޓަލީ (އޮގަސްޓް 30) - ޔުވެންޓަސް އަށް ވަގުތުދޭން ބޭނުންވާތީ ޕޯޗުގަލްގެ ކުރިއަށް އޮތް ދެ މެޗުގައި ނުކުޅެން އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ނިންމާފައިވާ ކަމަށް އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ރެއާލް މެޑްރިޑާ އެކު ހަތަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށް ފަހު މި ސީޒަނުގައި 117 މިލިއަން ޑޮލަރަށް ޔުވެންޓަސް އަށް ބަދަލުވި ރޮނާލްޑޯ މިހާތަނަށް އެ ޓީމަށް ކުޅެދިން މެޗުތަކުގައި އެންމެ މޮޅު ކުޅުމެއް ނުދެއްކެ އެވެ. ޔުވެންޓަސްގެ ކޯޗު މެސިމޯ އަލެގްރީ ވަނީ ރޮނާލްޑޯ ޓީމާ އެކު އެންމެ މޮޅު ކުޅުން ދައްކަން ވަގުތު ނަގާނެ ކަމަށް ބުނެފަ އެވެ.

އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އުމުރުން 33 އަހަރުގެ ރޮނާލްޑޯ ކުރިއަށް އޮތް ޕޯޗުގަލް ދެ މެޗުގައި ބައިވެރިނުވަން އެ ޓީމުގެ ކޯޗު ފެނާންޑޯ ސަންޓޯސްއާ ވަނީ މަޝްވަރާކޮށްފަ އެވެ. ރޮނާލްޑޯ ބޭނުންވަނީ ޔުވެންޓަސް ޓީމަށް ރަނގަޅަށް ހޭނުމަށާއި ފިޒިކަލީ އޭނާ ބޭނުންވާ ވަރަށް ތައްޔާރުވުމަށް މި ވަގުތު ފޯކަސް ކުރުމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ރޮނާލްޑޯގެ އެދުމަށް ޕޯޗުގަލްގެ ކޯޗު ސަންޓޯސް ވަނީ އޭނާ އަށް ޗުއްޓީއެއް ދޭން އެއްބަސްވެފަ އެވެ. ޕޯޗުގަލްގެ ތާރީހުގައި އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ރޮނާލްޑޯ އަށް އަނިޔާގެ ސަބަބުން ނުކުޅެވިދިޔަ ގައުމީ ޓީމުގެ މެޗުތަކުގައި ސަންޓޯސް ވަނީ ގިނަ އާ ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ.

އިޓާލިއަން ލީގުގައި ޔުވެންޓަސް ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވިއިރު އަދި ރޮނާލްޑޯ އަށް ލަނޑެއް ކާމިޔާބު ނުކުރެވެ އެވެ. އެ ދެ މެޗުގައި ރޮނާލްޑޯ އަށް ރަނގަޅު ފުރުސަތުތަކެއް ވެސް ލިބުނެވެ.

އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން އަށް ވަނަ ފަހަރަށް ހޯދަން ޔުވެންޓަސް އިން އަމާޒުހިފާފައިވާއިރު، މި ސީޒަނުގައި އެ ޓީމުން ވަނީ ޗެމްޕިއަންސް ލީގަށް ވެސް އަމާޒު ހިފައިފަ އެވެ. އަދި ރޮނާލްޑޯ އަކީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ކާމިޔާބު ކުޅުންތެރިއެއް ކަމަށްވާއިރު، އެ މުބާރާތް ކާމިޔާބު ކުރަން ޔުވެންޓަސް އިން ކުރާ މަސައްކަތުގައި ރޮނާލްޑޯގެ އެހީތެރިކަން ހޯދޭނެ ކަމަށް އެ ޓީމުން ގަބޫލުކުރެ އެވެ.

ޕޯޗުގަލް އަންނަ މަހު ހަ ވަނަ ދުވަހު ކުޅޭ މެޗުގައި ނުކުންނާނީ މި ފަހަރުގެ ވޯލްޑް ކަޕްގެ ރަނަރަޕް ކްރޮއޭޝިއާއާ ދެކޮޅަށެވެ. އޭގެ ހަތަރު ދުވަސް ފަހުން ޔުއެފާ ނޭޝަންސް ލީގުގައި ޕޯޗުގަލް ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އިޓަލީއާ އެވެ.