28 އޯގަސްޓް 2018 - 12:25

އަންނަ މަހުގެ 23ގައި ބާއްވާ ރިޔާސީ އިންތިޚާބަށް، ބޭރުގެ އިސްތިއުމާރީ ބާރުތަކުގެ ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުންދާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ޒުވާނުންނަށް ހާއްސަކޮށްގެން އިސްލާމިކް މިނިސްޓްރީން ބާއްވާ ފޯރަމް ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ އިންތިޚާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު އިސްތިއުމާރީ ބާރުތަކުން އަދި ވެސް މަސައްކަތް ކުރަނީ ރާއްޖޭގެ އިޖުތިމާއީ އަދި ރާއްޖޭގެ އެތެރޭގެ ދާހިލީ މައްސަލަތަކަށް ނުފޫޒު ފޯރުވުމަށް ކަމަށެެވެ. އެހެންވެ އެކަންކަމާ ދެކޮޅަށް ޒުވާނުން ބަސް އިއްވަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ވެރިކަމުގެ ދަހިވެތިކަމުގައި މީގެ ކުރިން ވެސް ގައުމަށް ގައްދާރުވެފައި އެބަހުރި ކަމަށާއި މިހާރު ވެސް ފެންނަނީ އެ މަންޒަރު ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން ގައުމުގެ މިނިވަންކަން ގެއްލޭ އެތައް ކަމެއް އަދި ބޭރުގެ ބަޔަކު މި ގައުމަށް ގެނައުމަށްޓަކައި އިސްތިއުމާރީ ގޮތުން ނުފޫޒު ފޯރުވަން މަސައްކަތް ކުރާތަން ފެންނަކަން ވެސް ފާހަގަކުރެއްވި އެވެ.
"..އަޅުގަނޑުމެންނަށް އެބަ ފެނިގެންދޭ މި ގައުމުގައި އުޅޭ އެހެން ބަޔަކަށް ދަތިވެދާނެ ކަމަށް ވިސްނަވާފައި މި ގައުމަށް އިސްތިއުމާރީ ބާރުތަކުގެ ނުފޫޒު ފޯރުވުމުގެ ނަމުގައި މަސައްކަތްތަކެއް ކުރެވެމުންދާތަން. މިކަންކަން މި ކުރެވެނީ އިސްތިއުމާރީ ގޮތުން، އަޅުގަނޑުމެން މިހާރު ބޭއްވުމަށް ތައްޔާރުވަމުން މި ދާ ރިޔާސީ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވުމުގެ މަގުސަދުގައި. އެހެން އެއްވެސް ބޭނުމެއް އޭގައި ނެތް. އެކަން ކުރަނީ ޒުވާނުންގެ ކުރިމަތީގައި ކަމަށް ވުމުން ޒުވާނުން އެބަ ޖެހޭ ޒުވާނުން އެބަ ޖެހޭ ބަސް އިއްވަން،" އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތުގައި އާދަމް ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޭރުގެ އިސްތިއުމާރީ ބާރުތަކުން ދިވެހިންގެ މައްޗަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަނީ ރާއްޖޭގައި އެހެން ދީންތަކަށް ފުރުސަތު ދިނުމަށް ކަމަށެވެ. ނަމަވެސް ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ދެމިތިބުމަށް ކުރާ މަސައްކަތްތައް ހުއްޓާ ނުލާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ބޭރުގެ ގައުމުތަކުން ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަންނަނީ މި ގައުމުގައި ހުރި މައްސަލަތަކުގެ ސަބަބުން ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"މި މަސައްކަތްތަކުގެ ތެރޭގައި އެއްވެސް ހާލެއްގައި އަޅުގަނޑުމެންގެ ގައުމުގައި ހުރި މައްސަލަތަކެއް ފެންމަތިކޮށްގެން ނުވަތަ ހުރި މައްސަލަތަކެއް ހުއްޖަތަކަށް ދައްކައިގެން ކުރެވޭ މަސައްކަތްތަކަކީ އެއްވެސް ހަގީގަތެއް އޮތް ކަމެއް ނޫން. ވަރަށް ކުޑަ ކުޑަ މިސާލެއް ދަންނަވާލާނަމަ، އެއްވެސް ހަމަނުޖެހުމެއް ނުވަތަ އެއްވެސް ބަޔަކަށް، މި ގައުމުގެ އެއްވެސް ބަޔަކަށް ވެސް ނޫނީ މި ގައުމުގައި އުޅޭ ބޭރުގެ އެހެން ބަޔަކަށް ވެސް އެއްވެސް ވަރެއްގެ ދަތިވުމެއް، ދަތިކުރުމެއް ނުވަތަ އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހެއްގެ ފަރާތުން އެއްވެސް އުނދަގުލެއް ކުރެވިގެން ނުދާކަން. ނަމަވެސް އަޅުގަނޑުމެންނަށް އެބަ ފެނިގެންދޭ މި ގައުމުގައި އުޅޭ އެހެން ބަޔަކަށް ދަތިވެދާނެ ކަމަށް ވިސްނަވާފައި މި ގައުމަށް އިސްތިއުމާރީ ބާރުތަކުގެ ނުފޫޒު ފޯރުވުމުގެ ނަމުގައި މަސައްކަތްތަކެއް ކުރެވެމުންދާތަން،" އާދަމް ޝަރީފް ވިދާޅުވި އެވެ.
މިއަދު ހަވީރު ވަންދެން ކުރިއަށްގެންދާ ޒުވާނުންގެ ފޯރަމްގައި ތަފާތު އެކި މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކުރާނެ އެވެ. ޖަމިއްޔާތަކާއި ކޮލެޖު ޔުނިވާސިޓީތަކާއި ކުންފުނިތަކާއި ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު ގުޅިގެން ހިންގާ އެ ހަރަކާތުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެ އެވެ.