29 އޯގަސްޓް 2018 - 15:04

ރާއްޖެ އިން ބޭރުގެ ފަރާތްތަކަށް ރިޔާސީ އިންތިޚާބު އޮބްޒާވްކޮށް، މޮނިޓާ ކުރެވޭނީ އިލެކްޝަންސް ކޮމިޝަންގެ ހުއްދައާ އެކު ބިޒްނަސް ވިސާގައި ކަމަށާއި ޓޫރިސްޓު ވިސާގައި އިންތިޚާބުގެ އެއްވެސް ކަމެއްގައި ބައިވެރިވާނަމަ ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.
އެތަނުން ނެރުނު ބަޔާނުގައި ބުނީ އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބު، ބޭރުގެ އެއްވެސް ފަރާތަކަށް މޮނިޓާ ކުރެވޭނީ އިލެކްޝަންސުން ހުއްދަ ނަގައިގެން ކަމަށެވެ. އެކަމަށް ކުރިމަތިލާ، ފަރާތްތަކުގެ ތެރެއިން ހުއްދަ ދޭ ފަރާތްތަކަށް ބިޒްނަސް ވިސާ ދޫކުރާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ޓޫރިސްޓުންގެ ގޮތުގައި ރާއްޖެ އެތެރެވެ، އިންތިޚާބާ ގުޅޭ އެއްވެސް ކަމެއް ކުރުމަކީ އިމިގްރޭޝަންގެ ގާނޫނާ ވެސް ޚިލާފު ކަމެއް ކަމަށް ބަޔާނުގައި ވެ އެވެ.
"އެހެންކަމުން ޓޫރިސްޓު ވިސާގައި އެތެރެވެ، އިންތިޚާބު ކަވަރުކުރުމުގެ އެއްވެސް މަސައްކަތެއްގައި ޝާމިލްވާ ފަރާތްތަކާ މެދު އިމިގްރޭޝަންގެ ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަން މި ފުރުސަތުގައި ހަނދާން ކޮށްދެމެވެ،" އެ ބަޔާނުގައިވެ އެވެ.
އިމިގްރޭޝަނުން އެދިފައި ވަނީ، ބިޒްނަސް ވިސާގެ ގަވާއިދުގައި ބުނެފައިވާ ލިޔެކިޔުންތަކުގެ އިތުރުން، ރިޔާސީ އިންތިޚާބު ކަވަރުކުރަން ދީފައިވާ ހުއްދަ އާއި ބިޒްނަސް ވިސާގެ ގަވާއިދުގައިވާ ގޮތުގެ މަތިން ލިޔެކިޔުންތައް ހުށަހެޅުމަށެވެ.
އިންތިޚާބު އޮބްޒާވްކުރުމާއި މޮނިޓަކުރަން އަންނަ ފަރާތްތަކުން ބިޒްނަސް ވިސާ އަށް އެދުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ 15 އެވެ.
ފުރިހަމަ ނުވާ އެޕްލިކޭޝަންތަކާއި ލިޔުންތައް ފުރިހަމަ އަށް ހުށަހަޅާފައިވާ ނުވާ ނަމަ އެޕްލިކޭޝަން ބާތިލްކުރާނެ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
"އިލެކްޝަންސް 2018، ކަވަރު ކުރުމަށް އަންނަ ފަރާތްތައް ރާއްޖެ އަށް އަންނަން ވާނީ ބިޒްނަސް ވިސާ އެޕްރޫވްމުންނެވެ. އޭގެ ކުރިން އަންނަ ފަރާތްތައް ރާއްޖެ އަށް އެތެރެވިޔަ ނުދީ ފޮނުވާލާނެ ކަން ވެސް މި ފުރުސަތުގައި ހަނދާން ކޮށްދެމެވެ،" ބަޔާނުގައިވެ އެވެ.
ރިޔާސީ އިންތިޚާބު އޮބްޒާވްކުރަން ބޭނުންވާ ބޭރުގެ ފަރާތްތަކަށް އިލެކްޝަންސުން މިހާރު ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.