29 އޯގަސްޓް 2018 - 11:57

ގްލަސްގޯ، ސްކޮޓްލެންޑް (އޮގަސްޓް 29) - ސްޓީވެން ޖެރާޑްގެ ކޯޗުކަމުގައި ކުޅެމުން އަންނަ ރޭންޖާސްއާ ދެކޮޅަށް ކުޅޭ މެޗު މި ފަހަރު ހާއްސަވާ އެއް ސަބަބަކީ އޭނާ އިރުޝާދުދިން ކުޅުންތެރިއަކާ ދެކޮޅަށް ކުޅެން ޖެހޭތީ ކަމަށް ކުރިން ލިވަޕޫލަށް ކޯޗުކޮށްދިން މިހާރު ސެލްޓިކްގެ ކޯޗު ބްރެންޑަން ރޮޖާސް ބުނެފި އެވެ.
އިނގިރޭސި މީޑިއާ އިން ތުހުމަތުކުރާ ގޮތުގައި ލިވަޕޫލްގައި ހުރެ ޖެރާޑް އޭނާ ކެރިއަރު ނިންމާނުލީ ރޮޖާސްއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކެއްގެ ސަބަބުންނެވެ. ފަހުން ޖެރާޑް ބުނީ ލިވަޕޫލްގެ މިހާރުގެ ކޯޗު ޔާގެން ކްލޮޕްގެ ކޯޗުކަމުގައި ކުޅެން ބޭނުންވާ ކަމަށާއި އެ ފުރުސަތު އޭނާ އަށް ނުލިބުނީ ސަބަބުތަކެއް ހުރުމުން ކަމަށެވެ.
ލިވަޕޫލް ދޫކޮށް 2015 ވަނަ އަހަރުގެ ޖުލައި މަހު ޖެރާޑް ވަނީ އެލްއޭ ގެލެކްސީ އަށް ބަދަލުވެފަ އެވެ. ރޮޖާސް ލިވަޕޫލްގެ ކޯޗުކަމުން ދުރުކުރީ އެ އަހަރުގެ އޮކްޓޫބަރު މަހު ތެރޭގަ އެވެ. އޭގެ ފަހުން އެ ޓީމަށް އިރުޝާދުދެނީ ކްލޮޕް އެވެ.
ރޭންޖާސްގެ ކޯޗުކަމާ ޖެރާޑް ހަވާލުވި ފަހުން އެ ޓީމު ކުޅުނު 11 މެޗުން ބަލިވެފައެއް ނުވެ އެވެ. އަދި ސެލްޓިކާ ހަވާލުވެ މިހާތަނަށް ރޭންޖާސް އަތުން ބަލިނުވެ ރޮޖާސް ވަނީ 11 މެޗު ހަމަކޮށްފަ އެވެ. އަންނަ އާދިއްތަ ދުވަހު ރޭންޖާސް ރަށުންބޭރުގައި ސެލްޓިކާ ދެކޮޅަށް ރަށުން ބޭރުގައި ނުކުންނާނެ އެވެ.
"ޖެރާޑާ ދެކޮޅަށް ނުކުންނަ މެޗަށް އަހަރެން އިންތިޒާރު އެބަކުރަން. އަހަރެން ކޯޗުކޮށްދިން ކުޅުންތެރިއެއް ކޯޗަކަށް ހުއްޓައި އޭނައާ ދެކޮޅަށް މި ނުކުންނަނީ، އަހަރެންގެ ކޯޗިން ކެރިއަރުގައި ފުރަތަމަ ފަހަރަށް ކަންނޭނގެ މިހެން މި ދިމާވަނީ،" ސެލްޓިކް ޓީވީ އަށް ރޮޖާސް ދިން އިންޓަވިއުއެއްގައި ބުންޏެވެ.
ރޮޖާސް ބުނީ ޖެރާޑާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި ރޭންޖާސްގައި އޭނާ މިހާތަަނަށް ކޮށްފައިވަނީ ރަނގަޅު މަސައްކަތްތަކެއް ކަމަށެވެ.
"އެއްވެސް މީހަކަށް ދޮގެއް ނުކުރެވޭނެ. ޖެރާޑް ރޭންޖާސްގައި ކުރަނީ ރަނގަޅު މަސައްކަތްތަކެއް. އަހަރެން ވެސް އެކަން ބަލައިގަންނަން. އަދި އަހަންނާ ޖެރާޑާ ދެމެދު އެއްވެސް އިރެއްގައި މައްސަލައެއް ވެސް ނެތް،" ރޮޖާސް ބުންޏެވެ.
އޭނާ ބުނީ މި މެޗު ހާއްސަވާ އަނެއް ސަބަބަކީ މިއީ ސްކޮޓްލެންޑުގައި އެންމެ ވަރުގަދަ ދެ ކްލަބްގެ ކުރިމަތިލުން ކަމަށާއި އެއްވެސް އިރެއްގައި މި ދެ ޓީމު ބައްދަލުކުރާ މެޗެއް ފަސޭހަނުވާނެ ކަމަށެވެ.