ސަބްމެރިން ކޭބަލް ބުރިވެ އާރުއޯއެލްގެ އިންޓަނެޓް ހިދުމަތް މެދުކެނޑިއްޖެ
ސަބްމެރިން ކޭބަލް ބުރިވެ އާރުއޯއެލްގެ އިންޓަނެޓް ހިދުމަތް މެދުކެނޑިއްޖެ

އިންޑިއާގެ ޓްރިވެންޑްރަމުން ރާއްޖެއަށް އަޅާފައިވާ ސަބްމެރިން ކޭބަލް ބުރިވުމުން ރާއްޖެ އޮންލައިން (އާރުއޯއެލް)ގެ އިންޓަނެޓް ހިދުމަތް އިއްޔެއިން ފެށިގެން މެދުކެނޑިއްޖެ އެވެ.

އެ ކުންފުނީގެ ހެޑް އޮފް ކަސްޓަމާ ސާވިސް އައިމިނަތު ސަނީތާ ވިދާޅުވީ ޓްރިވެންޑްރަމް ކައިރިން ކޭބަލް ބުރިވުމުން އިއްޔެ ހެނދުނު 6:30 ގައި އިންޓަނެޓް ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. އަދި ބެކަޕް މެދުވެރިކޮށް އަލުން ހިދުމަތް ދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިންޑިއާ ކޮޅުން އެހެން ސަބްމެރިން ކޭބަލެއް މެދުވެރިކޮށް އަލުން ހިދުމަތް ދެވޭތޯ މަސައްކަތްކުރަމުން މިދަނީ. އެ ހިދުމަތް އަލުން ދިނުމަށް 72 ގަޑިއިރު ނަގާނެ ކަމަށް ލަފާކުރެވޭ،" ސަނީތާ ވިދާޅުވި އެވެ.

އެ ކުންފުނިން އިންޓަނެޓް ހިދުމަތް ދެނީ އިންޑިއާގެ ރިލަޔަންސް ކޮމިއުނިކޭޝަނާއި އުރީދޫ އަދި އާރުއޯއެލް ގުޅިގެން އުފައްދާފައިވާ ޖޮއިންޓްވެންޗާ (ވާފް ޓެލެކޮމް)ގެ ސަބްމެރިން ކޭބަލެއް މެދުވެރިކޮށެވެ.

ސަބްމެރިން ކޭބަލް ބުރިވެގެން މީގެ ކުރިން ވެސް ރާއްޖޭގެ އިންޓަނެޓް ހިދުމަތަށް ބުރޫއަރާފައިވެ އެވެ.