29 އޯގަސްޓް 2018 - 10:31

އާދިއްތަ ދުވަހާ ގުޅޭ
"އާނ ކީކޭ މަންމާ!" ޒޫނާ ބުންޏެވެ.
ފޯނު ކަންފަތުގައި ޖައްސައިލަމުން ޒޫނާ އެނދުގައި އިށީނދެފައި ފާރުގައި ލެނގިލިއެވެ. ޖިނާ އައިސް ޒޫނާގެ އުނގުގައި ބޯއަޅައިލިއެވެ. އެހެން އޮވެގެން ވެސް ޖިނާ ބެލީ ޒޫނާއަށް އުނދަގޫކުރެވޭތޯއެވެ.
"ދެން އަޅެ ޖިނާ!" ޖިނާއަށް ލޯއަޅައިލައިފައި ވައިއަޑުން ޒޫނާ ބުނެލިއެވެ.
ޒޫނާގެ އަޑު އިވޭކަމަށް ވެސް ނުހަދައި ޖިނާ އަނެއްކާ ވެސް ސަމާސާކުރަން ފެށިއެވެ.
"ކީކޭ މަންމާ!" ޒޫނާ ފޯނުން ވާހަކަދެއްކިއެވެ.
"ކާކާ ތި ވާހަކަދައްކަނީ؟" ސަކީނާ އެހިއެވެ.
ޒޫނާގެ އުނގުގައި އޮވެގެން އޭރު ވެސް ޖިނާ ސަމާސާކުރަމުންގެންދިޔައެވެ. ޒޫނާ އުޅުނީ ސަލާމަތްނުވެވިގެންނެވެ.
"މަންމަޔާއެއްނު މި ވާހަކަދައްކަނީ،" ޒޫނާ ކެތްތެރިކަމާ އެކުގައި ބުންޏެވެ. "މި ތާކު ނެތޭ އެހެން މީހެއް. ކަމަކުތަ ތި ގުޅީ؟"
ޒޫނާ މަސައްކަތްކުރީ އަވަހަށް ފޯނު ބޭއްވޭތޯއެވެ.
"އާނ!" ސަކީނާ ހިތްހަމަނުޖެހިފައި ބުންޏެވެ. "ކަމަކު މި ގުޅީ. ވަރަށް ބޮޑު ކަމަކު. އަހަރެން އަހައިފިން ތި ގެޔަށް ޖެނީ އައި ވާހަކަ. ތެދެއްތަ؟"
ޒޫނާ އެ ވާހަކަ މަންމައަށް ސިއްރުކުރި ސަބަބަކީ ވެސް އެއީއެވެ. މަންމައަށް އެނގިއްޖެއްޔާ ކަމަކާނުލައި އެ ވާހަކަ ބޮޑުކޮށްލާނެތީއެވެ.
"އާނ އޭނަ އަތުވެއްޖެ!" ހަމަޖެހިލައިފައި ޒޫނާ ބުންޏެވެ. "އެބައުޅޭ މި ގޭގަ."
"ކީއްވެ މަގޭ ކައިރީގަ ނުބުނީ؟" ސަކީނާ ސުވާލުކުރިއެވެ.
"ނުބުނެވޭތަ؟" ޒޫނާ މާ ބޮޑު ކަމަކަށް އެ ކަން ނަހަދައި ބުންޏެވެ. "މަ ހީކުރީ ބުނެވުނުކަމަށް."
އެހާ ލުއިކޮށް ޒޫނާ އެ ވާހަކަ ބުނުމުން ސަކީނާ ހައިރާންވިއެވެ. ޖެނީއަކީ ކާކުގެ ދަރިއެއްކަމާއި، ޖެނީގެ ފަހަތުން ދެން އަންނާނީ ކާކުކަމާއި، ދެން ކަންތައް ވާނެ ގޮތް އެންމެ ރަނގަޅަށް އެނގޭނީ ޒޫނާއަށެވެ.
"އެކަމަކުވާ!" ސަކީނާ ބުންޏެވެ. "އެ ވަރުގެ ބޮޑު ކަމެއް މަންމައަށް ސިއްރުކޮށްގެން ނުވާނެއްނު!"
