30 އޯގަސްޓް 2018 - 11:39

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މައުލޫމާތުތަކެއް ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން އޮފީހަށް ގޮސްފައި އޮވެދާނެ ކަމަށް އެ ކޮމިޝަނުން ކުރިން ބުނި ނަމަވެސް އެ ފަދަ މައުލޫމާތެއް ކެމްޕޭން އޮފީހަށް ދިޔަކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް އީސީން ބުނެފި އެވެ.
ރީ-ރަޖިސްޓްރޭޝަނާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ގަސަމް، އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ސިޓީއެއްގެ ޖަވާބުގައި އެ ކޮމިޝަނުން ބުނެފައިވަނީ ރީ-ރަޖިސްޓްރޭޝަން ފޯމުތަކުގައިވާ މައުލޫމާތު، އީސީގެ ފަރާތުން ޕީޕީއެމް ކެމްޕޭން އޮފީހާ ހިއްސާކޮށްފައިވާކަން އެނގޭނެ ކަމުގެ ހެއްކެއް އަދި ގަރީނާއެއް ނެތް ކަމަށެވެ.
މިދިޔަ އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ރިޔާސީ އިންތިޚާބާ ގުޅޭ މައުލޫމާތުތަކެއް ރައީސް ޔާމީންގެ ކެމްޕެއިން އޮފީހަށް ގޮސްފައި އޮވެދާނެ ކަމަށް ބަލައި، ކޮމްޕްލެއިންޓްންސް ބިއުރޯ މެދުވެރިކޮށް، އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ރީ-ރަޖިސްޓްރޭޝަން ފޯމްތަކާ ބެހޭ މައުލޫމާތުތަކެއް ރައީސް ޔާމީންގެ ކެމްޕެއިން އޮފީހަށް ލިބުނީ ކީއްވެތޯ ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި ޝަރީފް ވިދާޅުވީ ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން ކަމަށް ބުނެ މީހުންނަށް ފޯނުކޮށް ބައެއް މައުލޫމާތުތައް ސާފު ކުރާ ކަމަށެވެ.
އީސީއަށް ގަސަމް މައްސަލަ ހުށަހެޅުއްވީ ވެސް، ސްރީ ލަންކާގެ ކޮލަމްބޯއަށް ރީ-ރަޖިސްޓްރީ ކުރި ގިނަ އަދަދެއްގެ ފޯމުތަކުގައި ޖަހާފައިވާ އޭނާގެ ފޯނު ނަމްބަރަށް، ޕީޕީއެމްގެ ކެމްޕޭން އޮފީހުން ގުޅަމުންދާ ކަމަށް ބުނެ އެވެ. އޭނާ އެދިވަޑައިގެންފައިވަނީ ފޯމުތަކުގައިވާ މައުލޫމާތުތަކަކީ ހަަމައެކަނި އިލެކްޝަންސްއަށް ލިބެން ޖެހޭ އެއްޗަކަށް ވެފައި، އެ ކޮމިޝަނުގައިވާ ރައްޔިތުންގެ ސިއްރު މައުލޫމާތު ކެމްޕޭން އޮފީހާ ހިއްސާކޮށްފައިވާ ކަމަށް ތުހުމަތުކޮށް، އެ މައްސަލަ ބަލައިދިނުމަށެވެ.
ގަސަމްއަށް އީސީން ދިން ޖަވާބުގައި ބުނީ ފޯމުގައި ޖަހާފައިވާ ކަމަށް އޭނާ ވިދާޅުވާ ހަތް މޯބައިލް ނަމްބަރަކީ ވެސް އެހެން މީހެއްގެ ނަން މަތީގައި ނަގާފައިވާ ސިމްތަކެއް ކަމަށާއި ޕީޕީއެމް ކެމްޕޭން އޮފީހުން ގަސަމްއަށް ފޯނު މެދުވެރިކޮށް އެއްވެސް މުއާމަލާތެއް ކޮށްފައިވާކަން އެނގެން ނެތް ކަމަށެވެ.
"... އެހެންވެ އީސީގެ ފަރާތުން ރީ-ރަޖިސްޓްރޭޝަން ފޯމުތަކުގައިވާ މައުލޫމާތު ޕީޕީއެމްގެ ކެމްޕޭން އޮފީހާ ހިއްސާކޮށްފައިވާކަން އެނގޭނެ ހެއްކެއް، ގަރީނާއެއް ނެތް ވާހަކަ ދަންނަވަމެވެ." އެ ސިޓީގައި އީސީން ބުނެފައި ވެ އެވެ.
އީސީގެ ބައެއް މައުލޫމާތު، ކެމްޕޭން އޮފީހަށް ގޮސްފައި އޮވެދާނެ ކަމަށް އެ ކޮމިޝަނުން ބުނުމާއެކު، އިދިކޮޅު ފަރާތްތަކާއި އާއްމުންގެ ގިނަ ބަޔަކު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެ މައްސަލަ ތަހުގީގުކޮށް، ފިޔަވަޅު އެޅުމަށް ގޮވާލާފައިވެ އެވެ.
އީސީގެ ރައީސް ޝަރީފް ވިދާޅުވި ގޮތުގައި، އެ މައުލޫމާތުތައް ބަޔަކަށް ގޮސްގެން، އަންނަ މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބު އޮޅުވާލުމަކަށް މަގުފަހިވެފައެއް ނެތެވެ. އަދި ބައެއް ފަރާތްތަކުން ފޯނު ކޯލްތައް ކޮށްގެން މަސައްކަތް ކުރަނީ ވޯޓު އޮޅުވާލުމަށް މަގުފަހި ކުރަން ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެ އެވެ.