28 އޯގަސްޓް 2018 - 15:14

ބެއިޖިން (އޮގަސްޓް 28) - ޗައިނާ އިން ފަށާފައިވާ "ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް" ނުވަތަ ސިލްކް ރޯޑް މަޝްރޫއަކީ ގައުމުތައް ދަރަނީގެ ދަންތުރައެއްގައި ޖައްސަން ކުރާ ކަމެއް ނޫން ކަމަށް ޗައިނާ ސަރުކާރުގެ ސީނިއާ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް ޑިވެލޮޕްމަންޓް ރިފޯމް ކޮމިޝަން (އެންޑީއާރުސީ) ގެ ވައިސް ޗެއާމަން ނިންގް ޖިޒޭ ބެއިޖިންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ބައެއް ގައުމުތަކުގެ ދަރަންޏަކީ އެ ގައުމުތަކުގައި މާކުރިންސުރެ ފަށައިގެން އޮތް އެއްޗެއް ކަމަށާއި އެކަމުގެ ޒިންމާ ސިލްކް ރޯޑް މަޝްރޫއުގައި ނޭޅުވޭނެ ކަމަށެވެ.
ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް މަޝްރޫއު ޗައިނާގެ ރައީސް ޝީ ޖިންޕިން އެންމެ ފުރަތަމަ އިއުލާން ކުރެއްވީ 2013 ވަނަ އަހަރު ކަޒަކްސްތާނުގައި ދެއްވި ތަގްރީރެއްގަ އެވެ. ޝީ ޖިންޕިން ވިދާޅުވެފައި ވަނީ ބައިނަލްއަގުވާމީ ސްޓޭޖުގައި ޗައިނާގެ ރޯލު ބޮޑު ކުރުމުގެ ގޮތުން 60 އަށް ވުރެ ގިނަ ގައުމުގައި ދަތުރުފަތުރާއި ވިޔަފާރީގެ ގުޅުންތައް ވަރުގަދަ ކުރަން ޗައިނާ އިން އެހީވާނެ ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން ޗައިނާ އިން ވަނީ ބައެއް ގައުމުތަކުގައި ހައިވޭ އާއި ބަނދަރުތައް ހަދައިދީފަ އެވެ. ނަތީޖާއެއްގެ ގޮތުން ގައުމުތަކުގެ ދަރަނި ބޮޑުވެ ބައެއް ތަންތަން ވަނީ ޗައިނާއާ ހަވާލުކޮށްފަ އެވެ. މި ގޮތުން ސްރީ ލަންކާގެ ދަރަނި އަދާކުރަން ދަތިވުވުމުން، ޗައިނާގެ އެހީގައި އެ ގައުމުގައި ހެދި ހަމްބަންޓޯޓާ ބަނދަރު މިހާރު ވަނީ ޗައިނާއާ ހިންގަން ހަވާލުކޮށްފަ އެވެ.
މެލޭޝިއާ އިން ވެސް ދާދި ފަހުން ވަނީ ގައުމުގެ ދަރަނި ބޮޑުވާތީ ކަމަށް ބުނެ ޗައިނާގެ އެހީގައި ހިންގާ 22 ބިލިއަން ޑޮލަރުގެ ދެ މަޝްރޫއެއް ހުއްޓާލައިފަ އެވެ.