ސަކީނާއާއި ޒޫނާއާ ދެމެދު ދެކެވެމުންދިޔަ ހުރިހައި ވާހަކައެއް އަކުރުން އަކުރަށް ޖިނާއަށް އިވެއެވެ. އެހެންނަމަވެސް އިވޭކަމަކަށް ނަހަދައެވެ. އެއްފަހަރު ޒޫނާ ކޮއްޓައިލައެވެ. އަނެއްފަހަރު ފޯނުގައި އަތްއަޅައެވެ.
"އެއީ ދެން އެހާ ވަރުގެ ކަމެއްތަ މަންމާ!" ޒޫނާ ބުންޏެވެ. "ކުރިން ވެސް ޖެނީ ގޭގަ އުޅުނެއްނު! އޭރާ މިހާރާ ތަފާތެއް އެބައޮތް؟"
"ކަށަވަރުތާ!" ޖަވާބުގައި ސަކީނާ ބުންޏެވެ. "އެ ކުއްޖާއަކީ ޖިންނިއެއްގެ ދަރިއެއްކަމެއް ކުރިއަކުން މަށަކަށް ނޭނގޭ."
އެ ވާހަކަތައް ޖިނާއަކަށް ކަމަކުނުދިޔައެވެ. ޖެނީއާ ދެކޮޅަށް ބުނާ އެއްވެސް ވާހަކައެއް ޖިނާއަކަށް ކަމަކުނުދާނެއެވެ. ބޭނުން ނަމަ ޖިނާއަށް އެ ފޯނު ކަނޑައި ވެސް ލެވުނީހެވެ. އެހެން ނުހެދީ ސަކީނާގެ ވިސްނުން ހުރި ގޮތް އަޑުއަހައިލުމުގެ ޝައުގުވެރިކަން ހުރީމައެވެ.
"އެއީ އޭނަގެ ކުށެއް ނޫނެއްނު މަންމާ!" ޒޫނާގެ ހިތް އޮތީ މައިވަންތަ ލޯބިން ފުރިފައެވެ.
"އެ ކަން އެނގެޔޭ،" ސަކީނާ ބުންޏެވެ. "އެކަމަކު އަނެއްކާ ވެސް އެ ޖިންނި އަވަލަވައިފިއްޔާ ޔޯ؟ ޖެނީ އަތުވެއްޖެއްޔާ ފަހަތުން އެ ޖިންނި ވެސް އަންނާނެ. އެހެން ވިޔަނުދޭން ކަމެއް ނުކޮށް ތިބެއްޖެއްޔާ އެ ވާނީ ހެދޭ ވަރަށް ބޮޑު ގޯހަކަށް."
"މަންމާ!" ވިސްނައިދޭ ކަހަލަ ރާގެއްގައި ޒޫނާ ބުންޏެވެ. "އެ ކަން މިހާރު ނިމިއްޖޭ! އަހަރެން މަތިން އޭނަ ފޫހިވެއްޖެ! ނަސީބެއްނު! ދެން އެ ކަމާ ނުވިސްނާ! ތިހެން އުޅެނިކޮށް އަނެއްކާ އޭނަ ހިލިއްޖެއްޔާ އެ ޖެހުނީ އަނެއް ކަންތައް. އަހަރެން އެންމެ ބޭނުންވި މީހާޔާ އިނދެގެން ނުލާހިކު ހަމަޖެހިގެން މި އުޅެނީ."
ސަކީނާއަށް ވެސް އެ ވާހަކަތައް ގަބޫލުކުރެވުނެވެ. އެހެންނަމަވެސް ހިތްޝައްކުވަނީއެވެ. ޖިންނިއެއް އަވަލަވައިފިއްޔާ ދުރުކުރުވުމަކީ ފަސޭހަކަމެއް ނޫނެވެ. އެކި ސިފަސިފައިގައި، އެކި ދަޅަމަތިން ގެއަށް އައިސް ގޭގައި ބަނޑަހަޖަހައިގެން އުޅުމަކީ ޖިންނީންގެ މިޒާޖުގައި ހުންނަސިފައެކެވެ.
"ދަރިފުޅަށް ޔަގީންތަ އިނދެގެން ތި އުޅެނީ އިންސާނަކާކަން؟" ސަކީނާ އެހިއެވެ.
ޒޫނާ ހޭންފެށިއެވެ. އަދި ފޯނު އަނގަޔާ ދުރުކޮށްލައިފައި ޖިނާއާ ދިމާއަށް ގުދުވެލިއެވެ.
