27 އޯގަސްޓް 2018 - 13:36

ނިއު ދިއްލީ (އޮގަސްޓް 27) - އިންޑިއާގެ ދެކުނުގެ ކެރަލާ ސްޓޭޓުގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ލިބިފައި ވަނީ އެ ސްޓޭޓުގައި ގެރިކަތިލުމުން، އަދަބެއްގެ ގޮތުން ކަމަށް ކަރްނާޓަކާ ޕާލަމެންޓުގައި ހިމެނޭ ބީޖޭޕީގެ މެންބަރެއް ކަމަށްވާ ބަސަންގޫދާ ޕަޓިލް ޔަޓްނާލް ވިދާޅުވެއްޖެ އެވެ.
ކެރަލާ އަށް ކުރި ގަދަ ވިއްސާރައިގައި ވަނީ 400 އަށް ވުރެ ގިނަ މީހުން މަރުވެ މިލިއަނަކަށް ވުރެ ގިނަ މީހުން ހާލުގައި ޖެހިފަ އެވެ.
"ގެރި ކަތިލުމަކީ ހިންދޫންގެ އިހްސާސްތަކާ ދެކޮޅަށް ކުރާ ކަމެއް. އެއްވެސް ބައެއްގެ ދީނުގެ ހުރުމަތް ކުޑަވާ ކަމެއް އެހެން ބަޔަކު ކޮށްގެން ނުވާނެ. މިހާރު ބަލާ، ކެރަލާގައި ކަންތައްވީ ގޮތް. އެ މީހުން ފާޅުގައި ގެރި ކަތިލައި ފެސްޓިވަލް ބޭއްވިތާ އަހަރެއްހާ ދުވަސް ފަހުން އެ ސްޓޭޓް އެ ވަނީ އެ ހާލަތަށް ގޮސްފައި،" ޔަޓްނާލް ވިދާޅުވި އެވެ. "ހިންދޫންގެ ހިތަށް ތަދުކުރާ މީހުންނަށް މިފަދަ ގޮތަކަށް އަދަބު ލިބޭނެ."
އޭނާ އެ އިޝާރާތް ކުރައްވާފައި ވަނީ ކެރަލާ ސްޓޭޓް އެސެމްބްލީގެ ކެންޓީނުގައި ގެރިމަހުގެ ފެސްޓިވަލެއް ބޭއްވި މައްސަލައަށެވެ. ކެރަލާ ސްޓޭޓުން އެކަން ކުރީ ގެރި ކަތިލާ ގެރި މަސް ވިއްކުމަކީ މަނާ ކަމެއް ކަމަށް އިންޑިއާގެ މައި ސަރުކާރުން ހަމަޖެއްސުމުން އެކަމާ އިހްތިޖާޖް ކުރުމުގެ ގޮތުންނެވެ.
ޔަޓްނާލް އަކީ މުސްލިމުންނާ ދެކޮޅަށް އާއްމުކޮށް ބަސް ވިދާޅުވާ ބޭފުޅެކެވެ. ޖޫން މަހު ބޭއްވި ކަރްނާޓަކާ ސްޓޭޓް އެސެމްބްލީ އިންތިޚާބަށް ފަހު އޭނާ ވިދާޅުވެފައި ވަނީ އިންތިޚާބުގައި އޭނާ ހޮވީ ހިންދޫން ވޯޓުލައިގެން ކަމަށާއި އެހެންވެ އޭނާ މަސައްކަތް ކުރާނީ ހިންދޫންގެ ކުރިއެރުމަށް އެކަނި ކަމަށެވެ. އަދި މުސްލިމުންނަށް އެއްވެސް ކަމެއް ނުކޮށްދޭނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ޔަޓްނާލް ކުރިން ވަނީ ބީޖޭޕީން ވަކިވެފަ އެވެ. ނަމަވެސް އެ ޕާޓީއާ އޭނާ އަލުން ގުޅިފައި ވަނީ ކަރްނާޓަކާ އިންތިޚާބަށް ދުވަސްކޮޅަކަށް ވެފައި ވަނިކޮށެވެ.