27 އޯގަސްޓް 2018 - 12:14

ޕިއޮންޔަން (އޮގަސްޓް 27) - ބަންދުކޮށްފައި ހުރި ޖަޕާނުގެ ޓޫރިސްޓް މިނިވަން ކުރީ އިންސާނިއްޔަތަށް ޓަކައި ކަމަށް ނޯތު ކޮރެއާ އިން ބުނެފި އެވެ.
ނޯތު ކޮރެއާ އިން ހައްޔަރު ކުރި ޖަޕާނުގެ ޓޫރިސްޓް ޓޮމޮޔުކީ ސުގިމޮޓޯއާ ބެހޭ ގޮތުން ލިބިފައި ވަނީ ވަރަށް މަދު މައުލޫމާތެކެވެ. ނަމަވެސް ބެލެވޭ ގޮތުގައި އޭނާ ހައްޔަރު ކުރީ މި މަހު ކުރީކޮޅެވެ. ޖަޕާނުގެ ޓޫރިސްޓް ހައްޔަރު ކުރި ސަބަބެއް ނޯތު ކޮރެއާ އިން ހާމަކޮށްފައެއް ނުވެ އެވެ. ޖަޕާނުގެ މީޑިއާތަކުން ބުނެފައި ވަނީ އޭނާ ހައްޔަރު ކުރީ އަސްކަރީ މަރުކަޒެއްގެ ފޮޓޯ ނެގުމުން ކަމަށެވެ.
ޖަޕާނާއި ނޯތު ކޮރެއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައެއް ނުވެ އެވެ.
ނޯތު ކޮރެއާ އަށް ޒިޔާރަތް ކުރާ ޓޫރިސްޓުންގެ އަމަލުތައް އެ ގައުމުން ވަރަށް ރަނގަޅަށް މޮނިޓާ ކުރެ އެވެ. ނޯތު ކޮރެއާ އިން މީގެ ކުރިން ވެސް ވަނީ ޓޫރިސްޓުން ޖަލަށް ލައިފަ އެވެ. މި ގޮތުން އެންމެ ފާހަގަކޮށްލެވެނީ ހޮޓަލަކުން ކޮންމެވެސް އައިޓަމެއް ނެގި ކަމަށް ބުނެ ހައްޔަރު ކުރި އެމެރިކާގެ ދަރިވަރު އޮޓޯ ވާމްބިއާގެ މައްސަލަ އެވެ. އޭނާ ވެސް ދޫކޮށްލީ އިންސާނިއްޔަތަށްޓަކައި ކަމަށް ބުނެ އެވެ. ވާމްބިއާ އެމެރިކާ އަށް ގެންދިޔަ އިރު ވަރަށް ބައްޔެވެ. ދުވަސްކޮޅެއް ފަހުން އޭނާ ވަނީ މަރުވެފަ އެވެ.