މަހަކު ތިން ޗޮކްލެޓް ކާލަން ވާނެ
މަހަކު ތިން ޗޮކްލެޓް ކާލަން ވާނެ

ޗޮކްލެޓް ކާހިތް ނުވާ މީހަކު މަދުވާނެ އެވެ. ވަކި އުމުރެއް އިސްތިސްނާއެއް ވެސް ނުވެ އެވެ. އެކަމަކު ފަލަވެދާނީ ބިރުން ޗޮކްލެޓާ ތަންކޮޅެއް ދުރުން އުޅޭ މީހުން ވެސް މަދެއް ނޫނެވެ.

ދިރާސާއެއްގައި މިހާރު ބުނާ ގޮތުން މަހަކު މަދުވެގެން ތިން ޗޮކްލެޓް ކައިލުމަކީ ހިތުގެ މައްސަލަތަކާ ދުރުކޮށް ދޭނެ ކަމެކެވެ.

މިއުނިކްގައި ބޭއްވި ޔޫރަޕިއަން ސޮސައިޓީ އޮފް ކާޑިއޮލޮޖީ ކޮންފަރެންސަށް ހުށަހެޅި ދިރާސާ ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ގޮތުގައި މަހަކު ތިން ޗޮކްލެޓް ކާ ނަމަ ހާޓް ފެއިލިއާތަކުން މީހާ ދުރުކޮށްދޭނެ ދޭނެ އެވެ. އެގޮތުން އެއްގޮތަކަށް ވެސް ޗޮކްލެޓް ނުކާ މީހުންނާ އަޅާކިޔާ އިރު، ޗޮކްލެޓް ކާ މީހުން ހިތުގެ މައްސަލަތަކުން 23 ޕަސެންޓަށް ރައްކާތެރިކޮށްދޭ ކަމަށް ބުންޏެވެ.

އެކަމަކު މާ ގިނައިން ޗޮކްލެޓް ކެއުމަކީ ހިތަށް ގެއްލުން ހުރި ކަމެކެވެ. އެގޮތުން މާ ގިނައިން ޗޮކްލެޓް ކާ ނަމަ ހިތުގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު 17 ޕަސެންޓަށް އިތުރުވެ އެވެ.

ދިރާސާ ޓީމްގައި ހިމެނޭ އެމެރިކާގެ ނިއު ޔޯކްގެ އިކާން މެޑިސިން ސްކޫލްގެ ރިސާޗަރު ޑރ. ޗަޔަކްރިތު ކްރިޓަނަވޮންގް ވިދާޅުވި ގޮތުގައި ޗޮކްލެޓްގައި އެކުލެވޭ ފްލެވޮނޮއިޑްސްއަކީ ސިއްހަތަށް ވަރަށް ފައިދާ ހުރި އެއްޗެކެވެ. އޭގެ ސަބަބުން ހަށިގަނޑުގެ ނާރުތަކުގެ ލޭ ހިނގުން ހަމައަކަށް އަޅުވައިދީ، ހަށިގަނޑުގައި ލޭ ދައުރުވުމަށް ބާރު އަޅައި ދެ އެވެ.

"ހައްދެއްގެ ތެރޭގައި، ޗޮކްލެޓް ގަވައިދުން ކެއުމަކީ ސިއްހަތަށް އޭގެ ރަނގަޅު އަސަރު ކުރާނެ ކަމެއް. އެގޮތުން މިއީ ގުޑް ކޮލެސްޓްރޯލަށް ވެސް މަގުފަހިކޮށްދޭ އެއްޗެއް،" އޭނާ ވިދާޅުވި އެވެ. "ވަކިން ހާއްސަކޮށް، ޑާކް ޗޮކްލެޓް ކެއުމަކީ ވަރަށް ފައިދާ ހުރި ކަމެއް."

މީގެ ކުރިން ޑާކް ޗޮކްލެޓާ ބެހޭ ގޮތުން ހެދި ދިރާސާއެއްގައި ބުނި ގޮތުގައި އެއީ މީހާގެ ނަފުސާނީ ދުޅަހެޔޮ ކަމަށް ބާރު އަޅައިދޭ އަދި ހަނދާން ގަދަކޮށް ދިނުމަށް ވެސް އެހީތެރިވެދޭ އެއްޗެކެވެ.