ޖިރޯނާ އަތުން ފަހަތުން އަރައި މެޑްރިޑް މޮޅުވެއްޖެ
ޖިރޯނާ އަތުން ފަހަތުން އަރައި މެޑްރިޑް މޮޅުވެއްޖެ

ޖިރޯނާ (އޮގަސްޓް 27) – ޖިރޯނާ އަތުން ފަހަތުން އަރައި 4-1 އިން މޮޅުވެ ރެއާލް މެޑްރިޑުން ސްޕެނިޝް ލީގުގެ އެއް ވަނަ އަށް އަރައިފި އެވެ.

ރެއާލް މެޑްރިޑް އެއް ވަނައިގައި އޮތީ ހަ ޕޮއިންޓާ އެކު އެވެ. އެ އަދަދަށް ބާސެލޯނާ އިން ޕޮއިންޓް ހޯދާފައި އޮތް ނަމަވެސް ލަނޑުގެ ތަފާތުން ލިބެނީ ދެ ވަނަ އެވެ. ބާސެލޯނާ އިން ވަނީ ހޮނިހިރު ދުވަހުގެރޭ ރެއާލް ވަލަޑޮލިޑް އަތުން 1-0 އިން މޮޅުވެފަ އެވެ.

ޖިރޯނާގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 16 ވަނަ މިނެޓުގައި ބޯޖާ ގާސިއާގެ ލަނޑުން އެ ޓީމުން ލީޑު ނެގި އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޑްރިޑަށް އެއްވަރުކޮށްދިނީ ޕެނަލްޓީއަކުން ކެޕްޓަން ސާޖިއޯ ރާމޯސް އެވެ. ދެ ވަނަ ހާފުގައި، 52 ވަނަ މިނެޓުގައި މެޑްރިޑަށް ކުރި ހޯދައިދިނީ އަނެއްކާ ވެސް ޕެނަލްޓީއަކުން ކަރިމް ބެންޒެމާ އެވެ. ތިން ވަނަ ގޯލް 59 ވަނަ މިނެޓުގައި ގަރެތު ބޭލް ޖެހިއިރު، ފަހު ގޯލް ވައްދާލީ 80 ވަނަ މިނެޓުގައި ބެންޒެމާ އެވެ.

ވަލަޑޮލިޑް އަތުން 1-0 އިން ބާސެލޯނާ މޮޅުވި މެޗުގައި ވަލަޑޮލިޑްގެ ސްޓޭޑިއަމުގެ ވިނަގަނޑު ވަރަށް ބޮޑަށް ހަލާކުވެފައި އޮތުމުން ސްޕެނިޝް ލީގުން ވަނީ އެ މައްސަލައިގެ ތަހުގީގެއް ފަށައިފަ އެވެ. މެޗު ކުޅެމުން ދިޔައިރު ވިނަގަނޑުން ޓާފް ގަނޑުގަނޑު ދިޔައީ ނެއްޓެމުންނެވެ. ވަލަޑޮލިޑްގެ ކޯޗު ސާޖިއޯ ގޮންޒާލެޒް ބުނީ މެޗަށް ދަނޑު ތައްޔާރުކުރުމަށް ކުރެވުނު އެންމެ ރަނގަޅަކަށް މަސައްކަތްކުރި ކަމަށެވެ.

"އަހަރެމެންނަކީ އެންމެ ފަހުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ޓީމު. ވަގުތަށް ދަނޑު ތައްޔާރުކުރުމަށް އަހަރެމެންނަށް މައްސަލަތަކެއް ދިމާވި،" އޭނާ ބުންޏެވެ.