27 އޯގަސްޓް 2018 - 12:29

ޕާކިސްތާން ގައުމީ ފުޓްބޯޅަ ޓީމަށް ގަތަރަށް ދެވޭ ގޮތް ނުވުމުން، އެ ގައުމާ ދެކޮޅަށް ރާއްޖޭން މިރޭ ކުޅެން ރޭވި އެކުވެރިކަމުގެ މެޗު ކެންސަލްކޮށްފި އެވެ.
ގަތަރުގައި މިވަގުތު ކޭމްޕްކޮށްފައިވާ ރާއްޖޭގެ ގައުމީ ޓީމުން މި މެޗު ރޭވީ ކުރިއަށް އޮތް ސާފް ސުޒުކީ ކަޕަށް ތައްޔާރުވުމުގެ ގޮތުންނެވެ. މެޗު އެހެން ދުވަހެއްގައި ކުޅޭނެކަމެއް އަދި ނުނިންމަ އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ ޕާކިސްތާން ޓީމަށް ކަނޑައެޅި ތާރީހަށް ގަތަރަށް ފުރޭ ގޮތްނުވީ އެ ގައުމުގެ އެތެރޭގެ މައްސަލައަކާ ހެދި ކަމަށެވެ.
"ކުރިން ރާވާފައި އޮތީ ޕާކިސްތާނުން އިއްޔެ ހެނދުނު ގަތަރަށް ގޮސް މިރޭ ރާއްޖެއާ ދެކޮޅަށް މެޗު ކުޅެން. އެކަމަކު ޕާކިސްތާނަށް ފުރޭ ގޮތްނުވެ ލަސްވުމުން، މެޗު ކެންސަލްކުރީ،" ޖަވާޒް ވިދާޅުވި އެވެ. "މެޗު އަލުން ކުޅޭނެތޯ ނުވަތަ ނޫންތޯ އަދި ނުނިންމާ. އެކަމަކު ފުރުސަތު ބޮޑީ ނުކުޅުމާ. ސަބަބަކީ ކޯޗު ބޭނުންވަނީ ކުރިން ވެސް ރާވާފައިވާ ޕްރޮގްރާމާ އެއްގޮތަށް ކުރިއަށްދާން."
ރާއްޖޭން ގަތަރު ކޭމްޕުގައި މިހާތަނަށް ކުޅުނީ އެންމެ މެޗެކެވެ. ގަތަރުގެ ދެ ޑިވިޝަނުގެ އަލް-މަރްޚިޔާ އަތުން ރާއްޖެ ވަނީ އެ މެޗުން 4-3 އިން މޮޅުވެފަ އެވެ. މި މަހު ހަ ވަނަ ދުވަހުން ފެށިގެން 27 ކުޅުންތެރިންގެ ސްކޮޑަކާ އެކު ގައުމީ ޓީމުން ފަރިތަކުރަމުން އަންނައިރު ހަތް ކުޅުންތެރިން ބާކީކޮށް އާދީއްތަ ދުވަހު 20 ކުޅުންތެރިންނާ އެކު ބަންގްލަދޭޝަށް ފުރާނެ އެވެ.
ސާފް ސުޒުކީ ކަޕްގައި ރާއްޖެ ހިމެނެނީ ލަންކާ އާއި އިންޑިއާއާ އެއް ގްރޫޕެއްގަ އެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު ހަތް ވަނަ ދުވަހު ބައްދަލުކުރާނީ ސްރީލަންކާއާ އެވެ. ދެ ވަނަ މެޗުގައި އޭގެ ދެ ދުވަސް ފަހުން އިންޑިއާއާ ދެކޮޅަށް ކުޅޭނެ އެވެ.