28 އޯގަސްޓް 2018 - 07:35

ސިޔާސީ ދާއިރާގައި މަސައްކަތްކުރާ އާއިލާއަކަށްވާތީ، ކުރިއަށް އޮތް ތަނުގައި ސިޔާސީ ދާއިރާ އިން ވެސް ފެނިދާނެ ކަމަށް، އަންނަ އޮކްޓޯބަރު މަހު ރިލީޒް ކުރާ "ލަވްރާތުރީ" އިން ބޮލީވުޑަށް ތައާރަފުވާ އެކްޓަރު އާޔޫޝް ޝަރްމާ ބުނެފި އެވެ.
އާޔޫޝްއަކީ ސަލްމާން ހާންގެ ހަގު އަންހެން ކޮއްކޮ އަރްޕިތާ ހާންގެ ފިރިމީހާ އެވެ. އާޔޫޝްގެ ބައްޕަ އަނިލް ޝަރްމާ އާއި ކާފަ ސުކް ރާމްއަކީ ވެރިކަންކުރާ ބީޖޭޕީ އަށް ނިސްބަތްވާ ސިޔާސީ މީހުންނެވެ.
އޮކްޓޯބަރު 5 ގައި ރިލީޒްކުރާ "ލަވްރާތުރީ" ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ނޫސްވެރިން ކުރި ސުވާލުތަކަށް އާޔޫޝް ބުނީ ސިޔާސީ ދާއިރާ އަށް ނުކުންނަން އަދި ތައްޔާރު ނޫން ކަމަށެވެ. އެކަމަކު ވާނުވާ އެނގޭ ކަމަށް ބުންޏެވެ.
"ސިޔާސީ ދާއިރާ އަށް ދުވަހަކު ވެސް ނުނިކުންނާނަމެކޭ ނުބުނާނަން. ވަގުތު ޖެހުނީމަ އަދި އެކަމަށް އަހަރެން ތައްޔާރުކަން އިހުސާސްވާ ހިސާބަށް ދިޔައިމަ ސިޔާސީ ދާއިރާ އިން ހަމަ ފެނުމުގެ ފުރުސަތު އެބައޮތް،" ދެ އަހަރުގެ ދަރިއަކު ވެސް ހުރި އާޔޫޝް، 33، ބުންޏެވެ.
އޭނާ ބުނި ގޮތުގައި ބޮޑުވެގެން އައީ ސިޔާސީ މާހައުލެއްގެ ތެރޭގައި ކަމަށްވާތީ އެ ދާއިރާ އަށް އަބަދުވެސް ޝައުގުވެރިކަން ހުރެ އެވެ. އަދި އުޅެބޮޑުވި ގެއަކީ ސިޔާސީ ކަންކަމާއި ސިޔާސީ ވާހަކަތައް ވަރަށް ގަދައަށް ދެކެވެމުން ދިޔަ ތަނެއް ކަމަށް ބުންޏެވެ.
"އެހެންވެ އެނގޭ ވަރަށް ބޮޑު ޒިންމާތަކެއް ސިޔާސީ މީހުންގެ ކޮނޑުގައި އެޅިފައިވާކަން. އަދި އަހަންނަކީ ގައުމުގައި ހިނގާ ކަންކަން އަބަދު ވެސް ބަލާ މީހެއް. އެހެންވީމަ ކަންކަން ހިނގާ ގޮތް އެނގޭ،" އާޔޫޝް ބުންޏެވެ. "ބަޔަކަށް ހިދުމަތެއްކޮށް ދޭން ނުކުތުމަކީ އެކަމަށް މީހާ ވަރަށް ބޮޑަށް ތައްޔާރުވެ، އެކަމަށް ވަގުތު ދޭން ޖެހޭނެ ކަމެއް."
އަޔޫޝް ބޮލީވުޑަށް ނެރުމުގެ ޒިންމާ ސަލްމާންގެ އާއިލާ އިން ނަގާ އިރު، މި މަސައްކަތުގެ ފަހަތުގައި އެންމެ އިސްކޮށް ހުރީ ސަލްމާނެވެ. ސަލްމާނާ ބެހޭ ގޮތުން އާޔޫޝް ބުނީ އަބަދު ވެސް އޭނާގެ ވާހަކަތަކާއި ނަސޭހަތްތައް އަޑު އަހާ ކަމަށެވެ.
އަދި "ލަވްރާތުރީ" ބެލުންތެރިންނަށް ކަމުދާނެ ފިލްމަކަށް ވާނެ ކަމުގެ އުންމީދުގައި ހުރި ކަމަށް ބުންޏެވެ. އަބިރާޖް މިނަވާލް ޑައިރެކްޓްކޮށްފައިވާ ފިލްމްގައި އާޔޫޝްއާ އެކު ބަތަލާގެ ރޯލް ކުޅެފައި ވަނީ އަލަށް ތައާރަފުވާ ވަރީނާ ހުސައިނެވެ.