29 އޯގަސްޓް 2018 - 07:08

ފިލްމީ ދާއިރާގައި މަސައްކަތްކުރާ ދެ ޖިންސްގެ އެކްޓަރުންނަށް ވެސް އެއްވަރުގެ އާމްދަނީއެއް ލިބެންޖެހޭނެ ކަމަށާއި އޭގައި ތަފާތުތަކެއް ހުރީ ކީއްވެގެންކަން ނޭނގޭ ކަމަށް ބޮލީވުޑްގެ ތަރި ޝާހްރުކް ހާން ބުނެފި އެވެ.
ބޮލީވުޑަކީ އަބަދު ވެސް ފިރިހެން އެކްޓަރުން ޑޮމިނޭޓްކުރާ ދާއިރާއެއް ކަމަށް އަމިއްލަ ގަބޫލުކުރާ ކަމަށް ވެސް، ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އެކްޓަރު ބުންޏެވެ. އެކަމަކު ފިލްމެއްގައި މަސައްކަތްކުރާ ބަތަލުންނާއި ބަތަލާއިންގެ މެދުގައި އާމްދަނީގެ ބޮޑު ފަރަގެއް ހުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ބުންޏެވެ.
"އަހަރެން ގަބޫލެއް ނުކުރަން އާމްދަނީގައި ފަރަގެން އުޅެގެން ވާނެ ކަމަކަށް. އަދި އެއީ ކީއްވެގެންވާ ކަމެއްތޯ ވެސް ސާފެއް ނޫން،" ބޮލީވުޑްގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެކްޓަރުންގެ ތެރޭގައި ހިމެނޭ ޝާހްރުކް، 52، ބުންޏެވެ.
ރެޑް ޗިލީޒްގެ ނަމުގައި ފިލްމް ސްޓޫޑިއޯއެއް ވެސް ހިންގަމުން އަންނަ ޝާހްރުކް ބުނި ގޮތުގައި ބަތަލާއިންނަކީ ދަށް ބައެއް ކަމަށް ދެކިގެން ވެސް ނުވާނެ އެވެ. އަދި އެ މީހެއްގެ ހުރި ހުނަރަށާއި ދައްކުވައިދޭ ޕަފޯމަންސަށް ބަލައިފައި އެކަށީގެންވާ އާމްދަނީއެއް ދެ ޖިންސްގެ އެކްޓަރުންނަށް ވެސް ލިބެން ޖެހޭނެ ކަމަށް ބުންޏެވެ.
"އެކަމަކު އެކަން އޮންނަން ވާނީ މިންގަނޑެއްގެ ތެރޭގައި. މުޅި ފިލްމަށް ކަނޑައަޅާ ބަޖެޓަށް ވުރެ ބަތަލުންނާއި ބަތަލާއިންގެ އަގު ބޮޑުވެގެން ނުވާނެ،" ޑިސެމްބަރު މަހު ރިލީޒް ކުރާ "ޒީރޯ" ގެ އެކްޓަރު ބުންޏެވެ. "އަހަރެން ވެސް ވަރަށް ބޭނުން އާމްދަނީގައި ހުރި ފަރަގަށް ނިމުމެއް އަންނަން."
ބޮލީވުޑްގައި ބަތަލާއިންނަށް، ބަތަލުންނާ އަޅާކިޔާ އިރު ނިސްބަތުން ކުޑަ އާމްދަނީއެއް ލިބޭ މައްސަލައަކީ ފެށުނީއްސުރެ އޮތް ކަމެކެވެ.
އެކަމަކު މި ފަހުން މިކަމާ ވަކާލާތުކޮށް، ޒުވާން ބަތަލާއިން ވާހަކަ ދައްކާތީ އާމްދަނީގެ ފަރަގަށް ކުރިއެރުންތަކެއް އަންނަކަން ފާހަގަ ކުރެވެ އެވެ. އަދި ބަތަލާއިން ބަތަލުންނަށް ދޫނުކުރާ ވަރުގެ ރޯލްތައް ކުޅޭ ފިލްމްތައް މި ފަހުން ހަދަމުން އަންނަކަން ވެސް ފާހަގަ ކުރެވެ އެވެ.