ގޯލްކީޕަރުން މި ފަހަރު ތަފާތު ދައްކާނެ: އަސްލަމް
ގޯލްކީޕަރުން މި ފަހަރު ތަފާތު ދައްކާނެ: އަސްލަމް

އަންނަ މަހު އޮންނަ ސާފް ސުޒުކީ ކަޕްގައި ވާދަކުރާ ގައުމީ ފުޓްބޯޅަ ޓީމުގައި ހިމެނޭ ތިން ގޯލްކީޕަރުންނަށް ވެސް އިތުބާރު އެބައޮތް ކަމަށާއި އެ ކުޅުންތެރިންނަށް ލިބޭ ފުރުސަތުގައި ތަފާތު ދައްކާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ގޯލްކީޕަރު ޓްރެއިނަރު އަސްލަމް އަބްދުއްރަހީމް ބުނެފި އެވެ.

ގޯލްކީޕަރުން މި ފަހަރު ތަފާތު ދައްކާނެ: އަސްލަމް
ގޯލްކީޕަރުން މި ފަހަރު ތަފާތު ދައްކާނެ: އަސްލަމް

މި ވަގުތަށް ސާފްގެ ފައިނަލް ސްކޮޑުން ޖާގަ ޔަގީންވެފައި ވަނީ ތިން ކީޕަރުންނަށެވެ. އެއީ ނިއު ރޭޑިއަންޓުގެ މުހައްމަދު ފައިސަލް، ޔުނައިޓެޑް ވިކްޓަރީގެ ހަސަން ތޮލާލް (ޓޮޕްލަކް) އަދި މާޒިޔާގެ ޒުވާން ކީޕަރު ހުސެއިން ޝަރީފް (ހުސެން) އެވެ.

ގޯލްކީޕަރުން މި ފަހަރު ތަފާތު ދައްކާނެ: އަސްލަމް
ގޯލްކީޕަރުން މި ފަހަރު ތަފާތު ދައްކާނެ: އަސްލަމް

އަސްލަމްގެ ނަޒަރުގައި ޓީމުގައި މިހާރު ތިބި ތިން ކީޕަރުންނަކީ ގައުމީ ޓީމަށް ކުޅެވޭގޮތަށް ރާއްޖޭގައި މި ވަގުތު ތިބި އެންމެ ރަނގަޅު ކީޕަރުންނެވެ. އަދި އެ ކީޕަރުން މިހާތަނަށް ޓްރެއިނިންތަކުގައި ކުރި މަސައްކަތުގެ ސަބަބުން އަސްލަމަށް ވެސް ވަނީ ފަސޭހަތަކެއް ވެފަ އެވެ.

ސަތާރަ އަހަރަށް ފަހު ތަޖުރިބާކާރު ގޯލްކީޕަރު އިމްރާން މުހައްމަދު ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުން ދެން ރާއްޖޭގެ ގޯލު ބެލެހެއްޓުމުގެ ޒިންމާއާ ދެން ހަވާލުވާނެ ކީޕަރެއް ހޯދުމުގެ ވާހަކަ އެކި ގޮތްގޮތަށް ދެކެވެ އެވެ. އިމްރާން ރިޓަޔަކުރި ފަހުން މިހާތަނަށް ގައުމީ ޓީމު ކުޅުނު މެޗުތަކުގައި އެންމެ ފާޑުކިޔުން އަމާޒުވި އެއް ބަަޔަކީ ގޯލްކީޕަރުންނެެވެ.

އަސްލަމް ބުނީ ކީޕަރުންނަށް ފާޑުކިޔުން އަމާޒުވާ އެއް ސަަބަބަކީ އެ މަގާމާއި އަދާކުރަން ޖެހޭ ޒިންމާ ބޮޑުވުމެވެ.

