މެލޭޝިއާގައި އަލަށް ހަދާ ސިޓީން ބޭރު މީހުން ބިން ގަތުން މަނާކޮށްފި
މެލޭޝިއާގައި އަލަށް ހަދާ ސިޓީން ބޭރު މީހުން ބިން ގަތުން މަނާކޮށްފި

ކުއާލަ ލަމްޕޫރު (އޮގަސްޓް 28) - މެލޭޝިއާގައި ހަދާ 100 ބިލިއަން ޑޮލަރުގެ ސިޓީން ބޭރު މީހުންނަށް ބިމާއި ފްލެޓް ނުގެނެވޭ ގޮތް ހަދައިފި އެވެ.

މެލޭޝިއާގައި އަލަށް ހަދާ ސިޓީން ބޭރު މީހުން ބިން ގަތުން މަނާކޮށްފި
މެލޭޝިއާގައި އަލަށް ހަދާ ސިޓީން ބޭރު މީހުން ބިން ގަތުން މަނާކޮށްފި

ދެކުނުގެ ޖޯހަރް ސްޓޭޓުގައި ހަތަރު ރަށް ހިއްކައިގެން ހަދާ ފޮރެސްޓް ސިޓީ ނުވަތަ "އިކޯ-ސިޓީ" އަމާޒުކޮށްފައި ވަނީ 700،000 މީހުންގެ އާބާދީއަކަށެވެ.

ފޮރެސްޓް ސިޓީ ހަދަނީ ހޮން ކޮންގެ ރިއަލް އެސްޓޭޓް ކުންފުނި ކަންޓްރީ ގާޑަން އިންނެވެ. އެ ކުންފުނީގައި ޖޯހަރުގެ ސުލްތާނުގެ ހިއްސާ ވެސް އޮވެ އެވެ. ފޮރެސްޓް ސިޓީ ނިންމަން އަމާޒު ހިފާފައި ވަނީ 2035 ވަނަ އަހަރު އެވެ.

މެލޭޝިއާގެ ކުރީގެ ސަރުކާރުން އެ ސިޓީ ހަދަން ފެށީ ޗައިނާގެ މުއްސަނދިންނަށް އަމާޒުކޮށްގެން ކަމަށްވެ އެވެ. ނަމަވެސް ބޮޑު ވަޒީރު މަހާތިރު މުހައްމަދު ވިދާޅުވީ ބޭރު މީހުންނަށް ފޮރެސްޓް ސިޓީން ބިމާއި ފްލެޓް ނުގަނެވޭނެ ކަމަށެވެ.

"ޔަގީންވާ ކަމަކީ އެ ސިޓީ ހަދާނެކަން. އަދި ބޭރު މީހުންނަށް ބިން ނުވިއްކާނެކަން،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަހާތިރު ވިދާޅުވި އެވެ. "ފޮރެސްޓް ސިޓީގައި ދިރިއުޅެން އަންނަ މީހުންނަށް ވިސާއެއް ނުދޭނަން."

މަހާތިރު ވެރިކަމަށް ވަޑައިގަތުމަށް ފަހު ވަނީ ޗައިނާގެ އެހީގައި ކުރީގެ ސަރުކާރުން ހިންގަން ފެށި މަޝްރޫއުތައް ހުއްޓުވަން ފަށައިފަ އެވެ. އެންމެ ފަހުން ހުއްޓުވި ދެ މަޝްރޫއުގެ އަގު ވެސް 22 ބިލިއަން ޑޮލަރަށް އަރަ އެވެ.