ޕްރިޔަންކާ ޗޯޕްޅާ އާއި ވިޝާލް ބަރަދްވާޖްގެ ފިލްމުގެ މަސައްކަތް އަންނަ އަހަރު ފަށަނީ
ޕްރިޔަންކާ ޗޯޕްޅާ އާއި ވިޝާލް ބަރަދްވާޖްގެ ފިލްމުގެ މަސައްކަތް އަންނަ އަހަރު ފަށަނީ

ޕްރިޔަންކާ ޗޯޕްޅާ ވަނީ ވިޝާލް ބަރްދާޖްގެ ދެ ފިލްމެއްގައި ކުރިން މަސައްކަތްކޮށްފަ އެވެ. އެއީ ކަމީނޭ (2009) އާއި ސާތު ހޫ މާފް (2011) އެވެ.

އެ ދެ ފިލްމަށް ފަހު އަނެއްވާ ވެސް ދެ މީހުން އާ ފިލްމެއްގެ މަސައްކަތަށް ތައްޔާރުވަމުން އަންނަ ކަމަށް ވިޝާލް ބުންޏެވެ.

އޭނާ ބުނި ގޮތުގައި އަންނަ އަހަރުގެ ތެރޭގައި ޕްރިޔަންކާ ބަތަލާގެ ރޯލް ކުޅޭ ފިލްމެއްގެ މަސައްކަތް ފަށާނެ އެވެ. އެކަމަކު މާ ބޮޑު ތަފުސީލެއް ވިޝާލް ނުދެ އެވެ.

"ޕްރިޔަންކާ ވެސް އަހަންނާ އެކީގައި މަސައްކަތްކޮށްލަން ބޭނުންވެފައި ހުރީ. އަނެއްކާ އަހަރެން ވެސް ހަމަ ޕްރިޔަންކާއާ އެކު ފިލްމެއްގެ މަސައްކަތް ކުރާ ހިތުން ހުއްޓައި، އޭނަގެ ފަރާތުން ފެހި ސިގްނަލެއް ލިބުނީމަ ވަަރަށް ހިތްހަމަޖެހިފައި މިހިރީ،" ހޮލީވުޑަށް 2015 ގައި ހިޖުރަ ކުރި ފަހުން ހިންދީ ސިނަމާއާ ތަންކޮޅެއް ފެއަށް ޖެހިލައިފައި ހުރި ބަތަލާއާ ބެހޭ ގޮތުން ވިޝާލް ބުންޏެވެ.

ޕްރިޔަންކާ ދާދި ފަހުން ވަނީ ސޮނާލީ ބޯސްގެ "ދަ ސްކައި އިޒް ޕިންކް" އަށް ސޮއިކޮށް އޭގެ މަސައްކަތް ފަށައިފަ އެވެ. އެކަމަކު އެ ފިލްމްގެ ޝޫޓިން އިން ބްރޭކެއް ނަގައިގެން އޭނާ މި ވަގުތު ހުރީ އެންގޭޖްވެފައިވާ އެމެރިކާގެ ލޯބިވެރިޔާ ނިކް ޖޯނަސްއާ އެކު އެމެރިކާގަ އެވެ.

"ދަ ސްކައި އިޒް ޕިންކް" އަކީ 2016 ގައި ރިލީޒް ކުރި "ޖެއި ގަންގާޖަލް" އަށް ފަހު ޕްރިޔަންކާ ކުޅޭ ފުރަތަމަ ހިންދީ ފިލްމެވެ. އެކަމަކު އޭނާ ވަނީ ސޮނާލީގެ ފިލްމަށް ސޮއިކުރުމުގެ ކުރިން ސަލްމާން ހާންގެ "ބާރަތު" އަށް ސޮއިކުރުމަށް ފަހު، ކުއްލި ގޮތަކަށް އެ ފިލްމް ދޫކޮށްލައިފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޕްރިޔަންކާ ލީޑަށް ލައިގެން ވިޝާލް ހަދާ ފިލްމަކީ ޝޭކްސްޕިއާގެ "ޓްވެލްފް ނައިޓް" އަށް ބިނާކޮށް ހަދާ ފިލްމެކެވެ.

"އުންމީދު ކުރެވޭ އަންނަ އަހަރުގެ ތެރޭގައި ފިލްމްގެ މަސައްކަތް ފެށޭނެ ކަމަށް،" އަންނަ މަހުގެ 28 ގައި ރިލީޒް ކުރާ "ޕަޓާޙާ" ގެ ޑައިރެކްޓަރު ބުންޏެވެ.

ރިތިކް ރޯޝަންގެ ސްޕަހީރޯ ފިލްމް "ކްރިޝް 4" ގެ މަސައްކަތް ފަށަން ޑައިރެކްޓަރު ރާކޭޝް ރޯޝަން ތައްޔާރުވަމުން އަންނަ އިރު، އޭނާ ވެސް ވަނީ ފިލްމުން ޕްރިޔަންކާ ފެންނާނެ ކަމަށް ބުނެފަ އެވެ. ޕްރިޔަންކާއަކީ "ކްރިޝް" އާއި "ކްރިޝް 3" ގެ ބަތަލާ ވެސް މެ އެވެ.