ނިއުކާސަލްގެ ޑިފެންސިވް ކުޅުމަށް ސާރީގެ ފާޑުކިއުން
ނިއުކާސަލްގެ ޑިފެންސިވް ކުޅުމަށް ސާރީގެ ފާޑުކިއުން

ނިއުކާސަލް (އޮގަސްޓް 27) – ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑް އަތުން ފަހު ވަގުތު 2-1 އިން ޗެލްސީ މޮޅުވި މެޗަށް ފަހު، ނިއުކާސަލްގެ ކޯޗު ރަފާ ބެނިޓޭޒް ކުޅުނު ޑިފެންސިވް ގޭމަށް ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ފާޑުކިޔައިފި އެވެ.

އެޑެން ހަޒާޑް 76 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޗެލްސީއަށް ލީޑު ނަގައިދީފައި އޮއްވާ ނިއުކާސަލްގެ ޖޮސެލޫ ވަނީ 83 ވަނަ މިނެޓުގައި އެއްވަރުކޮށްދީފަ އެވެ. ޗެލްސީ މޮޅުވީ 87 ވަނަ މިނެޓުގައި ނިއުކާސަލްގެ ޑެއަންޑްރޭ ޔެޑްލިން އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.

މި މޮޅާ އެކު ތާވަލުގެ ދެ ވަނައިގައި ޗެލްސީ އޮތީ ނުވަ ޕޮއިންޓާ އެކު އެވެ. އެއް ވަނައިގައި ލިވަޕޫލް އޮތީ ނުވަ ޕޮއިންޓާ އެކު ފައިދާ ގޯލުންނެވެ.

ޗެލްސީގެ ކޯޗު ސާރީ ބުނީ ނިއުކާސަލުން އަމިއްލަ ދަނޑުގައި، ނުވަ ކުޅުންތެރިން ފަހަތަށް ލައި އެންމެ ފޯވާޑަކާ އެކު ކުޅުމުން ވަރަށް ބޮޑަށް ހައިރާންވި ކަމަށެވެ.

"އަހަންނަށް އެނގޭ މިއީ އަހަރެމެންނަށް އުނދަގޫ މެޗަކަށް ވާނެކަން. މިތަނަށް އަންނަ ކޮންމެ ޓީމަކަށް ވެސް. އެކަމަކު އިތުރަށް އުނދަގޫވި، ސަބަބަކީ އަހަރެން ނުދެކެން ބެނިޓޭޒް އިޓަލީގައި ދުވަހަކު ވެސް ފަސް ޑިފެންޑަރުން އަރުވައިގެން ކުޅުނު ތަނެއް،" ސާރީ ބުންޏެވެ.

ރޭގެ މެޗުގައި ނިއުކާސަލުން ބޯޅަ ގެންއުޅެފައިވަނީ އެންމެ 20 އިންސައްތައިގަ އެވެ. އެ ޓީމުން ފުރިހަމަކުރި ޖުމްލަ ޕާހުގެ އަދަދަށް ވުރެ ގިނައިން ޗެލްސީގެ މިޑްފީލްޑަރު ޖޯޖީނިއޯ އެކަނި ވެސް ފުރިހަމަކުރި އެވެ.

އިޓަލީގެ ނަޕޯލީ ދޫކޮށް ޗެލްސީއާ މި ސީޒަނުގައި ހަވާލުވި ސާރީ އަކީ ލީގުގެ ފުރަތަމަ ތިން މެޗު ކާމިޔާބުކުރި ޗެލްސީގެ ފަސް ވަނަ ކޯޗެވެ. އަނެއް ހަތަރު ކޯޗުންނަކީ އެންޓޯނިއޯ ކޮންޓޭ، ކާލޯ އަންޗެލޮޓީ، ގުސް ހިޑިންކް އަދި ހޯސޭ މޮރީނިއޯ އެވެ.