29 އޯގަސްޓް 2018 - 18:13

އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓު ލުމަށް ރެޖިސްޓަރީ ވެފައިވާ ތަން ބެލުމަށް އެސްއެމްއެސް ފޮނުވާ ނަމްބަރު 1414 އިގެ ޚިދުމަތް އަލުން ފަށައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، 14141 އިގެ ޚިދުމަތް މިއަދު ހެނދުނު މެދުކެނޑުނީ އެ ކޮމިޝަނަށް އިންޓަނެޓުގެ ޚިދުމަތް ދޭ އޮޕަރޭޓަރަށް ކުރިމަތިވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އެކަމަކު، އެ މައްސަލަ ހައްލުކޮށް، މާ ގިނައިރުތަކެއް ނުވަނީސް 1414 އަށް އަލުން އެސްއެމްއެސް ފޮނުވޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.
ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ރީރެޖިސްޓަރީ ކުރުމުގެ މުއްދަތު ހަމަވިއިރު، ފޯމުގައި ޖަހާފައިވާ އިނގިލީގެ ނިޝާންގެ މައްސަލަތަކާ ގުޅިގެން 5626 ފޯމު އިލެކްޝަންސް ކޮމިޝަނުން ވަނީ ބާތިލްކޮށްފަ އެވެ. އަދި އެ މީހުންގެ ފޯމު އަލުން ހުށަހެޅުމަށް ދިން މުއްދަތު މިއަދު ހަވީރު 6:00 އަށް ވަނީ ހަމަވެފަ އެވެ.