މި ޖީންސްގެ ބަތާނަފުށް އޮންނަނީ ބޭރަށް
މި ޖީންސްގެ ބަތާނަފުށް އޮންނަނީ ބޭރަށް

އެސޮސް އިން ދާދި ފަހުން ތައާރަފްކުރި، ކޮނޑުކެނޑި ފާޑުގެ އެއްޗަކާ ހުރެ ފާޑުކިޔުންތައް ވަރަށް ބޮޑުވި އެވެ. އެކަމަކު އަނެއްކާވެސް ހަމަ މި މައުލޫއަށް ވާހަކަ ދެކެވޭނެ ޑިޒައިނެއް ފެޝަނަކަށް ހެދީ އެވެ. މި ފަހަރު އިނގިރޭސިވިލާތުގެ ފެޝަން ކުންފުނި "ފާފެޗް" ގެ ޒަމާނީ ޖީންސެކެވެ. މިއީ ލައިގެން ހުންނަ އިރު، އެތެރެ ބޭރަށް ހުންނަ ގޮތް ދައްކުވައިދޭ ފަރުމާއެކެވެ.

މިއަށް ނަން ވެސް ދީފައި ވަނީ ފެންނަން ހުންނަ ގޮތް ސިފަކޮށް ދީފަ އެވެ. އެއީ "އިންސައިޑް-އައުޓް އިފެކްޓް" އެވެ. މި ޖީންސްގެ އެންމެ އާދަޔާހިލާފު އަނެއް ކަމަކީ ޓައިޓެއް ކަހަލަ ދިގު ފޮތިގަނޑެއް ޖީންސްގެ ފަހަތާއި އަރިމަތީގައި އެލުވާފައި އޮތުމެވެ. އަދި ޖީންސްގެ ކުރިމަތީގައި ހުންނަ ގޮށްތައް ވެސް ހުންނާނީ ފާޅުކޮށް ފެންނާށެވެ.

ހައިރާންވާން ޖެހޭ އަނެއް ކަމަކީ އެތެރެ ބޭރަށް ހުންނަ ޖީންސްގެ އަގު ވެސް ބޮޑުކަމެވެ. ރިޓެއިލް އަގެއްގެ ގޮތުގައި މި ވަގުތު މި ޖީންސް 368 ޕައުންޑަށް ލިބުނަސް މީގެ އަސްލު އަގަކީ 920 ޕައުންޑެވެ.

މި ފަރުމާ އޮތް ގޮތުންނާއި މީގެ އަގު ވެސް ހުރި ގޮތުން އެތައް ބަޔަކު މިހާރު އަންނަނީ ސޯޝަލް މީޑިއާގައި މިއަށް ފާޑު ކިޔައި، ޖޯކް ޖަހަމުންނެވެ.

މި ފަހަކަށް އައިސް ފެޝަން ކުންފުނިތަކުން އެއްޗަކަށް ނުވާ ކަހަލަ ފަރުމާތައް ނެރެ، ވިއްކަން އުޅޭތީ ވަރަށް ގިނަ ބަޔަކު ދަނީ އެކަމާ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި އެފަދަ ކުންފުނިތަކުން ހަދާނެ ނަހަދާނެއެއް ނޭނގި މޮޔަވެގެން އުޅޭ ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ.