ސްވިޒަލެންޑުގެ މިޑްފީލްޑަރު ޒާކާ އާސެނަލަށް ސޮއިކޮށްފި
ސްވިޒަލެންޑުގެ މިޑްފީލްޑަރު ޒާކާ އާސެނަލަށް ސޮއިކޮށްފި

ލަންޑަން (މޭ 25) - ބޮރޫޝިއާ މޮންޗެންގްލަޑްބެކްގެ ކެޕްޓަން ސްވިޒަލެންޑްގެ ގްރޭނިޓް ޒާކާ އާސެނަލަށް ސޮއިކޮށްފި އެވެ.

ސްވިޒަލެންޑުގެ މިޑްފީލްޑަރު ޒާކާ އާސެނަލަށް ސޮއިކޮށްފި
ސްވިޒަލެންޑުގެ މިޑްފީލްޑަރު ޒާކާ އާސެނަލަށް ސޮއިކޮށްފި

ރިޕޯޓްތައް ބުނާގޮތުން އާސެނަލުން ވަނީ އުމުރުން 23 އަހަރުގެ ޒާކާ ގަތުމަށް 30 މިލިއަން ޕައުންޑް ހަރަދުކޮށްފަ އެވެ. މިއާ އެކު ޒާކާ ވެފައިވަނީ އާސެނަލްގެ ތާރީހުގައި އެޓީމަށް ގެނައި ތިން ވަނަ އަށް އެންމެ އަގުބޮޑު ކުޅުންތެރިޔާ އަށެވެ. އާސެނަލަށް އެންމެ އަގުބޮޑުކޮށް ގެނައީ މެސުޓް އޮޒިލެވެ. ދެ ވަނަ އަށް އަލެކްސިސް ސަންޗޭޒެވެ.

ޒާކާ އޭނާގެ ފުޓްބޯޅަ ކެރިއަރު ފެށީ ސްވިޒަލެންޑްގެ ބާސެލް އިންނެވެ. ޒާކާ ވަނީ ބަސެލް އަށް 10 އަހަރު ކުޅެ، އެ ކްލަބާ އެކު ސްވިސް ލީގު ދެ ފަހަރު ކާމިޔާބު ކޮށްފަ އެވެ. އޭނާ މޮންޗެންގްލަޑްބެކަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ.

ފާއިތުވި ތިން އަހަރުގައި ޖަރުމަނު ލީގުގައި އެއް ފެންވަރެއްގައި މޮޅު ކުޅުމެއް ދެއްކި މަދު ކުޅުންތެރިންގެ ތެރޭގައި ޒާކާ ހިމެނެ އެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި ޖަރުމަނު ލީގުން ހޮވި އެންމެ މޮޅު 11 ކުޅުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ. ޒާކާ ވަނީ މޮންޗެންގްލަޑްބެކަށް ކުޅެދިން 102 މެޗުން 26 ލަނޑު ޖަހައިފަ އެވެ.

އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ އޭނާގެ ޓީމަށް މިހާރު ބޭނުންވަނީ ޒާކާ ފަދަ ޔޫރަޕްގައި ތަޖުރިބާހުރި ކުޅުންތެރިން ކަމަށެވެ.

"ޒާކާ ވަނީ ޒުވާން އުމުރުގައި މަތީ ފެންވަރުގެ މުބާރާތްތަކުގައި ކުޅެފައި. ޔޫރޯ އާއި ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގައި އޭނާގެ ފެންވަރު ސާބިތުކޮށްދީފި. ޒާކާ ލިބުމުން އާސެނަލްގެ މެދުތެރެ އިތުރަށް ވަރުގަދަ ވެގެންދާނެ. މިއީ މުޅި ޓީމަށް ވެސް ލިބޭނެ ކުރިއެރުމެއް،" ވެންގާ ބުންޏެވެ.

ޒާކާ އަކީ އަންނަ މަހު ފްރާންސްގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ނެގި ސްވިޒަލެންޑްގެ ސްކޮޑުގައި ހިމެނޭ ކުޅުންތެރިޔެކެވެ.