29 އޯގަސްޓް 2018 - 09:22

މެޑްރިޑް (އޮގަސްޓް 29) – ސްޕެނިޝް ލީގަށް އަލަށް ޕްރޮމޯޓްވި ރެއާލް ވަލަޑޮލިޑް 30 މިލިއަން ޔޫރޯ އަށް ގަންނަން ބްރެޒިލްގެ ކުރީގެ ފޯވާޑް ރޮނާލްޑޯ ނަޒާރިއޯ މަޝްވަރާކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ޑީލް ނިމިއްޖެ ނަމަ, ބްރެޒިލާ އެކު ދެ ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ރޮނާލްޑޯ ކްލަބުގެ ރައީސްގެ މަގާމާ ހަވާލުވެ ހިންގުމުގެ ތެރެއަށް ވެސް ވަންނާނެ އެވެ. އެކަމަކު ކްލަބުގެ މިހާރުގެ ރައީސް ކާލޯސް ސުއަރޭޒް ބޯޑުގައި ދެމި ހުންނަވާނެ އެވެ.
ވަލަޑޮލިޑުގެ ކުރީގެ ރައީސް ހޯސޭ މޯރޯ އަކީ ރޮނާލްޑޯގެ ކުރީގެ ވިޔަފާރި ޕާޓްނަރެކެވެ. ސްޕެއިނުގެ ބާސެލޯނާ އާއި ރެއާލް މެޑްރިޑުގެ ކުރީގެ ފޯވާޑް ރޮނާލްޑޯ ވަނީ ސްޕެއިން ނުވަތަ އިންގްލެންޑުގެ ދެ ވަނަ ޑިވިޝަނުގެ ކްލަބެއް ގަންނަން ޝައުގުވެރިވާކަން ޖެނުއަރީ މަހު ހާމަކޮށްފަ އެވެ. އެރު ވަލަޑޮލިޑް އޮތީ ދެ ވަނަ ޑިވިޝަނުގަ އެވެ. އެ ޓީމު މި ފަހަރު ކޮލިފައިވީ ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ.
އާ ސީޒަނުގައި ވަލަޑޮލިޑް ކުޅުނު ފުރަތަމަ މެޗުގައި ޖިރޯނާއާ 0-0 އިން އެއްވަރުވިއިރު ދެ ވަނަ މެޗުން ބާސެލޯނާ އަތުން 1-0 އިން ބަލިވީ އެވެ. އެ މެޗުގައި އެ ޓީމުގެ ދަނޑުގެ ވިނަގަނޑު ހަލާކުވެފައިވާ ފާޑުކިއުން އަމާޒުވެ މިހާރު އަންނަނީ ތަހުގީގު ވެސް ކުރަމުންނެވެ.