ދެ ވަނަ މެޗުން ވެސް އިންޓަ އަށް މޮޅެއް ނުލިބުނު
ދެ ވަނަ މެޗުން ވެސް އިންޓަ އަށް މޮޅެއް ނުލިބުނު

މިލާން (އޮގަސްޓް 27) – އާ ސީޒަނަށް އެންމެ ބޮޑަށް ތައްޔާރުވި އެއް ޓީމު ކަމަށްވާ އިންޓަ މިލާނުން އިޓާލިއަން ލީގުގައި ކުޅުނު ދެ ވަނަ މެޗުން ރޭ ދެ ލަނޑުގެ ލީޑެއް ނަގާފައި އޮއްވާ ޓޮރިނޯއާ 2-2 އިން އެއްވަރުވެއްޖެ އެވެ.

ފުރަތަމަ މެޗުން ސަސުއޮލޯ އަތުން 1-0 އިން ބަލިވި އިންޓަ ދެ މެޗުން އެއް ޕޮއިންޓާ އެކު އޮތްއިރު އެ ޓީމަކީ މި ފަހަރު ލީގުގެ ތަށްޓަށް ވާދަކުރާނެ ކަމަށް ބެލެވުނު ޓީމެކެވެ.

އަމިއްލަ ދަނޑުގައި އިންޓަ ރޭ ކުޅުނު މެޗުގެ ހަ ވަނަ މިނެޓުގައި އިވާން ޕެރިސިޗް ވަނީ އެ ޓީމަށް ކުރި ހޯދައިދީފަ އެވެ. ދެ ވަނަ ގޯލް 32 ވަނަ މިނެޓުގައި ޖެހީ ސްޓެފަން ޑި ވްރައި އެވެ. ޓޮރިނޯގެ ފުރަތަމަ ގޯލް 55 ވަނަ މިނެޓުގައި ޖެހީ އަންދްރޭ ބެލޮއްޓީ އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ 68 ވަނަ މިނެޓުގައި ސުއާލިއޯ މެއިޓޭ އެވެ. މެޗުގެ ފަހުކޮޅު އިންޓަގެ ޕެރިސިޗް ފޮނުވާލި ނުރައްކާތެރި ބޯޅައެއް ޓޮރިނޯގެ ގޯލްކީޕަރު ސަލްވަޓޯރޭ ސިރިގޫ ވަނީ މަތަކޮށްފަ އެވެ.

"އެ ދެ ގޯލް އަހަރެމެން ކޮޅަށް ވަން ގޯލް ތަފްސީލްކޮށްދޭން އުނދަގޫ. އެކަމަކު ހަގީގަތަކީ މި ޓީމަށް ޕްރެޝަރުގެ ސަބަބުން އުނދަގޫތަކެއްވާކަން،" އިންޓަގެ ކޯޗު ލޫސިއަނޯ ސްޕެލެއްޓީ ބުންޏެވެ.

އިޓާލިއަން ލީގުގެ އެއް ވަނައިގައި ހަ ޕޮއިންޓާ އެކު ޖުވެންޓަސް އޮތްއިރު އެ އަދަދަށް ޕޮއިންޓް އެއްކޮށްގެން ލަނޑުގެ ތަފާތުން ދެ ވަނައިގައި އޮތީ ނަޕޯލީ އެވެ. އިންޓަ އޮތީ އެއް ޕޮއިންޓާ އެކު 11 ވަނައިގަ އެވެ.