29 އޯގަސްޓް 2018 - 19:39

ނިއު ދިއްލީ (އޮގަސްޓް 29) - އިންޑިއަން ރުޕީސްގެ އަގު ޑޮލަރާ އަޅާބަލާއިރު ރެކޯޑް މިންވަރަކަށް އަނެއްކާވެސް މިއަދު ދަށަށް ހިނގައްޖެ އެވެ.
އޭޝިއާގެ ތިން ވަނަ އަށް އެންމެ ބޮޑު އިގްތިސާދު އޮތް ގައުމުގެ ފައިސާ ޑޮލަރަކަށް މިއަދު މާރުކޮށްފައި ވަނީ 70.50 ރޭޓުގަ އެވެ. އިންޑިއަން ރުޕީސްގެ އަގު މި އަހަރު ފެށުނީއްސުރެ ވަނީ ދަށަށް ދާން ފަށައިފަ އެވެ. އަހަރު ފެށުނު އިރު އަގު ހުރީ ޑޮލަރަކަށް 63.67 ރުޕީސްގަ އެވެ.
މި މަހު މެދުތެރޭގައި ވެސް ވަނީ ރުޕީސްގެ އަގު ރެކޯޑް މިންވަރަކަށް ދަށަށް ގޮސްފަ އެވެ. މި މަހު 14 ވަނަ ދުވަހު މާރުކޮށްފައި ވަނީ ޑޮލަރަކަށް 70.09 ރުޕީސް އެވެ.
ރުޕީސްގެ އަގު ވެއްޓެމުން ދާތީ އެކްސްޕޯޓަށް ވުރެ އިމްޕޯޓުގެ އަގު މަތިވަމުންދިއުމުން އިންޑިއާގެ ކަރަންޓް އެކައުންޓް ޑެފިސިޓް ދަނީ ބޮޑުވަމުންނެވެ. އިންޑިއާ އަށް ބޭނުންވާ ތެލުގެ ތިން ބައިކުޅަ ދެ ބަޔަކީ އިމްޕޯޓް ކުރާ ތެލެވެ. ތެލުގެ އަގު މަތިވަމުން ދިއުމަކީ ވެސް އިންޑިއާގެ އިގްތިސާދަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެކެވެ. ރުޕީސްގެ އަގު ހިފެހެއްޓުމުގެ ގޮތުން އިންޑިއާގެ ސެންޓްރަލް ބޭންކުން މި އަހަރު ވަނީ ދެ ފަހަރެއްގެ މަތިން އިންޓަރެސްޓް ރޭޓް ބޮޑު ކޮށްފަ އެވެ.
އިންޑިއާ ފައިސާގެ އަގު މިދިޔަ ޖޫން 28 ވަނަ ދުވަހު ވެސް ވަނީ ރެކޯޑް އަގަށް ދަށްވެފަ އެވެ. އެ ދުވަހު ހެނދުނު ޑޮލަރަކަށް އިންޑިއަން ރުޕީސް މާރުކުރި އަދަދު ވަނީ 69.0925 އަށް ވެއްޓިފަ އެވެ. އޭގެ ކުރިން ރުޕީސްގެ އަގު އެންމެ ދަށްވެފައި ވަނީ ނޮވެމްބަރު 24، 2016 ގަ އެވެ. އެ ފަހަރު ޑޮލަރާ އަޅާބަލާ އިރު ރުޕީސްގެ އަގު ވަނީ 68.8650 އަށް ވެއްޓިފަ އެވެ.