31 އޯގަސްޓް 2018 - 07:30

ދެ ދަރިން ލިބިފައި ވަނިކޮށް ޑައިރެކްޓަރު/އެކްޓަރު ފަރްހާން އަހްތަރުގެ ކައިވެނި 2016 ގައި ރޫޅުނު ހިސާބުން އޭނާގެ ލޯބީގެ ވާހަކަތައް މީޑިއާތަކުގައި ގިނަ އެވެ. "ދިލް ޗާހަތޭ ހޭ" އިން ޑައިރެކްޝަނަށް ނުކުތް އަދި "ބާގް މިލްކާ ބާގް" ކުޅެގެން ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ފަރްހާން، 44، އާ މި ދޭތެރެ އިން އެންމެ ބޮޑަށް އަޅުވާ ކިޔާފައި ވަނީ ޒުވާން ބަތަލާ ޝްރަދާ ކަޕޫރް، 31، އާ އެވެ.
އެކަމަކު އޭގެ ކުރިން ބަތަލާ ކަލްކީ ކޮޗްލިންއާ ވެސް ފަރްހާން އަޅުވާ ކިޔާފައިވެ އެވެ. ފަރްހާންއާ އެކު "ޒިންދަގީ ނާ މިލޭގީ ދޮބާރާ" ގައި މަސައްކަތްކޮށްފައިވާ ކަލްކީއަކީ ޑައިރެކްޓަރު އަނޫރާގް ކެޝަޕްގެ ކުރީގެ އަންހެނުންނެވެ.
ފަރްހާނާއި ޝްރަދާގެ ލޯބީގެ ކުޅިގަނޑުގެ ވާހަކަ އެންމެ ހޫނުވީ ދެ ތަރިން "ރޮކް އޮން 2" ކުޅުނު ދުވަސްވަރު އެވެ. އޭރު ވަރަށް ސީރިއަސްކޮށް، ލޯބީގެ ގޮތުން ގުޅި، އެކަހެރި ބައްދަލުވުންތައް ބާއްވާ ކަމުގެ އަޑުތައް ވެސް ގަދަވި އެވެ.
އެކަމަކު މިހާރުގެ ފަރްހާންގެ ހަޔާތުން ޝްރަދާގެ ބާބު މާޒީވެއްޖެ އެވެ. ރިޕޯޓްތައް މިހާރު ބުނަނީ އޭނާ އާއި މޮޑެލް/ލަވަކިޔުންތެރިޔާ އަދި ބަތަލާ ޝިބާނީ ޑަންޑޭކަރް ރައްޓެހިވެގެން އުޅޭ ކަމަށެވެ. ޝިބާނީއަކީ މޮޑެލް އަދި އެމްޓީވީގެ ވީޖޭ އަނުޝްކާ ޑަންޑޭކަރްގެ ކޮއްކޮ އެވެެ.
އަނުޝްކާ އާއި އޭނާގެ ލޯބިވެރިޔާ އަދި އެކްޓަރު ކަރަން ޕަޓޭލް "ލަވް ސްކޫލް" ގެ ނަމުގައި ހޯސްޓްކުރާ ޝޯއެއް އެމްޓީވީން މިހާރު ވެސް ދައްކަ އެވެ.
މީޑިއާތަކުން ބުނެފައިވާ ގޮތުގައި ޝިބާނީ އާއި ފަރްހާންގެ ގުޅުން މިހާރު ވަރަށް ސީރިއަސް އެވެ. މި މަހުގެ 27 ގައި ފާހަގަ ކުރި ޝިބާނީގެ 38 ވަނަ އުފަން ދުވަހުގެ ތަހުނިޔާ ވެސް ފަރްހާން ފްލައިން ކިސް އިމޯޖީތަކަކާ އެކު އިންސްޓަގްރާމް ސްޓޯރީން ފޮނުވާފައިވާތީ ވެސް، މީޑިއާތަކުން ބުނަނީ އެއީ ހިތާވެގެން އުޅޭ ކަމުގެ ނިޝާނެއް ކަމަށެވެ.
"ޑޮން" ފަދަ ފިލްމްތައް ގެނެސް ދިން ފަރްހާނާއި ހެއާ ސްޓައިލިސްޓް އަދޫނާ ބަބާނީގެ 16 އަހަރުވީ ކައިވެނި ރޫޅައިލި އިރު، ދެ މީހުންނަށް ލިބިފައި ވަނީ ދެ އަންހެން ކުދިންނެވެ. އެއީ މިހާރު ފުރާވަރަށް އަރާފައި ތިބި ޝަކިޔާ އަހްތަރާއި އަކީރާ އަހްތަރު އެވެ.
ސްކްރީން ރައިޓަރެއްގެ ގޮތުގަ އާއި ލަވަކިޔުންތެރިއެއްގެ ގޮތުގައި ވެސް ފާހަގަކޮށްލެވޭ ފަރްހާން މިހާރު އަންނަނީ "ދަ ސްކައި އިޒް ޕިންކް" ކިޔާ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ.