28 އޯގަސްޓް 2018 - 07:34

މި މަހުގެ 15 ގައި ރިލީޒް ކުރި، އަކްޝޭ ކުމާރްގެ ފިލްމް "ގޯލްޑް" ވެސް އިންޑިއާގައި 100 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް ހޯދައިފި އެވެ.
މި ފިލްމް ރިލީޒްކުރި ހަފުތާގައި އެކަނި ވެސް 89.30 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބުނެވެ. އިންޑިއާގައި ދައްކައިގެން ފިލްމަށް 100 ކްރޯޑް ކުލަބުން ޖާގަ ހޯދި އިރު، ހޯމަ ދުވަހާ ހަމައަށް އިންޑިއާ އާއި އިންޑިއާ އިން ބޭރުގެ މާކެޓްތަކުގައި ދައްކައިގެން "ގޯލްޑް" އަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ 136.69 ކްރޯޑް ރުޕީސް އަށް އަރައިފަ އެވެ.
ރީމާ ކަތުގީ ލިޔެ، އިރެކްޓްކޮށްފައިވާ މި ފިލްމްވެގެން ގޮސްފައި ވަނީ މި އަހަރު 100 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި 8 ވަނަ ފިލްމަށެވެ. "ގޯލްޑް" އަކީ އިންޑިއާ އަށް 1947 ގައި މިނިވަންކަން ލިބުނު ފަހުން، އޮލިމްޕިކްސްގައި 1948 ގައި ވާދަކޮށްގެން ރަން މެޑެލް ހޯދި ހާދިސާ އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.
މި އަހަރުގެ މިހާތަނަށް ރިލީޒް ކުރި ފިލްމްތަކުގެ ތެރެއިން 100 ކްރޯޑް ދެން ވަދެފައިވާ ފިލްމްތަކަކީ ރަންބީރް ކަޕޫރްގެ "ސަންޖޫ"، ސަމްލާން ހާންގެ "ރޭސް 3"، އާލިއާ ބަޓްގެ "ރާޒީ"، ޓައިގާ ޝްރޮފްގެ "ބާގީ 2"، އަޖޭ ދޭވްގަންގެ "ރެއިޑް" އަދި ކާތިކް އަރިޔަންގެ "ސޯނޫ ކޭ ޓިޓޫ ކޭ ސްވީޓީ" ގެ އިތުރުން ދީޕިކާ ޕަދްކޯންގެ "ޕަދްމާވަތު" އެވެ.
"ގޯލްޑް" އަކީ 100 ކްރޯޑް ކުލަބުން ޖާގަ ހޯދި އަކްޝޭގެ 9 ވަނަ ފިލްމެވެ. އެ ލިސްޓްގައި ދެން ހިމެނޭ ފިލްމްތަކަކީ "ހައުސްފުލް 2" އާއި "ހައުސްފުލް 3"، "ރައުޑީ ރާތޯޑް". "އެއާލިފްޓް"، "ރުސްތުމް"، "ޖޮލީ އެލްއެލްބީ 2" އަދި "ޓޮއިލެޓް: އޭކް ޕްރޭމް ޙަތާ" އެވެ.
އެންމެ ބޮޑު އާމްދަނީއެއް ފާއިތުވި އެއް އަހަރުގެ ދުވަހުގެ ތެރޭގައި ލިބުނު އެކްޓަރުން ހިމަނައިގެން ފޯބްސް އިން ދާދި ފަހުން އާންމު ކުރި ލިސްޓްގެ 7 ވަނަގައި އޮތް އަކްޝޭގެ ވަރަށް އުންމީދީ އިތުރު ފިލްމެއް ވެސް މި އަހަރު ރިލީޒްވާން އަދި އެބަ އޮތެވެ.
އެއީ ރަޖްނީކާންތު ވެސް މުހިއްމު ރޯލެއް ކުޅެ، ނޮވެމްބަރު 29 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ ސައިންސް ފިކްޝަން ފިލްމް "2.0" އެވެ. މި ފިލްމްގައި އަކްޝޭ ފެނިގެން ދާނީ ވިލަންއެއްގެ ރޯލުންނެވެ.
މި އަހަރު ރިލީޒްވި އަކްޝޭގެ ފުރަތަމަ ފިލްމަކީ ފެބްރުއަރީ މަހު ރިލީޒް ކުރި "ޕެޑްމޭން" އެވެ. އާރް ބަލްކީ ޑައިރެކްޓް ކުރި އެ ފިލްމަށް ބޮކްސް އޮފީހުގައި ޖުމްލަ 120 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބުނެވެ.
"ގޯލްޑް" އާ އެކު ރިލީޒް ކުރި ޖޯން އަބްރަހަމްގެ އެކްޝަން ތުރިލާ "ސަތިޔަމޭވް ޖަޔަތޭ" އަށް ވެސް ބޮކްސް އޮފީހުގައި އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. އިންޑިއާ އާއި އިންޑިއާ އިން ބޭރުގެ މާކެޓްތަކުގައި ދައްކައިގެން އެ ފިލްމަށް ލިބުނު އާމްދަނީ މިހާރު ވަނީ 110 ކްރޯޑް ރުޕީސް އަށް އަރައިފަ އެވެ.