އަރްބާޒާއި މަލައިކާ އަލުން ސުލްހަވާން މަސައްކަތް ކުރަނީ
އަރްބާޒާއި މަލައިކާ އަލުން ސުލްހަވާން މަސައްކަތް ކުރަނީ

ބޮލީވުޑް ޕްރޮޑިސަރު-ޑައިރެކްޓަރު އަދި އެކްޓަރު އަރްބާޒް ޚާނާއި އަންހެނުން މަލައިކާ އަރޯރާ ޚާންގެ 17 އަހަރުވީ ކައިވެނީގައި މައްސަލަތައް ޖެހި ދެމީހުން ވަރިވާކަން މީގެ އެތައް މަހެއް ކުރިން ވަނީ އިއުލާންކޮށްފަ އެވެ. ނަމަވެސް މި ދެ އެކްޓަރުންގެ ވަރި ނުވެ ސަލާމަތްވެދާނެ ކަމުގެ ނިޝާންތައް ފެންނަމުންދާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.

އޮގަސްޓް ހަތަރު ވަނަ ދުވަހު ފާހަގަކުރާ އަރްބާޒް ޚާންގެ އުފަން ދުވަހު މަލައިކާ ފޮނުވާފައިވާ މެސެޖުން ވެސް، ދެ މީހުންގެ މެދުގައި ޖެހުނު މައްސަލަ މިހާރު ހައްލުވަމުން އަންނަކަން ދޭހަވެ އެވެ.

އަރްބާޒްގެ ތަންކޮޅެއް ކުރީގެ އުފަން ދުވަހެއްގައި މަލައިކާއާ އެކު ކޭކު ފަޅަނިކޮށް ވަރަށް ހެވިފައި ތިއްބާ ނަގާފައިވާ ފޮޓޮއަކާ އެކު މަލައިކާ ވަނީ އަރްބާޒަށް އުފަން ދުވަހުގެ ތަހުނިޔާ ކިޔައި އަދި "އަބަދުވެސް އުފާވެރިކަން" ކަމަށް ލިޔެފައިވާ މެސެޖެއް އިންސްޓަގްރާމް ކޮށްފަ އެވެ.

ދެ މީހުން އެހާ އުފާވެފައި ތިއްބާ ނަގާފައިވާ ފޮޓޯއެއް މަލައިކާގެ ޕޯސްޓްގައި ވާތީ، ސުލްހަވުމަށް އޭނާ ވެސް މިހާރު އިސްކަން ދޭކަން ޔަގީންވާ ކަމަށް ގިނަ ބަޔަކު ލަފާކުރެ އެވެ.

އަރްބާޒް ވަނީ މަލައިކާގެ ޕޯސްޓް ރީޕޯސްޓްކޮށްފަ އެވެ. އަދި މަލައިކާގެ ކޮއްކޮ އަމްރިތާ ވެސް ވަނީ ފަޅާފައިވާ ކޭކެއްގެ ފޮޓޮއަކާ އެކު އަރްބާޒަށް އުފަން ދުވަހުގެ ތަހުނިޔާ ކިޔައިފަ އެވެ.

މަލައިކާ އާއި އަރްބާޒް މައްސަލަ ޖެހުނު ފަހުން އެންމެ ފުރަތަމަ އެކުގައި ފެނުނީ ސަލްމާން ޚާންގެ އީދު ޕާޓީންނެވެ. އޭގެ ފަހުން ދެ މީހުންގެ މެދުގައި އޮތް މައްސަލަތައް މަޑުމަޑުން ހައްލުވަމުންދާ ކަމުގެ ޚަބަރުތައް ލިބެން ފެށި އެވެ.