"މަންމަ ބުނީ ތީ ޖިންނިއެކޯ!" ސިއްރުސިއްރުން ޒޫނާ ބުނެލިއެވެ.
ޒޫނާ އަލުން މަންމަޔާ ވާހަކަދައްކަން ފެށިއެވެ. ޖިނާގެ ސަމާސާ ހުއްޓުނެވެ. މޫނުމަތިން ނުތަނަވަސްކަން ފާޅުވިއެވެ. ޒޫނާއަކަށް އެ މަންޒަރެއް ނުފެނެއެވެ.
"މަންމަ މީހަކު ލައްވާ.." ސަކީނާއަށް ބުނެވުނީ އެ ހިސާބަށެވެ.
"އުހުނ!" ޒޫނާ އިންކާރުކުރިއެވެ. "އެއްވެސް ފަންޑިތައެއް ހަދައިގެންނުވާނެ. ތިހެންވެގެންނޭ ޖެނީ އައި ވާހަކަ ވެސް މަންމަ ގާތުގަ ނުބުނެވުނީ. މި ބުނީނު މިހާރު ހުރިހާ ކަމެއް ނިމިއްޖޭ! މިއޮއް ހުރިހާ ދުވަހަކު ޖެނީ ހިތުގަޖައްސާފަ އަދި ކިރިޔާ ލޯބިވާނެ ދަނޑިވަޅެއް މި ލިބުނީ. ޖިނާ ވެސް އޭނަ ދެކެ ނުލާހިކު ލޯބިވޭ. ދަރިންނަށް ވުރެ ވެސް ހެޔޮކޮށް ކަންތައްކުރަނީ. ޖެނީ ވެސް ބައްޕައެއް ގޮތަށް ދެކެނީ. އަހަންނަށް އެނގޭ އަހަރެން ނުކުރާށޭ ބުނެފިއްޔާ ސިއްރުން ވެސް މަންމަ ބޭނުން ކަމެއް މަންމައަށް ކުރެވޭނެކަން. އެކަމަކު އާދޭސްކޮށްފަ މި ބުނަނީ. ހެޔޮނުވާނެ! އެއްވެސް މީހަކު ލައްވާ ފަންޑިތަ ނަހައްދާތި! ހައްދައިފިއްޔާ.."
ފޯނުކޯލު ކަނޑައިލީ ޖިނާގެ ބާރުންނެވެ. ސަކީނާ ހީކުރީ ޒޫނާ ފޯނު ކަނޑައިލީކަމަށެވެ. ޒޫނާ ހީކުރީ ސަކީނާ ފޯނު ކަނޑައިލީކަމަށެވެ. އަލުން ގުޅާކަށް އެކަކު ވެސް ބޭނުމެއް ނުވިއެވެ.
"މަންމަ ރުޅިއައީ ކަންނޭނގެ،" ޒޫނާ މަޑުމަޑުން ބުނެލިއެވެ. "ހެޔޮ ރުޅިއަޔަސް."
"އަހަރެން ބުނާ އެއްޗެއް އަޑުއަހާކަށް ވެސް އޭނަ ބޭނުމެއް ނުވާނެ،" ފޯނު ހިފައިގެން ފިކުރަކަށް ގެއްލިފައި ހުރި ސަކީނާ ބުންޏެވެ. "ދެން މަ އަޅާނުލާ ހުންނަންވީ؟"
ހަމަހިމޭންކަމަށް ވަގުތުކޮޅެއް ދިނުމަށް ފަހު ފުރަތަމަ ވާހަކަދެއްކީ ޖިނާއެވެ.
"ހުރިހާ ކަމެއް ނިމުނީކަން ޒޫނާއަށް ކިހިނެއް އެނގެނީ؟" ޖިނާ ސުވާލުކުރިއެވެ. "ކިހިނެއް ތި ބުނާ ޖިންނިއެއް ނެތްކަން އެނގެނީ؟ ހުއްޓަސް ނުއެއް ފެންނާނެ. ޒޫނާއަކަށް ނޭނގޭނެ."
"އެހެންނުވާނެ!" ޔަގީންކަމާ އެކުގައި ޒޫނާ ބުންޏެވެ. "މި ތާ ހުރިއްޔާ އޭނައަކަށް ދުރަކު ނުހުރެވޭނެ. އަހަންނަށް އެނގޭ އޭނަގެ ގޮތް. ތި ގޮތަށް އަރާ މަގޭ އުނގުގަ އޮންނާނީ."
