"ވޮންޑަ ވުމަން 2" ގެ ރޯލެއް އިންޑިއާގެ ބަތަލާއަކަށް
"ވޮންޑަ ވުމަން 2" ގެ ރޯލެއް އިންޑިއާގެ ބަތަލާއަކަށް

އިޒްރޭލްގެ ބަތަލާ ގަލް ގެޑޯ ޓައިޓްލް ރޯލް ކުޅޭ ސުޕަހީރޯ ފިލްމް "ވޮންޑަ ވުމަން" 2 ގެ މުހިއްމު ރޯލަކަށް އިންޑިއާގެ ބަތަލާ ސައުންދަރިއާ ޝަރްމާ ސޮއިކޮށްފި އެވެ.

މިދިޔަ އަހަރު ރިލީޒް ކުރި "ރާންޗީ ޑައިރީޒް" ގެ ބަތަލާ ވަނީ އެ ފިލްމަށް ސޮއިކުރިކަން ކަށަވަރުކޮށްދީފަ އެވެ. ރޯލާ ބެހޭ މާ ބޮޑު ތަފުސީލަކަށް ނުގޮސް ސައުންދަރިއާ ބުނީ އޭނާ އަށް ލިބުނީ ފިލްމްގެ ވަރަށް މުހިއްމު ކެރެކްޓާއެއް ކަމަށެވެ. އަދި ހޮލީވުޑްގެ ވަރުގަދަ ފިލްމަކުން ފުރުސަތެއް ލިބުމުން ވަރަށް އުފާވެފައިވާ ކަމަށް ބުންޏެވެ.

ސައުންދަރިއާ "ވޮންޑަ ވުމަން" ދޭއްގެ ޝޫޓިން ފަށާނީ އަންނަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

ޕެޓީ ޖެންކިންސް ޑައިރެކްޓްކޮށް މިދިޔަ އަހަރު ގެނެސް ދިން ފިލްމްގެ ދެވަނަ ބައަށް ދީފައިވާ ނަމަކީ "ވޮންޑަ ވުމަން 1984" އެވެ.

މިހާރު ޝޫޓިން ކުރިއަށްދާ ފިލްމްގެ ކާސްޓުންގެ ތެރޭގައި ގަލްގެ އިތުރުން ކްރިސް ޕައިން، ކްރިސްޓެން ވިގް އަދި ޕެޑްރޯ ޕާސްކަލް ފަދަ ތަރިން ހިމެނެ އެވެ.

"ވޮންޑަ ވުމަން 1984" ސިނަމާތަކަށް އަންނާނީ ނޮވެމްބަރު، 1، 2019 ގަ އެވެ.

"ވޮންޑަ ވުމަން" އަކީ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމެވެ. ސަތޭކަ ފަންސާސް ލިމިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމް ބޮކްސް އޮފީހުގައި 821.8 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.