ރޮނާލްޑޯގެ ދަރިފުޅު ޔުވެންޓަސްގެ އެކަޑަމީއަށް
ރޮނާލްޑޯގެ ދަރިފުޅު ޔުވެންޓަސްގެ އެކަޑަމީއަށް

ޓިއުރިން (އޮގަސްޓް 28) – ދާދި ފަހުން ޔުވެންޓަސް އަށް ބަދަލުވި ޕޯޗުގީސް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯގެ އެންމެ ދޮށީ ދަރިފުޅު ކްރިސްޓިއާނޯ ޖޫނިއާ އެ ކްލަބުގެ ޔޫތު އެކަޑަމީގެ ނުވަ އަހަރުން ދަށުގެ ޓީމާ ގުޅި، ޕްރޮފެޝަނަލް ތަމްރީންތައް ފުރަތަމަ ފަހަރަށް ހޯދަން ފަށައިފި އެވެ.

ރެއާލް މެޑްރިޑުގައި ނުވަ އަހަރު ހޭދަކުރުމަށް ފަހު 100 މިލިއަން ޔޫރޯ އަށް ޔުވެންޓަސްއާ ގުޅުނު ރޮނާލްޑޯގެ ދަރިފުޅު ރަސްމީ އެކަޑަމީއަކާ މި ގުޅުނީ އަލަށެވެ. އެކަމކަކު އޭނާ ވަނީ މެޑްރިޑުގައި ކިޔެވި ސްކޫލް ޓީމުގެ ސީޒަނުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް އޭޕްރިލް މަހު ހޯދައިފަ އެވެ.

އުމުރުން އަށް އަހަރުގެ ކްރިސްޓިއާނޯ ޖޫނިއާ ޔުވެންޓަސްގެ ޓްރެއިނިން ސެންޓަރު ކަމަށްވާ ވިނޯވޯގައި ތަމްރީން ހަދާ ފޮޓޯތައް ވަނީ ދައުރުވެފަ އެވެ. ރޮނާލްޑޯގެ ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒް ވެސް އެތަނުގައި ހުއްޓެވެ.

ރޮނާލްޑޯ ވަނީ އޭނާގެ ހަތަރު ކުދިންގެ ތެރެއިން އެންމެ ދޮށީ ދަރިފުޅަކީ އުއްމީދީ ފުޓްބޯޅަ ކުޅުންތެރިޔެއް ކަމަށް ބުނެފަ އެވެ.

"އޭނާ ވަރަށް ވާދަވެރި. އަހަރެން ކުޑައިރު އުޅުނު ގޮތަށް އުޅެނީ. އޭނާ ބޭނުމެއް ނުވޭ ބަލިވާން،" ރޮނާލްޑޯ ބުންޏެވެ. "އޭނާ ވާނީ އަހަންނަށް. އަހަންނަށް 100 ޕަސެންޓް ޔަގީން. އަހަރެން ބޭނުންވޭ އޭނާ އަށް ބައެއް ކަންކަން ދަސްކޮށްދޭން. އޭނާ ނިންމާނީ އޭނާ ކުރާނެ ކަމެއް. އަހަރެންގެ ފުރިހަމަ ސަޕޯޓް އޮންނާނެ."

އެކަމަކު ރޮނާލްޑޯ ބުނީ އޭނާގެ ދަރިފުޅު ފުޓްބޯޅަ ކުޅުންތެރިޔަކަށް ވުމަކީ ހިތް އެދޭ ގޮތް ކަމަށާއި ސަބަބަކީ އޭނާގެ ކިބައިގައި ފުޓްބޯޅައިގައި ލޯބި ހުރުން ކަމަށެވެ.

ޔުވެންޓަސްގެ ސީނިއާ ޓީމުގެ ކުޅުންތެރިންގެ ތެރެއިން އަންދްރޭ ބަރްޒާލީ އާއި ކްލައުޑިއޯ މާކީޒިއޯގެ ދަރިފުޅު ވެސް އެ އެކަޑަމީން ތަމްރީންވެ އެވެ. އެކަމަކު މާކީޒިއޯ ވަނީ ދާދި ފަހުން ޔުވެންޓަސް ދޫކޮށްލައިފަ އެވެ.

ޔުވެންޓަސްގެ އެކަޑަމީން އުފަންވި މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި އިޓަލީގެ ކުރީގެ ކުޅަދާނަ ތިން ފޯވާޑުން ކަމަށްވާ އަލެސަންސްރޯ ޑެލް ޕިއޭރޯ އާއި 1982 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ މޮޅު ކުޅުންތެރިޔާ ޕައޮލޯ ރޮސީ އާއި 1990 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އެ މަގާމް ހޯދި ސަލްވަޓޯރޭ ސްކިލާޗީ ހިމެނެ އެވެ. މީގެ އިތުރުން އިޓަލީގެ މިހާރުގެ ކުޅުންތެރިންގެ ތެރެއިން މާކީޒިއޯގެ އިތުރުން ޗީރޯ އިމޮބިލޭ އާއި ސެބަސްޓިއަން ޖިއޮވިންކޯ އަދި ޑޮމެނިކޯ ކްރިސިޓޯ އަކީ ވެސް އެ އެކަޑަމީގެ އުފެއްދުންތަކެވެ.