29 އޯގަސްޓް 2018 - 07:08

"ޝޭޕް އޮފް ވޯޓާ" އިން މި އަހަރު އެންމެ މޮޅު ފިލްމާއި ޑައިރެކްޓަރުގެ އޮސްކާ އެވޯޑް ހޯދި ގްލިމޯ ޑެލް ޓޯރޯގެ އާ ފިލްމަށް ކާސްޓުން ހަމަޖައްސައިި، މި ހަފުތާގެ ތެރޭގައި އޭގެ ޝޫޓިން ފަށަން ތައްޔާރުވެއްޖެ އެވެ.
އޭނާ ޕްރޮޑިއުސް ކުރާ މި ޓީން ތުރިލާ އަށް ދީފައިވާ ނަމަކީ "ސްކޭރީ ސްޓޯރީޒް ޓް ޓެލް އިން ދަ ޑާކް" އެވެ. މީގެ މައިގަނޑު ކާސްޓުންނަށް ނަގާފައި ވަނީ މައިކަލް ގާޒާ، އޮސްޓިން އަބްރަމްސް، ގެބްރިއެލް ރަޝް، އޮސްޓިން ޒަޖޫ އަދި ނަޓަލީ ގަންޒޯން އެވެ.
"ސްކޭރީ ސްޓޯރީޒް ޓް ޓެލް އިން ދަ ޑާކް" ގެ ޕްރޮޑިއުސަރުންނަކީ "ޝޭޕް އޮފް ވޯޓާ" ގެ ޕްރޮޑިއުސަރުންނެވެ. އަދި މި ފިލްމަށް ސީބީއެސް އިން ވެސް ފަންޑްކޮށް ދޭނެ އެވެ.
ގްލިމޯ އާއި އޭނާގެ ޓީމްގެ ސްކްރީންޕްލޭއަކަށް ހަދާ ފިލްމްގެ ޑައިރެކްޝަނާ ހަވާލުވެފައި ވަނީ 2016 ވަނަ އަހަރު "ދި އޮޓޮޕްސީ އޮފް ޖޭން ޑޯއީ" ގެނެސް ދިން އެންޑްރޭ އޮވްރެޑެލް އެވެ. "ސްކޭރީ ސްޓޯރީޒް ޓް ޓެލް އިން ދަ ޑާކް" އަކީ ހަމަ އެ ނަމުގައި އެލްވިން ޝްވެޒް ލިޔެފައިވާ ޓްރިލޮޖީ އަށް ބިނާކޮށް ހަދާ ފިލްމެކެވެ.
މީގައި ކިޔައި ދެނީ ސިއްރު މަރުތަކެއްގެ ހަގީގަތް ހޯދަން ފުރާވަރުގެ ކުދިންތަކެއް ކުރާ ކަންތައްތަކެއްގެ ތެރެއިން ދިމާވާ ހާދިސާތަކެވެ.
ފިލްމާ ބެހޭ ގޮތުން ގްލިމޯ ބުނީ އެންޑްރޭއާ ގުޅިގެން ބެލުންތެރިން ވަރަށް ވެސް ގަޔާވާ ކަހަލަ ފިލްމެއް ގެނެސް ދެވޭނެ ކަމަށެވެ. އަދި "ސްކޭރީ ސްޓޯރީޒް ޓް ޓެލް އިން ދަ ޑާކް" އިން ބޮޑު ސްކްރީނަށް ގެންނަން އެންޑްރޭ ކުރަހާފައިވާ ތަސައްވުރާ އެއްގޮތަށް ފިލްމް ގެނެސް ދޭން މުޅި ޓީމް މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ.