31 އޯގަސްޓް 2018 - 07:30

ވަރުން ދަވަން އާއި ލޯބިވެރިޔާ ނަތާޝާ ދަލާލްގެ ލޯބީގެ ވާހަކަތައް މީޑިއާތަކުގައި ދެކެވުނު ނަމަވެސް، އެ ގުޅުމާ ބެހޭ ގޮތުން ޒުވާން އެކްޓަރު މިހާތަނަށް މާ ގިނަ ވާހަތަކެއް ނުދައްކަ އެވެ. އަނެއްކޮޅުން ނަތާޝާއާ ރައްޓެހިވެގެން އުޅޭކަން ވެސް ރަސްމީކޮށް ވަރުން މީގެ ކުރިއަކުން ބުނެފައެއް ނެތެވެ.
ނަމަވެސް ފިލްމްފެއާ މަޖައްލާގެ އަންނަ މަހުގެ އަދަދަށް ދިން ކަވަ އިންޓަވިއުއުއްގައި ވަރުން، 31، ވަނީ ނަތާޝާއާ ބެހޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނި ގޮތުގައި އެއީ ވަރަށް ފުން އިތުބާރު ކުރެވޭ ޒަމާންވީ ގުޅުމެކެވެ. އަދި ކައިވެންޏަށް ވެސް ތައްޔާރު ކަމަށް ވަރުން ބުންޏެވެ.
"އަހަރެން އެކަމަށް ހަމަ ތައްޔާރު. އެކަމަކު މި ދަނޑިވަޅުގައި ބުނަން ވަަރަށް ދަތި ކައިވެނި ކުރާނެ އިރެއް،" ބޮލީވުޑްގައި މި ވަގުތު ހުރި އެންމެ ކާމިޔާބު އަދި އެންމެ ޑިމާންޑް ބޮޑު އެއް އެކްޓަރު ބުންޏެވެ.
ވަރުން ބުނީ އޭނާ މިހާތަނަށް ނަތާޝާގެ ވާހަކަތައް މީޑިއާގައި ނުދައްކަނީ އޭނާ "ލައިމްލައިޓަށް" ގެނައުމަކީ އިންސާފުވެރި ގޮތަކަށް ނުވާތީ ކަމަށެވެ. އަދި ނަތާޝާއަކީ ފިލްމީ ދާއިރާއާ ގުޅުމެއް އޮތް މީހަކަށް ނުވާތީ އޭނާގެ ޕްރައިވެސީ އަށް ވިސްނަން ޖެހޭ ކަމަށް ބުންޏެވެ.
"އަހަންނަކީ ފިލްމީ ތަރިއަކަށް ވިޔަސް، އަހަންނަކީ ވެސް ވަރަށް ބޮޑަށް ޕްރައިވެސީ އަށް ލޯބިކުރާ މީހެއް. އެހެންވެ އެހާ ފަސޭހަ އަދި ގަޔާވާ ކަމެއް ވެސް ނޫން ޒާތީ ވާހަކަތައް މާ އޯޕަންކޮށް ދެއްކުމަކީ،" އަންނަ މަހުގެ 28 ގައި ރިލީޒް ކުރާ "ސުއީ ދާގާ: މޭޑް އިން އިންޑިއާ" ގެ ބަތަލު ބުންޏެވެ.
ވަރުން ބުނި ގޮތުގައި ނަތާޝާ އާއި އޭނާގެ ގުޅުމަކީ ފެށުނީއްސުރެ ވެސް ވަރަށް ބަދަހި ގުޅުމެކެވެ. އެކަމަކު ފޯކަސް މި ވަގުތު ބޮޑަށް އޮތީ ކެރިއާ ކަމަށް ބުންޏެވެ.
"ބުނެވިދާނެ އަހަރެންގެ ފުރަތަމަ ލޯބްތަކީ އަދިވެސް ފިލްމީ މަސައްކަތޭ. އެކަން ނަތާޝާ އާއި އާއިލާ އަށް ވެސް ވަރަށް ރަނގަޅަށް އެނގޭނެ،" މަޝްހޫރު ޑައިރެކްޓަރު ޑޭވިޑް ދަވަންގެ ހަގު ފިރިހެން ދަރިފުޅު ބުންޏެވެ.
ވަރުން ބުނީ އޭނާގެ ކެރިއަރު ކާމިޔާބުކަމާ އެކު ކުރިއަށް ދިއުމުގެ އެންމެ ބޮޑު އެއް ސިއްރަކީ ވެސް ލޯބިވެރިޔާ އާއި އާއިލާގެ ސަޕޯޓް ކަމަށެވެ. އަދި "ބަދްލާޕޫރް" އާއި "އޮކްޓޯބާ" ފަދަ ފިލްމްތައް ކުޅުނީ އެ މީހުންގެ އިރުޝާދުގެ ދަށުން ކަމަށް ވެސް ބުންޏެވެ.
ވަރުންގެ ކުރިއަށް ހުރި އިތުރު ފިލްމްތަކުގެ ތެރޭގައި އަންނަ އަހަރު ރިލީޒް ކުރާ "ކަލަންކް" އާއި ރެމޯ ޑި ސޫޒާ ޑައިރެކްޓް ކުރާ ޑާންސް ފިލްމެއްގެ އިތުރުން 2020 ގައި ރިލީޒް ކުރާ ޝަޝަންކް ކައިތާންގެ "ރަންބޫމީ" ހިމެނެ އެވެ.