ނޭނގޭކަމަށް ހެދިފައި ޖިނާ މަޑުމަޑުން ދުރަށްޖެހިލިއެވެ. އެ ދަނޑިވަޅު ޝާޒްލީ ގުޅިއެވެ. ޒޫނާ ވާހަކަދައްކަމުން ނުކުތީއެވެ. ޖިނާ ވިސްނަން އޮތީއެވެ. ބޭނުން ނަމަ ސަކީނާ އެއްފަރާތް ކޮށްލުމަކީ ވެސް ޖިނާއަށް އުނދަގޫކަމެއް ނޫނެވެ. އެކަމަކު ޒޫނާގެ މަންމައަށް ވީތީ ދެވަނަ ވިސްނުމަކަށް ދާން "ޖިނާއަށް" މަޖުބޫރުވަނީއެވެ.
ޢަލީގެ ޓީމު އެނބުރި ރިސޯޓަށް އައީ ފަހެއް ސުމަކުން ބަލިވެގެންނެވެ. އެއީ އެހާތަނަށް ކުރިމަތިލި އެންމެ ބޮޑު ނާކާމިޔާބެވެ. ޓީމުގެ ސަޕޯޓަރުންގެ ނަޒަރުގައި މެޗުން ބަލިވީ މޮޅުވާނެކަމަށް މާ ކުރިން ނިންމައިގެން ތިބީމައެވެ. ކަންފަސޭހަކޮށްލެވުނީމައެވެ. ޢަލީ ވަކި އެއްޗެއް ނުބުނެއެވެ. އިދިކޮޅު ޓީމުން ފަންޑިތަހެދިކަމަށް ދެއްކޭނެ ހަމައެކަނި ހެއްކަކަށް އޮތީ ފޮޓޯއެކެވެ. އެއީ ރޭގަނޑު ދަނޑުމައްޗަށް އަރައިފައި ކޮންމެ މީހަކަށް ވެސް ނެގިދާނެ ކަހަލަ ފޮޓޯއެކެވެ. ކަމެއް ސާބިތުކޮށްދޭން ފުދޭ ވަރަށް ވުރެ މާ ބަލިކަށި ހެއްކެކެވެ. ޓީމުގެ ކެޕްޓަނަށް ޢަލީ އެ ފޮޓޯ ދެއްކިއެވެ. އެ ވާހަކަ ކިޔައިދިނެވެ. ކެޕްޓަން ގާތަށް އައީ ނުލަފާ ހިންޏެކެވެ. އެ ހިސާބުން ޢަލީ އެ ފޮޓޯ ފުހެލީއެވެ.
ވިލިނގިލި ފެރީ ނެރުން ވަންއިރު ޖިނާ އިނީ ރަށާ ދިމާއަށް ބަލަހައްޓައިގެންނެވެ. ދަތުރު ރޭވީ ޒޫނާއެވެ. ހުރިހައި ދޮންދަރިންގެ އިތުރުން ޖެނީ ވެސް އެ ދަތުރުގައި ބައިވެރިވިއެވެ. ޖިނާ އެއްބަސްކުރެވުނީ ވަރަށް މަސައްކަތުންނެވެ. ދުވާލު ގެއިން ނުކުތުމަކީ ޖިނާ އެހާ ބޭނުންވިކަމެއް ނޫނެވެ. އެކަމަކު ޒޫނާ ކުރުނުކޮށްގެން އެންމެ ފަހުން އެއްބަސްވީއެވެ. ހަމަޖެހިފައި އޮތީ އެއް ރޭ ވިލިނގިލީގައި ތިބޭ ގޮތަށެވެ. ތިބޭ ތަނާއި ކެއުމުގެ ކަންތައް ވެސް ކުރީބައިގައި ހަމަޖެއްސިއެވެ.
ރަށަށް އެރި ވަގުތު މީހަކު އައިސް ޖިނާއާ ބައްދަލުކުރިއެވެ. އެ މީހާ ދިވެއްސަކާ ވައްތަރެވެ. އެހެންނަމަވެސް ވާހަކަދެއްކީ ބޭރުބަހަކުންނެވެ. ޖިނާ އެ ބަހަށް ވަރަށް ފަރިތައެވެ. އެ މީހާއަކީ ކާކުކަމެއް ޖިނާ ނުބުނެއެވެ.
