އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އައިއެސްގެ ލީޑަރު މަރާލައިފި
އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އައިއެސްގެ ލީޑަރު މަރާލައިފި

ކާބުލް (އޮގަސްޓް 27) - އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު މަރާލައިފި ކަމަށް އޮފިޝަލުން ބުނެފި އެވެ.

އަފްޣާން އޮފިޝަލުން ބުނީ އައިއެސްގެ ލީޑަރު އަބޫ ސާދު އިރްހާބީ އާއި އެ ޖަމާއަތުގެ އިތުރު 10 މެންބަރުން މަރާލީ ޕާކިސްތާނުގެ ބޯޑަރާ ކައިރީގައި އޮންނަ އިރުމަތީގެ ނަންގަރްހާރު ޕްރޮވިންސަށް ދިން ވައިގެ ހަމަލާތަކެއްގައި ކަމަށެވެ. މިއީ ފަހުގެ ހަމަލާތަކުގައި މަރާލި އައިއެސް ޖަމާއަތުގެ ހަތަރު ވަނަ ލީޑަރެވެ.

ކާބުލްގެ ނޭޝަނަލް ޑައިރެކްޓަރޭޓް އޮފް ސެކިއުރިޓީން ބުނީ އިރްހާބީ މަރާލި ހަމަލާތައް ދީފައި ވަނީ އެމެރިކާ ކޯލީޝަނާ ގުޅިގެން ދިން ހަމަލާތަކެއްގައި ކަމަށެވެ.

އަފްޣާނިސްތާނުގައި ކުރިން ހަރަކާތްތެރިވި އައިއެސްގެ ލީޑަރު އަބޫ ސައިދު މަރާލާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހު ދިން ޑްރޯން ހަމަލާތަކެއްގަ އެވެ.

އައިއެސް އިން އަފްޣާނިސްތާނުގައި މި އަހަރު ވަނީ ވަރަށް ގިނަ ޖާނުންފިދާވުމުގެ ހަމަލާތައް ދީފަ އެވެ.