"ގޯލްކީޕަރުންނަކީ ހުރިހާ ހިސާބަކުން ފެށިގެން ވޯލްޑް ކަޕްގައި ވެސް ފާޑުކިޔުންތައް އަމާޒުވަމުންދާ ބައެއް. ގޯލްކީޕަރުންނަކީ މިސްޓޭކެއް (ގޯހެއް) ހެދިއްޖިއްޔާ ޓީމު މޮޅުވުމާއި ބަލިވުމާއި ބޮޑަށް މި އޮންނަނީ ގޯލްކީޕަރުންނަށް. ސްޓްރައިކަރެއް ގޯލު ނުޖައިގެން (ގިނަ ފަހަރު) ނުބުނާނެ ޓީމު ބަލިވީއެކޭ. އެކަމު ކީޕަރުން އަތުން އެއްޗެއް ވަދެއްޖިއްޔާ އެ އަންނަނާނެ. ކުރާ ސޭވްތަކެއް ނުބަލާނެ. ކިތަންމެ މޮޅަށް ކިތަންމެ ރަނގަޅަށް ޓްރެއިން ކުރާ ކީޕަރަކަށް ވެސް މިސްޓޭޖެއް ހެދިދާނެ،" ގައުމީ ޓީމުގެ ކުރީގެ ކީޕަރު އަސްލަމް ބުންޏެވެ.

އޭނާގެ ނަޒަރުގައި ކީޕަރުންނަށް އޮތީ އެންމެ ހައްލެކެވެ. އެއީ ފަރުވާތެރިކަމާ އެކު މަސައްކަތް ކޮށްގެން ހެދޭ ގޯސްތައް ވީހާ ވެސް މަދުކުރުމެވެ.

"މޮޅެތި ގޯލްކީޕަރުންނަކީ އެ މީހުން ހަދާ މިސްޓޭކް މަދު ބައެއް. އެކަމަކު އެ މީހުން އަތުން ވެސް 12 މެޗުން ބޮޑު އެއް ގޯސް ވަރު ދޭ. އެހެން ހިނގައިދާނެ. މިސްޓޭކް ނަހަދާނެއޭ ނުބުނެވޭނެ. އުއްމީދުކުރަނީ މި ފަހަރުގެ ސުޒުކީ ކަޕްގައި ކީޕަރުންގެ ފަރާތުން މޮޅު ރަނގަޅު ކުޅުމެއް ފެންނާނެ ކަމަށް،" އަސްލަމް ބުންޏެވެ.

މި މަހު ހަ ވަނަ ދުވަހުން ފެށިގެން ގައުމީ ޓީމުން ގަތަރުގައި ޓްރެއިނިން ކޭމްޕް ފުރިހަމަ ކުރަމުން އަންނައިރު އަސްލަމް ދެކޭގޮތުގައި ވަރަށް ގިނަ ކަންތައްތައް ރަނގަޅު ކުރެވިއްޖެ އެވެ. ފުރަތަމަ ފިިޒިކަލީ ކުޅުންތެރިއާ ތައްޔާރުކުރަން ގިނަ މަސައްކަތްތަކެއްކުރި ކަމަށާއި ފަހުން ބޮޑަށް ގޯލްކީޕަރު ޓްރެއިނިން އަށް ހާއްސަކޮށްގެން ގިނަ ކަންތައްތަކެއް ދަސްކޮށްދިން ކަމަށް ބުންޏެވެ.

"ގޯލްކީޕަރުންނަކީ އަނެއްހެން ބުނަންޏާ އައުޓްފީލްޑް ޕްލޭޔަރުންހާ އަވަހަށް މޮޅުވެގެން އަންނަ ބައެއް ނޫން. އެ މީހުންނަކީ ބައިވަރު މަސައްކަތްތަކެއް ކޮށްގެން މޮޅުވަމުން އަންނަ ބައެއް. މި ޓްރެއިނިން ކޭމްޕްގައި އެބަފެނޭ ވަރަށް ބޮޑު ކުރިއެރުމެއް،" އަސްލަމް ބުންޏެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް ބަލާއިރު ގިނަ ޓީމުތަކުން އަދިވެސް ގެންނަނީ ބިދޭސީ ކީޕަރުންނެވެ. ރާއްޖޭގެ ކީޕަރުންނަށް ލިބޭ ފުރުސަތު މަދުވުމުގެ ޝަކުވާ އަބަދުވެސް އޮވެ އެވެ. އަސްލަމް ދެކޭގޮތުގައި ދިވެހި ގޯލްކީޕަރުން ރަނގަޅު ކުރެވޭނެ އެއް ކަމެއް އެބައޮތެވެ.

