30 އޯގަސްޓް 2018 - 08:19

ފިލްމްތަކުން މިހާރު މާ ވަރުގަދަ ރޯލްތަކެއް ނުލިބޭ ކަމަށް ބޮލީވުޑްގައި އެކްޝަން ހީރޯއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ސަނީ ޑިއޯލް ބުނެފި އެވެ.
އުމުރުން މިހާރު 61 އަހަރުގެ އެކްޓަރުގެ ކުރިއަށް އޮތް ފިލްމަކީ ހުކުރު ދުވަހު ރިލީޒް ކުރާ ކޮމެޑީ ފިލްމް "ޔަމްޕާ ޕަގްލާ ދީވާނާ: ޕިރް ސޭ" އެވެ. މި ފިލްމަކީ ސަނީ އާއި ބައްޕަ ދަރްމެންދްރާ އަދި ކޮއްކޮ ބޮބީ ޑިއޯލް ފެނިގެންދާ ސީރީޒްގެ ތިން ވަނަ ބަ އެވެ.
"ގަތަކް"، "ގާޔަލް"، "ދާމިނީ" އަދި "ގަދަރް: އޭކް ޕްރޭމް ޚަތާ" ފަދަ ކާމިޔާބު ފިލްމްތަކުގައި ވަރުގަދަ ރޯލްތަކެއް ކުޅެފައިވާ ސަނީ ބުނި ގޮތުގައި އޭނާ އަށް ވަރުގަދަ ހިޓެއް ވެސް ގެނެސް ނުދެވޭތާ މިހާރު ލައްކަ ދުވަސްވެއްޖެ ކަމަށެވެ. އެހެންވެ "ގަދަރު" ކަހަލަ ވަރުގަދަ ސްކްރިޕްޓަކަށް އުންމީދު ކުރެވޭ ކަމަށް ބުންޏެވެ.
"ދެހާސް އެކެއްގައި ރިލީޒް ކުރި ގަދަރު އަށް ފަހު، އަހަރެންގެ ފިލްމަކަށް މާ ބޮޑު ކާމިޔާބީއެއް ލިބިފައެއް ނެތް. އެހެންވެ ވަރަށް ބޭނުން އަނެއްކާ ވެސް ބެލުންތެރިން ގަޔާވާ ކަހަލަ މޮޅު ފިލްމެއްގައި މަސައްކަތްކޮށްލަން،" މި ފަހުން "ޕޯސްޓަ ބޯއި" އާއި ގާޔަލް: ވަންސް އެގެއިން" ކުޅުނު ސަނީ ބުންޏެވެ.
ސަނީ ބުނި ގޮތުގައި ބެލުންތެރިން ގަޔާވަނީ އޭނާ އެކްޝަން ފިލްމްތަކުން ފެންނާށެވެ.
"އެހެންވެ ބޭނުން ވަނީ އެކްޝަން ކެރެކްޓާތައް ދައްކުވައިދޭ ކަހަލަ ފިލްމްތައް ކުޅެން،" އޭނާ ބުންޏެވެ. "ފިލްމަކަށް އަހަރެން އެއްވެސް އިރެއްގައި ސޮއެއް ނުކުރަން އެއިން ލިބޭ މާލީ މަންފާއަކަށް ބަލައިފައެއް. އަބަދު ވެސް އެންމެ އިސްކަންދޭ އެއްޗަކީ ސްކްރިޕްޓް. ރަނގަޅު ސްކްރިޕްޓްތަކެއްގެ އިންތިޒާރުގައި މި ހުންނަނީ."
ސަނީ އަށް މިހާރު ކުޅޭނެ މާ ރަނގަޅު ފިލްމްތަކެއް ނުލިބި، ސްކްރީނުން ފެންނަލެއް މަދުވެފައިވާ އިރު، އޭނާ މިހާރު އަންނަނީ ދޮށީ ފިރިހެން ދަރިފުޅު ކަރަން ޑިއޯލް ބޮލީވުޑަށް ނެރެން ފިލްމެއް ޑައިރެކްޓް ވެސް ކުރަމުންނެވެ. އެއީ "ޕަލް ޕަލް ދިލް ކޭ ޕާސް" އެވެ.
ސަނީ އެންމެ ފުރަތަމަ ޑައިރެކްޓް ކުރި ފިލްމަކީ ބޮބީއާ އެކު ކުޅުނު 1999 ގެ "ދިއްލަގީ" އެވެ. އޭނާ އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ 2016 ގައި ރިލީޒް ކުރި "ގާޔަލް: ވަންސް އެގެއިން" އެވެ.
ސަނީ ދާދި ފަހުން ވަނީ އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމްތައް ގެނެސް ދިން އެއް ޑައިރެކްޓަރު ކަމަށްވާ ރާޖްކުމާރް ސަންތޯޝީގެ ފިލްމަކަށް ސޮއިކޮށްފަ އެވެ.
އަންނަ އޮކްޓޯބަރު މަހުގެ 19 ގައި ރިލީޒް ކުރާ "ބެއްޔާޖީ ސްޕަހިޓް" އިން ވެސް ސަނީ ފެނިގެން ދާނެ އެވެ.