100 އާއި 50 ޑޮލަރުގެ ވަގު ނޫޓުތަކެއް ދައުރުވަނީ
100 އާއި 50 ޑޮލަރުގެ ވަގު ނޫޓުތަކެއް ދައުރުވަނީ

ވަރަށް ރަނގަޅު ފެންވަރެއްގައި ޗާޕްކޮށްފައިވާ 100 އާއި 50 ޑޮލަރުގެ ވަގު ނޫޓުތަކެއް މި ދުވަސްވަރު ދައުރުވާތީ، އެކަމަށް ސަމާލުވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭންކުތަކަށް އިއްޔެ އަންގައިފި އެވެ.

އެ ވަގު ނޫޓުތައް ދައުރުވާތީ މަރުކަޒީ ބޭންކުން ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ވަރަށް ރަނގަޅު ފެންވަރެއްގައި ޗާޕުކޮށްފައިވާ 100 އާއި 50 ޑޮލަރުގެ ވަގު ނޫޓުތަކެއް ދާދިފަހުން ފެނިފައިވާ ކަމަށެވެ. އެހެންވެ އެ ނޫޓު ދެނެގަތުމަށް ވަރަށް ބޮޑަށް ސަމާލުކަންދިނުމަށް އެމްއެމްއޭ އިން އަންގާފައިވެ އެވެ.

އެ އޮތޯރިޓީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ޑޮލަރުގެ ވަގު ނޫޓުތަކަށް ސަމާލުވާން އެންގީ މާގިނަ އަދަދެއްގެ ނޫޓުތަކެއް ފެނިގެނެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެންނަށް ޑޮލަރުގެ ވަގު ނޫޓުތަކެއް މަދުމަދުން ފެންނަމުންދޭ. އެކަމަކު ކިތަންމެ މަދުން ފެނުނު ނަމަވެސް އެކަން ބޭންކުތަކުގެ ސަމާލުކަމަށް އަޅުގަނޑުމެން ގެންނާނަން،" އޭނާ ވިދާޅުވި އެވެ.

އެމްއެމްއޭ އިން ވަނީ ދައުރުވަމުންދާ ވަގު ނޫޓެއް ފެނިއްޖެ ނަމަ އެ ނޫޓެއް ނައްތާލުމަށް ލަސްވެގެން ޖެހިގެން އަންނަ ދުވަހު އެ އޮތޯރިޓީއާ ހަވާލުކުރަން އެދިފަ އެވެ.