05 އޯގަސްޓް 2016 - 15:02

ހުކުރު ނަމާދަށް ފަހު އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ ދުއާ އަށް ފުރުސަތު ނުދެވޭނެ ކަމަށް ފުލުހުން އިއްޔެ ބުންޏަސް މިއަދު އިސްލާމީ މަރުކަޒުގައި ކުރި ދުއާ އަށް ފުލުހުން ފުރުސަތު ދީފި އެވެ.
މިދިޔަ އަހަރުން ފެށިގެން އިދިކޮޅު ފަރާތްތަކުން ދަނީ އަނިޔާވެރިކަމާ ދެކޮޅަށް ކަމަށް ބުނެ ކޮންމެ ހުކުރު ދުވަހަކު އިސްލާމީ މަރުކަޒުގައި ދުއާ ކުރަމުންނެވެ. އެކަމަށް ފުލުހުން ހުރަސް އަޅާ ސަބަބު ހާމަކޮށް، ފުލުހުން އިއްޔެ ބުނެފައިވަނީ އެއީ ބަދު ދުއާއެއް ކަމަށާއި އެކަމަށް ފުރުސަތު ނުދެވޭނެ ކަމަށެވެ.
މިއަދުގެ ހުކުުރު ނަމާދަށް ފަހު އެ ދުއާ ކުރި އަށް ގެންދިޔަ އިރު ފުލުހުން އެ ސަރަހައްދުގައި ތިއްބަސް އެކަމަށް އެއްވެސް ވަރަކަށް ހުރަހެއް ނާޅަ އެވެ. އަދި އެއްވެސް ހަމަނުޖެހުމެއް މިއަދު ހިނގާފައެއް ނުވެ އެވެ.
މީގެ ކުރިން ދުއާ ކުރަން އުޅުމުން ފުލުހުން ވަނީ ހުރަސް އަޅައި، ބައެއް މީހުން ހައްޔަރު ވެސް ކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް މީހުން ބަންދުން ދޫކޮށްލާފައިވަނީ އިސްލާމީ މަރުކަޒު ސަރަހައްދަށް ވަކި މުއްދަތެއް ވަންދެން ނުދާން ޝަރުތުކޮށްފަ އެވެ.