"ދާންވީ ތަން އެނގެއެއްނު ދޯ!" ޒޫނާއާ ދިމާއަށް ޖިނާ ބުންޏެވެ. "ކުރިޔަށް ގެންދޭ! އަހަރެން އެބަ އަންނަން."
ޖިނާ ދިޔަގޮތަށް މެންދުރުވީއިރު ވެސް ޚަބަރެއް ނުވެއެވެ. ދަތުރުގެ ފޯރި ވަރަށް ގަދައެވެ. ދޭތެރެއަކުން ކޮންމެވެސް ކުއްޖަކު އައިސް ބައްޕަ ކޮބައިތޯ އަހައިލައެވެ. އެހެންނަމަވެސް ޖިނާ ނެތިގެން އެކަކު ވެސް ޝަކުވާއެއް ނުކުރެއެވެ. ޒޫނާ ފިޔަވައެވެ. ޒޫނާ ގުޅާއިރަށް ޖިނާ ފޯނުނަގައެވެ. ފޯނަށް ހުންނަނީ ފާޑެއްގެ ތޫލި އަޑެއްއަރައިފައެވެ. ބައެއްފަހަރު އަޑު ކެނޑެއެވެ. ވައިޖެހޭ އަޑު ކަހަލަ އަޑެއް ވެސް ހުރެއެވެ. ހިކި ފަތްތަކެއް މަތިން ހިނގާއިރު އިވޭ ކަހަލަ އަޑެއް ވެސް އިވެއެވެ. ވައިއަޑުން ބަޔަކު ވާހަކަދައްކާހެން ވެސް ހީވެއެވެ. ކިޔާ އެއްޗެއް ނޭނގެއެވެ. ޖިނާގެ ވާހަކަ ހުންނަގޮތުން ހީވަނީ ދެން މާ ލަހެއް ނުވެ އަތުވެދާނެހެންނެވެ. އެކަމަކު ހަވީރު ވީއިރު ވެސް ޖިނާއެއް ނާދެއެވެ. އަނެއްކާ ވެސް ޒޫނާ ގުޅިއެވެ.
"މިހާރު ހީވޭ ކުރިޔަށް ވުރެ އަޑުގަދަހެން. ކޮންހާ އަޑުތަކެއްތަ އެ އިވެނީ؟ ކޮންތާކުތަ ތި އުޅެނީ؟" އެންމެ ފަހުން ޒޫނާ އެ ސުވާލު ކުރިވެސް މެއެވެ.
"މިއުޅެނީ ޓީޗަރުންތަކަކާ ދިމާވެގެން އެ މީހުން ކައިރިން ސަލާމަތްނުވެވިގެން،" ޖިނާގެ ޖަވާބު ވަރަށް އަވަހެވެ. "މިހާ ދުވަސްވެފަ ދިމާވީމަ ކިހާ ވާހަކައެއް ހުންނާނެ. ދެން މާ ގިނައިރެއް ނުވާނެ."
"ދެން އަވަހަށް އާދެބަލަ!" ޒޫނާ ބުންޏެވެ. "ރަށަށް އެރި ގޮތަށް ބަޚަބަރު. އެބައޮތޭ ސަޕްރައިޒެއް ވެސް."
ކުއްލިއަކަށް ފޯނު ކެނޑުނެވެ. ޒޫނާ ހިތަށްއެރިއެވެ. ފެރީން ފޭބި ވަގުތު ޖިނާއާ ބައްދަލުކުރީ ބިދޭސީ ޓީޗަރެއްތާއެވެ. ދެއްކި ވާހަކަ ޒޫނާއަށް ކުޑަކޮށް ވެސް ނޭނގުނީ އެހެންވެއެވެ. ހަގީގަތުގައި "ޖިނާ" އުޅުނީ އޭނަގެ އަހުލުވެރިން ގާތުގައެވެ. ޒޫނާ ގާތަށް ޖިނާ އައީ އިރުއޮއްސުނު ފަހުންނެވެ. އެއީ ޖިންނީން އާންމުކޮށް ފެތުރިގަންނަ ވަގުތެވެ. ކުޑަކުދިން ގޭތެރެއަށް ވައްދައި، ދޮރުތައް ލައްޕައި، ކާއެއްޗެތީގެ މަތިޖަހައިގެން ތިބެން އަންގަވައިފައިވާ ވަގުތު ވެސް މެއެވެ.
ނުނިމޭ