"އަހަންނަށް ފާހަގަކުރެވޭ ގޮތުގައި ރާއްޖޭގެ ހުރިހާ ގޯލްކީޕަރުންނަކީ ވެސް ހާއްސަކޮށް ހައި ބޯލްސް ތަކަށް ވަރަށް ދަށްކޮށް އުޅޭނީ. އަސްލު އަހަރެން ނުބުނާނަން ގޯލްކީޕަރުންގެ މައްސަލައެކޭ. އެއީ ގޯލްކީޕަރު ޓްރެއިނަރުން ނޫނީ ގޯލްކީޕަރު ކޯޗުންގެ މައްސަލައެކޭ އަޅުގަނޑު ބުނާނީ. އެެއީ އަޅުގަނޑު ވެސް ހިމަނައިގެން. ވަރަށް މަދުވާނެ ކަންނޭނގެ ހައި ބޯލްސް އަށް މަސައްކަތްކުރާ މީހުން. ދެން މިވާގޮތަކީ އިންޓަނޭޝަނަލް މެޗުތަކުގައި ދެ ފަރާތުން ހުރަސްނަގާ ޓީމުތައް ގިނައީ. މި ފަހަރު އެ ކަންތައް ރަނގަޅުކުރަން ވަރަށް މަސައްކަތްކުރިން،" އަސްލަމް ބުންޏެވެ.

ދިވެހި ކީޕަރުންގެ ދިފާއުގައި އެކި ކޯޗުން މީގެ ކުރިން ވަނީ ވާހަކަ ދައްކައިފަ އެވެ. އަދި ދިވެހި ކީޕަރުންނަށް ހިތްވަރުދޭ ފަރާތްތައް ވެސް ހިމެނެ އެވެ. ދިވެހި ކީޕަރުންގެ ހައްގުގައި އަބަދުވެސް މަސައްކަތްކުރާ މީހެއްގެ ހައިިސިއްޔަތުން އަސްލަމް ވަނީ މެސެޖެއް ދީފަ އެވެ.

"އަޅުގަނޑުގެ މެސެޖަކީ ދިވެހި ގޯލްކީޕަރުންނަށް އިތުބާރު ކުރާށޭ. ހަމަގައިމުވެސް ދިވެހި ރައްޔިތުންނަށް މާޔޫސްކަމެއް ގޯލްކީޕަރުންގެ ފަރާތުން ނާންނާކަމަށް އަޅުގަނޑު ހަމަޔަގީނުން ވެސް ގަބޫލުކުރަން. މިހާރު ގައުމީ ޓީމަށް ނަގާފައިމިތިބި ގޯލްކީޕަރުންނަށް ވަރަށް އުއްމީދު އެބައޮތް. އެންމެން އުފާވާވަރުގެ ކުޅުމެއް ގޯލްކީޕަރުންގެ ފަރާތުން ފެންނާނެ،" އަސްލަމް ބުންޏެވެ.

އަންނަ މަހު 4-15 އަށް ބަންގްލަދޭޝްގެ ޑާކާގައި އޮންނަ ސާފަށް ގަތަރުގައި ރާއްޖޭގެ ޓީމު މި މަހު ހަ ވަނަ ދުވަހުން ފެށިގެން 27 ކުޅުންތެރިންގެ ސްކޮޑަކާ އެކު ފަރިތަކުރަމުން އަންނައިރު ހަތް ކުޅުންތެރިން ބާކީކޮށް އާދީއްތަ ދުވަހު 20 ކުޅުންތެރިންނާ އެކު ބަންގްލަދޭޝަށް ފުރާނެ އެވެ.

ސާފް ސުޒުކީ ކަޕްގައި ރާއްޖެ ހިމެނެނީ ލަންކާ އާއި އިންޑިއާއާ އެއް ގްރޫޕެއްގަ އެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު ހަތް ވަނަ ދުވަހު ބައްދަލުކުރާނީ ސްރީލަންކާއާ އެވެ. ދެ ވަނަ މެޗުގައި އޭގެ ދެ ދުވަސް ފަހުން އިންޑިއާއާ ދެކޮޅަށް ކުޅޭނެ އެވެ.