އަޔޫޝްމަން ކުރާނާ އާއި ބޫމީ ޕެޑްނޭކަރް ތިން ވަނަ ފިލްމަކުން ފެނިދާނެ
އަޔޫޝްމަން ކުރާނާ އާއި ބޫމީ ޕެޑްނޭކަރް ތިން ވަނަ ފިލްމަކުން ފެނިދާނެ

މިދިޔަ އަހަރު ރިލީޒް ކުރި ފިލްމްތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލްމަކީ "ޝުބް މަންގަލް ސާވްދާން" އެވެ. އަޔޫޝްމަން ކުރާނާ އާއި ބޫމީ ޕެޑްނޭކަރް މުހިއްމު ރޯލްތައް ކުޅުނު އެ ފިލްމަކީ ޖިންސީ ބަލިކަށި ކަމެއް ހުންނަ ޒުވާނަކާއި އޭނާގެ ލޯބިވެރިޔާގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

ރިޕޯޓްތައް މިހާރު ބުނާ ގޮތުން "ޝުބް މަންގަލް ސާވްދާން" ގެ ދެވަނަ ބައެއް ވެސް ބެލުންތެރިންނާ ހަމައަށް އަތުވެދާނެ އެވެ. އަދި އެ ފިލްމުން ވެސް ފެންނާނީ އަޔޫޝްމަން އާއި ބޫމީ ކަމަށްވެ އެވެ. އެހެންވެއްޖެ ނަމަ އެ ފިލްމްވެގެން ދާނީ މި ޖޯޑު އެކުގައި ފެންނަ ތިން ވަނަ ފިލްމަށެވެ.

ބޫމީ ބޮލީވުޑަށް ތައާރަފުވީ ވެސް އަޔޫޝްމަންއާ އެކު 2014 ގެ "ދަމް ލަގާ ކޭ ހައިޝާ" އިންނެވެ. އެ ފިލްމަށް ފަހު "ޝުބް މަންގަލް ސާވްދާން" ގެ ކުރިން ދެ ތަރިން އެހެން ފިލްމަކަށް ވެސް ސޮއި ކުރި އެވެ. އެއީ އަންމަ މަހުގެ 14 ގައި ރިލީޒް ކުރާ އަނޫރާގް ކެޝަޕްގެ "މަންމަރްޒިިޔާން" އެވެ.

އެކަމަކު އެ ދެ ތަރިންގެ ބަދަލުގައި އެ ފިލްމް ބޮޑު ސްކްރީނަށް އަންނާނީ އަބީޝެކް ބައްޗަން އާއި ތާޕްސީ ޕައްނޫ އާއި ވިކީ ކޯޝަލްއާ އެކުގަ އެވެ.

"ޝުބް މަންގަލް ސާވްދާން" ގެ ޓީމާ ހަވާލާދީ ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނި ގޮތުގައި މި ފިލްމަށް ބެލުންތެރިން ދިން ބޮޑު ތަރުހީބާ އެކު މީގެ ދެވަނަ ބައެއް ހެދުމުގެ މަސައްކަތް މިހާރު އޮތީ ތައްޔާރީތަކުގެ ތެރޭގަ އެވެ. އެގޮތުން ފިލްމްގެ ސްކްރީންޕްލޭ ލިޔަމުން އަންނަ ކަމަށްވެ އެވެ.

އާރް އެސް ޕްރަސައްނާ ޑައިރެކްޓް ކުރި "ޝުބް މަންގަލް ސާވްދާން" އަކީ އޭނާ 2013 ގައި ޑައިރެކްޓް ކުރި ތަމަޅަ ފިލްމް "ކަލިޔާނާ ސަމާޔަލް ސާދަމް" ގެ ރިމެކިންއެކެވެ.

ނޫސްތަކުން ބުނި ގޮތުގައި ޕްރޮޑިއުސަރު އާނަންދް އެލް ރާއީ އާއި އިރޯސް އެންޓަޓައިންމަންޓުން "ޝުބް މަންގަލް ސާވްދާން" ގެ ދެވަނަ ބަޔަކަށް ވަރަށް ޝައުގުވެރިކަން ބޮޑެވެ. އެހެންވެ ދެން މާ ލަސްތަކެއް ނުވެ ފިލްމް ރަސްމީކޮށް އިއުލާން ކުރާނެ ކަމަށްވެ އެވެ.

ދާދި ނެޓްފްލިކްސް އިން ގެނެސް ދިން "ލަސްޓް ސްޓޯރީ" އިން ފެނިގެން ދިޔަ ބޫމީގެ ކުރިއަށް އޮތް ފިލްމަކީ ސުޝާންތު ސިންގް ރާޖްޕޫތާ އެކު ކުޅެފައިވާ "ސޯންޗިޅިޔާ" އެވެ. އޭނާ ވަނީ ކަރަން ޖޯހަރްގެ "ތަހުތު" އަށް ވެސް ސޮއިކޮށްފަ އެވެ.

އަޔޫޝްމަންގެ ދެ ފިލްމެއް ރިލީޒްވާން އެބަ އޮތެވެ. އެއީ "އަންދާދުން" އާއި "ބަދާއީ ހޯ" އެވެ.