27 އޯގަސްޓް 2018 - 14:18

ޔުނައިޓެޑް ނޭޝަންސް (އޮގަސްޓް 27) - ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގި ގަތުލްއާއްމާ ގުޅިގެން މިއަންމާ ސިފައިންގެ އިސް އޮފިސަރުންގެ މައްޗަށް މީހުން މެރުމާއި ހަނގުރާމައިގެ ޖަރީމާތައް ހިންގުމުގެ ދައުވާ ކުރަން ޖެހޭ ކަމަށް އދ.ގެ ފެކްޓް-ފައިންޑިން މިޝަންގެ ރިޕޯޓުގައި ބުނެފި އެވެ.

އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުން މާޗް 2017 ގައި އުފެއްދި މިޝަންގެ ރިޕޯޓުގައި ބުނެފައި ވަނީ މިއަންމާ ސިފައިން ހިންގާފައި ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ބެލި ނަމަވެސް އެންމެ ބޮޑެތި ޖަރީމާތައް ކަމަށެވެ. ރިޕޯޓްގައި ފާހަގަކޮށްފައިވާ އަސްކަރީ ޖެނެރަލުންގެ ތެރޭގައި ހިމެނޭ ސިފައިންގެ ވެރިޔާ މިން އައުން ހްލައިންގެ މައްސަލަ ތަހުގީގުކޮށް ދައުވާ ކުރަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

"މީހުން މެރުމާއި އަންހެނުން ރޭޕްކުރުމާއި ކުޑަ ކުދިންނަށް ހަމަލާ ދިނުމާއި އަވަށްތަކުގައި އަލިފާން ޖެހުމަކީ ހުއްދަ ކަމެއްކަން ސިފައިންނަށް ސާބިތުކޮށްދެވޭނެ އެއްވެސް ގޮތެއް ނޯންނާނެ،" ރިޕޯޓުގައި ބުނެފައިވެ އެވެ.
މިއަންމާގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ޖަރީމާ ހިންގި މީހުންގެ މައްސަލަ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް ހުށަހެޅުމަށް ވެސް ރިޕޯޓުގައި ލަފާދީފައިވެ އެވެ.
ސިފައިންގެ އަނިޔާވެރިކަން ހުއްޓުވަން މިއަންމާ ސަރުކާރުން މަސައްކަތް ކޮށްފައި ނުވާތީ ވެސް ވަނީ ފާޑުކިޔުން އަމާޒުކޮށްފަ އެވެ.
"މިއަންމާ ސަރުކާރުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ސްޓޭޓް ކައުންސެލާ އަން ސަން ސޫކީ، ހަމަނުޖެހުންތައް ހުއްޓުވަން މަސައްކަތް ކޮށްފައި ނުވާކަން ފާހަގަކުރެވޭ،" ރިޕޯޓުގައި ބުނެފައިވެ އެވެ.
ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ރަކީން ސްޓޭޓުގައި މިއަންމާ ސިފައިން އަސްކަރީ އޮޕަރޭޝަން ފެށީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ. ސިފައިންގެ އަނިޔާވެރިކަން ބޮޑުވުމުން އަވަށްޓެރި ބަންގްލަދޭޝް އަށް ހިޖުރަކުރި ރޮހިންޖާ މީހުންގެ އަދަދު ހަތް ލައްކަ އަށް ވުރެ އިތުރެވެ.