"ކަޕިލް ޝަރްމާ ޝޯ" އާ އެކު ކަޕިލް ވަރަށް އަވަހަށް އަންނާނެ
"ކަޕިލް ޝަރްމާ ޝޯ" އާ އެކު ކަޕިލް ވަރަށް އަވަހަށް އަންނާނެ

ސޮނީ ޓީވީން ދައްކަމުން އައި "ދަ ކަޕިލް ޝަރްމީ ޝޯ" ހުއްޓައިލުމަކީ ވަރަށް ގިނަ ބަޔަކު މާޔޫސް ކުރުވި ކަމެކެވެ. އެ ޝޯ މިދިޔަ އަހަރު ހުއްޓާލައި މި އަހަރުގެ ކުރީކޮޅު ސޮނީން ވަނީ "ފެމިލީ ޓައިމް ވިތު ކަޕިލް ޝަރްމާ" ގެ ނަމުގައި އާ ޝޯއެއް ފަށައި ދެ ތިން އެޕިސޯޑް ގެނެސް ދީފަ އެވެ.

އެކަމަކު އެ ޝޯ ބެލުންތެރިންނަށް ކަމުނުދިޔަ އިރު، ކަޕިލް އަށް ދިމާވި އެކި ކަހަލަ މައްސަލަތަކާ ގުޅިގެން އެ ޝޯ ވެސް ޖެހުނީ ކުއްލި ގޮތަކަށް ހުއްޓައިލާށެވެ. އޭގެ ފަހުން ދެން އަޑު އިވިގެން ދިޔައީ ކަޕިލް ޑިޕްރެޝަނަށް ގޮސް، ރަލަށް ދެވި ހިފައި، ސިއްހީ ގިނަ މައްސަލަތެއްގެ ތެރޭގައި އުޅޭ ވާހަކަ އެވެ. މިކަންތައްގަނޑުގެ ތެރޭގައި އޭނާ ވަރަށް ބޮޑަށް ފަލަވެ، ކުރިން ހުރި ސިފަ ވެސް ވަނީ މުޅިން ބަދަލުވެފަ އެވެ.

ނަމަވެސް ކަޕިލް މިހާރު ހުރީ އަނެއްކާ ވެސް އެނބުރި ބެލުންތެރި ހެއްވައިލަން އަންނަން ތައްޔާރަށެވެ. އޭނާ ބުނި ގޮތުގައި ދެން މާ ލަސްތަކެއް ނުވެ "ދަ ކަޕިލް ޝަރްމާ ޝޯ" ގެ އާ ސީޒަނާ އެކު ބެލުންތެރިންނާ ބައްދަލު ކުރާނެ އެވެ.

"ކުރީގެ ޝޯ އާއި ފަހުގެ ޝޯ އިން ތަފާތުތަކެއް ފެނި ވެސް ދާނެ. އެކަމަކު މާ ބޮޑު ތަފުސީލަކަށް އަދި ދެވޭކަށް. މި މަސައްކަތުގެ އިނިޝިއަލް ސްޓޭޖްގައި އަދި މި އުޅެނީ،" ބައެއް ފިލްމްތައް ވެސް ކުޅެފައިވާ ކޮމީޑިއަން ބުންޏެވެ. "އެކަމަކު ފޭނުންނަށް ދޭން އޮތް ޔަގީން ކަމަކީ ވަރަށް އަވަހަށް ކަޕިލް ޝަރްމާ ޝޯއާ އެކު އެނބުރި އަންނާނެކަން."

ސިއްހަތާ ބެހޭ ގޮތުން ކަޕިލް ބުނީ އޭނާ މިހާރު ހުރީ ރަނގަޅު ފައްތަރެއްގައި ކަމަށެވެ. އަދި ކުރިމަތިވި ސިއްހީ މައްސަތަލަތަކުން އަރައި ގަންނަން ކުރި މަސައްކަތުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށް ބުންޏެވެ.

"އާއިލާގެ ސަޕޯޓް ވަރަށް ބޮޑު. އަހަރެން މިހާރު މި އަންނަނީ މުޅިން ރިކަވާ ވަމުން،" ކޮމީޑިއަންއެއްގެ ގޮތުގައު ހޯދި މަޝްހޫރުކަމާ އެކު، ބޮޑު އާމްދަނީއެއް ވެސް ލިބެމުން ދިޔަ ފަންނާނު ބުންޏެވެ.

ޔަގީނުން ވެސް ކަޕިލްގެ އެނބުރި އައުންވެގެން ދާނީ އޭނާގެ ފޭނުން ލައްކަ އުފާވާނެ ކަމަކަށެވެ. އަދި އޭނާގެ ޝޯ ހުއްޓުމަކަށް އައިސްގެން ފޫހިވެފައި ތިބި މީހުން މިހާރު ތިބޭނީ އާ ޝޯ ފަށާނެ ދުވަހެއްގެ އިންތިޒާރުގަ އެވެ.