ސެމްސަންގް ގެލަކްސީ ނޯޓް 9: ރިމޯޓް ކޮންޓްރޯލް
ސެމްސަންގް ގެލަކްސީ ނޯޓް 9: ރިމޯޓް ކޮންޓްރޯލް

ސެމްސަންގް ގެލަކްސީ ނޯޓް މަރުކާގެ ފޯނުތައް ޚާއްސަވަނީ އެ އަށް ދީފައި އޮންނަ ހަތިޔާރު، "އެސް ޕެން"ގެ ސަބަބުންނެވެ. ސެމްސަންގުން މި ފަހަރު ގެލަކްސީ ނޯޓް 9 ނެރުނުއިރު "އެސް ޕެން" ވަނީ ހަތިޔާރަކަށް ވުރެ ވެސް ބާރުގަދަ އެއްޗަކަށް ހަދާފަ އެވެ. އެއީ މިހާރު ރިމޯޓް ކޮންޓްރޯލެކެވެ..

ރިމޯޓް ކޮންޓްރޯލެއް ގޮތުގައި އެސް ޕެން ބޭނުންހިފާނެ ގޮތް ކިޔައިދިނުމަކީ ސެމްސަންގަށް ނުހަނު ބޮޑު ފަޚުރެކެވެ. ނޯޓް ތެރެއިން އެސް ޕެން ދަމައިގަނެ، އެޕްލިކޭޝަންތައް ކޮންޓްރޯލްކުރުން ނުހަނު ފަސޭހަ އެވެ. އެސް ޕެން އަށް ލިބިފައިވާ ހަމައެކަނި "ބަޓަން" ނުވަތަ ފިތަށް ފިތާލުމުން ކުރެވޭ ކަންތައްތައް ބައިވަރެވެ. ކެމެރާ އެޕްލިކޭޝަން ހުޅުވައި، ފޮޓޯނަގައި، ވީޑިއޯކޮށް އަދި ކެމެރާ ބަދަލުކުރުން ފަދަ ފަސޭހަތައް މިހާރު ވަނީ އިނގިލިކުރިން، ދަނޑިކޮޅުގެ ކުރި އަށް ފުންމައިގެން ގޮސްފަ އެވެ.

ގެލަކްސީ ނޯޓް 9 އަތަށް އަރާއިރު، އެސް ޕެން ކޮންޓްރޯލްކުރުމަށް ސެޓިންތަކެއް ހުރެ އެވެ. ހާސްނުވާށެވެ. އެ ސެޓިންތައް މުޅިން ފޮހެލައި، އާ ސެޓިންތަކެއް ހެދުން، އަތްފަރިތަ ކުދިންނަށް އެއްވެސް ކަމަކަށް ނުވާނެ އެވެ. އެސް ޕެންގެ ބަޓަނަށް އެއް ފަހަރު ފިތާލުމުން ނުވަތަ ދެ ފަހަރު ފިތާލުމުން ނޫން ނަމަ ފިތާލައިގެން އިރުކޮޅަކު ހުރުމުން ކުރެވެން ޖެހެނީ ކޮންކަމެއްކަން ކަނޑައެޅުމުގެ ބާރު، ފޯނު ބޭނުންކުރާ މީހާ އަށް ލިބިފައި ވެ އެވެ. މިއީ އުފާކުރަން ޖެހޭ ވަރުގެ ބޮޑު ފަސޭހައެކެވެ.

އެސް ޕެން ބްލޫޓޫތު ޑިވއިސްއަކަށް ހަދައި، ސެމްސަންގުން ވަނީ އެއިން ކުރެވިދާނެ ބޭނުންތައް ދައްކާލާފަ އެވެ. އަދި އެސް ޕެން ބޭނުންކޮޮށްގެން އިތުރު ކަމެއް ކުރަން އެދޭ ނަމަ، އެ ކަމެއް ޑިވެލޮޕަރުން އުފައްދަންވީ އެވެ. އެސް ޕެން އަށް އެޕްލިކޭޝަން އުފެއްދުމަށްޓަކައި ވަނީ "ޕެން އެސްޑީކޭ – ޕެން ސޮފްޓްވެއާ ޑިވެލޮޕްމަޓް ކިޓް" އަށް ބަދަލު ގެނެސް، ބްލޫޓޫތު ސަޕޯޓްކުރުވާނެ ގޮތް ގާއިމުކޮށްފަ އެވެ. މާނަ އަކީ ދުރުގައި ނޯޓް ބާއްވައިގެން ވެސް ބޭނުންހިފިދާނެ ކަމެވެ. އެއިރުން ޑޭވިޑް ކޮޕާފީލްޑް ނޫނަސް ދަނޑިކޮޅު ހޫރާލައިގެން ކޮންމެ މީހަކަށް ވެސް ޖާދޫ ހެދިދާނެ އެވެ.

ސެމްސަންގް ގެލަކްސީ ނޯޓް 9ގެ އެސް ޕެން އަށް ބްލޫޓޫތު ސަޕޯޓްދިނުމުން، ސްމާޓްފޯން ދަރަޖަކުރުމަށް ވެސް ބަދަލު އަތުވެދާނެ އެވެ. އިނގިލިކުރިން ކުރެވޭ އީޝާރާތުން ސްމާޓް އާލާތްތައް ކޮންޓްރޯލްކުރުމަށް މިސްރާބުޖަހާފައި ވާއިރު، ޒަމާނަށް ވުރެ ކުރިން ޓެކްނޮލޮޖީ މި އޮތީ އައިސްފަ އެވެ. އަދި ސެމްސަންގް ސްމާޓް އެސިސްޓެންޓް، ބިކްސީބީ ކޮންޓްރޯލްކުރުން އެސް ޕެން އަށް ދީފި ނަމަ، ހޮޅިބުރި، ފަންކާ އަދި ޓީވީ ކޮންޓްރޯލްކުރެވޭ ވަރުގެ ހަތިޔާރަކަށް އެސް ޕެން ވީ އެވެ. އެސް ޕެން އިން ވައިގެ ތެރޭގައި ކުރެވޭ ހަރަކާތްތައް ތަރުޖަމާކުރެވޭ ވަރުގެ އާލާތަށް ނޯޓް މަރުކާގެ ފޯނުތައް ވާނެ ދުވަސް ވެސް މިއޮތީ އައިސްފަ އެވެ.