ސަލާހުގެ އެދުމަށް މިސްރު އެފްއޭ އިން ފުރަގަސްދީފި
ސަލާހުގެ އެދުމަށް މިސްރު އެފްއޭ އިން ފުރަގަސްދީފި

ގާހިރާ، މިސްރު (އޮގަސްޓް 28) - މިސްރުގެ ތަރި މުހައްމަދު ސަލާހު އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނަށް ހުށަހެޅި ކަންތައްތަކެއް ފުރިހަމަކޮށްދޭން އެ އިދާރާ އިން ދެކޮޅު ހަދައިފި އެވެ.

އުމުރުން 26 އަހަރުގެ ސަލާހު އޭނާގެ ވަކީލު ރަމީ އައްބާސް މެދުވެރިކޮށް މިސްރުގެ އެފްއޭ އަށް ހުށަހެޅީ ގައުމީ ޓީމާ އެކު އޭނާ އުޅޭއިރު އޭނާ އަށް އެކަށީގެންވާ ވަރަށް މިނިވަންކަން ދިނުމަށާއި އޭނާގެ އިމޭޖް ރައިޓްސް ވިއްކާފައިވާ ކުންފުނިތަކަށް ނޭނގި އިޝްތިހާރުތަކުގައި އޭނާގެ ފޮޓޯ ބޭނުން ނުކުރުމަށެވެ.

މިސްރު އެފްއޭ އިން ސަލާހުގެ ވަކީލަށް އޭގެ ޖަވާބެއްގެ ގޮތުގައި ބުނެފައިވަނީ ވަކި ކުޅުންތެރިއަކަށް ވަކި ގޮތެއް ހަދައިދިނުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އަދި ސަލާހަކީ ވެސް ޓީމުގެ އެހެން ކުޅުންތެރިން ކަހަލަ ކުޅުންތެރިއެއް ކަމަށް ބުންޏެވެ.

މިސްރު އެފްއޭގެ މި ވާހަކަތަކާ ހެދި ހިތްހަމަ ނުޖެހިގެން ސަލާހު ވަނީ އޭނާގެ ވަކީލު އައްބާސް މެދުވެރިކޮށް އޭނާގެ ޝަކުވާތައް އޮއްސާލައިފަ އެވެ. އޭގައިވާ ގޮތުން ސަލާހު މިނިވަންކަން ބޭނުންވާ ކަމަށް ހުށަހެޅީ އޭނާ އަށް އެނގުމެއް ނެތި ޓީމު ކޭމްޕް ޖަހައިގެން ތިބެ ހޮޓަލަށް ގައުމީ ޓީމުގެ ފަރާތުން ސަޕޯޓަރުންނާއި އެކި މީހުން ގެންނާތީ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގެ ތެރޭގައި މިސްރުން ކޭމްޕް ޖަހާފައިވާ ހޮޓަލަށް ރަޝިއާގެ ޗެޗްނިއާ ގްރޫޕުގެ ގިނަ ލީޑަރުން ވަތްއިރު، ސޯޝަލް މީޑިއާގައި އެކަމަށް ގިނަ ބަޔަކު ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. ޗެޗްނިއާގެ ލީޑަރު ރަމަޒާން ކައިދައިރޯފް އަކީ އިންސާނީ ހައްގުތަކާ ބެހޭ ގިނަ ޖަމިއްޔާތަކުން ބްލެކް ލިސްޓުކޮށްފައިވާ މީހެކެވެ. ކައިދައިރޯފް އަކީ ރަޝިއާ ރައީސް ލަޑިމިއޭ ޕުޓިންގެ ގާތް މީހެކެވެ.

އޭގެ ފަހުން ޗެޗްނިއާގެ ލީޑަރުން ބޭއްވި ރަސްމިއްޔާތެއްގައި ސަލާހަށް ވަނީ ޗެޗްނިއާގެ ހާއްސަ ރައްވެއްސެއްގެ ގޮތުގައި ހަމަޖައްސައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުގައި ސަލާހު އެކަން ގަބޫލުކުރީ މިސްރުގެ އެފްއޭގެ އެދުމާ އެކު އެވެ. އަދި އެ ހަފްލާގެ ފަހުން ރަސްމީ ސިފައެއްގައި އެކަމާ ބެހޭގޮތުން އޭނާ ވާހަކަ ދައްކަން ބޭނުމެއްނުވި އެވެ.

އަދި ވޯލްޑް ކަޕްގެ ކުރިން ސަލާހުގެ އިމޭޖް ރައިޓްސް އެއްބަސްވުންތަކާ ހިލާފަށް މިސްރުގެ އެފްއޭ އިން ވަނީ އެކި އިޝްތިހާރުތަކުގައި އޭނާގެ ނަން ބޭނުންކޮށްފަ އެވެ. އެކަމާ ހެދި ވެސް ސަލާހާއި މިސްރު އެފްއޭ ދެމެދު ދެބަސްވުންތަކެއް ހިނގި އެވެ.

އުފެދިފައިވާ ހިޔާލުތަފާތުވުންތަކެއްގެ ސަބަބުން ސަލާހު މީގެ ކުރިން ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމި ކަމަށް މީޑިއާގައި އަޑުފެތުރުނެވެ. އެކަމަކު ފަހުން މިސްރު އެފްއޭ އިން ވަނީ އެކަން ދޮގުކޮށްފަ އެވެ.

މިސްރު އެންމެ އަވަހަށް ކުޅޭ މެޗުގައި އަންނަ މަހު އަށް ވަނަ ދުވަހު ނުކުންނާނީ އެފްރިކަން ކަޕް އޮފް ނޭޝަން ކޮލިފައިންގައި ނައިޖާއާ ދެކޮޅަށެވެ.