މިއަންމާ ސިފައިންގެ ވެރިޔާ ފޭސްބުކުން ބޭރުކޮށްލައިފި
މިއަންމާ ސިފައިންގެ ވެރިޔާ ފޭސްބުކުން ބޭރުކޮށްލައިފި

ވޮޝިންޓަން (އޮގަސްޓް 27) - މިއަންމާ ސިފައިންގެ ވެރިޔާ ޖެނެރަލް މިން އައުންގް ހުލައިން ހިމެނޭ ގޮތަށް އެ ގައުމުގެ ސިފައިންގެ އިސްވެރިންތަކެއްގެ ފޭސްބުކް އެކައުންޓް ބަންދުކުރަން ނިންމައިފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ނެޓްވޯކުން ބުނީ މިއަންމާ ސިފައިންގެ ޖެނެރަލުންތަކެއް ފޭސްބުކުން ބޭރުކޮށްލަނީ ނަފްރަތާއި ދޮގު މައުލޫމާތު ފެތުރުން ހުއްޓުވަން ކަމަށެވެ.

"މިއަންމާގެ 20 މީހެއްގެ ފޭސްބުކް އެކައުންޓް ރިމޫވް ކުރަން ނިންމާފައި ވަނީ. އޭގެ ތެރޭގައި ސިފައިންގެ ވެރިޔާ ވެސް ހިމެނޭ. އަދި މިއަންމާ ސިފައިންގެ ޓީވީ ނެޓްވޯކުގެ ފޭސްބުކް އެކައުންޓް ވެސް ރިމޫވް ކުރާނެ،" ފޭސްބުކުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

މިއަންމާ ސިފައިންގެ ވެރިޔާގެ އިންސްޓަގްރާމް އެކައުންޓް ވެސް މަނާކުރަން ވަނީ ނިންމައިފަ އެވެ. މީގެ އިތުރުން 52 ފޭސްބުކް ޕޭޖް ވެސް ބަންދުކުރާނެ އެވެ. މި ޕޭޖްތައް 12 މިލިއަން މީހުން ފޮލޯ ކުރެ އެވެ.

މިއަންމާ ސިފައިން ރަކީން ސްޓޭޓުގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ޖަރީމާތައް ހިންގި އިރު އެކި އެކި މެސެޖްތައް އާއްމުކުރަން ސިފައިންނާއި ސިފައިންގެ ވެރިޔާ އާއްމުކޮށް ބޭނުންކޮށްފައި ވަނީ ފޭސްބުކެވެ.

ރަކީންގެ އަނިޔާވެރިކަމާ ގުޅިގެން ހަނގުރާމައިގެ އެންމެ މަތީ ދަރަޖައިގެ ކުށްތަކުގެ ދައުވާ މިއަންމާ ސިފައިންގެ ވެރިޔާގެ މައްޗަށް ކުރުމަށް އދ.ގެ ޚާއްސަ ޓީމުގެ ރިޕޯޓުގައި މިއަދު ވަނީ ބުނެފަ އެވެ.