ރަންވީރާ އެކު މަސައްކަތް ކުރެވޭތީ ކަރީނާ އުފަލުން
ރަންވީރާ އެކު މަސައްކަތް ކުރެވޭތީ ކަރީނާ އުފަލުން

މީގެ ކުރިން ވެސް ފުރުސަތުތަކެއް ލިބި، ގެއްލުމަށް ފަހު، އެކްޓަރު ރަންވީރް ސިންގްއާ އެކު ކަރަން ޖޯހަރްގެ ތާރީހީ ފިލްމް "ތަހުތު" ގައި މަސައްކަތްކޮށްލަން ލިބުމުން ވަރަށް އުފާވެއްޖެ ކަމަށާއި މިއީ ފަހުރެއް ކަމަށް ބަތަލާ ކަރީނާ ކަޕޫރް ބުނެފި އެވެ.

ކަރީނާ އާއި ރަންވީރަށް މީގެ ކުރިން ވެސް އެކުގައި ކުޅެން ދެ ފިލްމެއް ލިބުނެވެ. އެއީ ސަންޖޭ ލީލާ ބަންސާލީ 2013 ގައި ގެނެސް ދިން "ރާމް-ލީލާ" އާއި ކުރީގެ ބަތަލާ ސްރީދޭވީ އާއި ކަމަލް ހާސަންގެ ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ "ސަދްމާ" ގެ ރިމެކިން އެވެ. އެކަމަކު އެކި ސަބަބުތަކާ ހެދި އެ ދެ ފިލްމް ވެސް ކަރީނާ އަށް ކުޅެވޭ ގޮތެއް ނުވި އެވެ.

"ސަދްމާ" ގެ ރިމެކިން ހުއްޓުމަކަށް އައިސްފައިވާ އިރު ބަންސާލީ "ރާމް-ލީލާ" ގެނެސް ދިނީ ރަންވީރާ އެކު، ބަތަލާއަކަށް ދީޕިކާ ޕަދްކޯން ހިމަނައިގެންނެވެ.

"ތަހުތު" ގައި ރަންވީރާ އެކު އެންމެ ފަހުން ސްކްރީން ހިއްސާކޮށްލަން މަގުފަހިވުމުން ކަރީނާ ބުނީ މިއީ ދިގު އިންތިޒާރެއްގެ ނިމުން ކަމަށެވެ. އަދި ކަރަންގެ ފިލްމެއްގައި ދެ މީހުންނަށް އެކީގައި މަސައްކަތްކޮށްލަން ލިބުމުން، ލިބުނު އުފާ އެތައް ގުނައަކަށް ބޮޑު ކަމަށް ބުންޏެވެ.

"ރަންވީރަކީ ވަރަށް މޮޅު އެކްޓަރެއް. އެއީ އަހަރެން އެކުގައި މަސައްކަތްކޮށްލަން ވަރަށް ބޭނުންވާ އެކްޓަރެއް. އަހަރެމެން ދެ މީހުންނަށް ކުރިން އެކުގައި މަސައްކަތްކޮށްލަން ފުރުސަތުތަކެއް ލިބި އެކަމަކު އޭގެ ބޭނުން ނުހިފި، އަހަރުތަކެއް ފާއިތުވުމަށް ފަހު، އެ ފުރުސަތު އަލުން ފަހިވީމަ ވަރަށް އުފަލުން މިހުރީ،" ކަރީނާ ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ބުންޏެވެ. "އެހެންވެ ކަރަން އަށް ހާއްސަ ޝުކުރެއް އޮންނާނެ."

އޭނާ ބުނި ގޮތުގައި ރަންވީރު ކަހަލަ މޮޅު އެކްޓަރަކާ އެކު މަސައްކަތްކޮށްލުމަކީ ލިބޭ ވަރަށް ބޮޑު ފަހުރެކެވެ.

"އަނެއްކާ ހަމަ ކަރަންގެ ޑައިރެކްޝަނެއްގައި މަސައްކަތްކޮށްލުމަކީ ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ކަރަންގެ އެންމެ ކާމިޔާބު އެއް ފިލްމް ކަމަށްވާ "ކަބީ ހުޝީ ކަބީ ޣަމް" ގައި ޕޫގެ ކެރެކްޓާ ކުޅުނު ކަރީނާ ބުންޏެވެ.

އޭނާ ވަނީ ކަރަންގެ ދަރްމާ އަށް މީގެ ކުރިން ވެސް ފިލްމްތަކެއް ކުޅެފަ އެވެ. އޭގެ ތެރޭގައި "ވީ އާ ފެމިލީ"، "އޭކް މޭ އޯރް އޭކް ތޫ"، "ގްރުބާން" އަދި "ގޯރީ ތެރެ ޕިޔާރް މޭ" ހިމެނެ އެވެ.

ދެހާސް ވިހީގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ "ތަހުތު" ގައި ކަރީނާ އާއި ރަންވީރްގެ އިތުރުން އަނިލް ކަޕޫރް، ވިކީ ކޯޝަލް، ޖާންވީ ކަޕޫރް އަދި ބޫމީ ޕެޑްނޭކަރް ވެސް ހިމެނެ އެވެ.

"ތަހުތު" އަކީ ކަރަންގެ ދަރްމާ އަށް ރަންވީރް ކުޅޭ ދެވަނަ ފިލްމެވެ. އޭނާ ކުޅޭ ކަރަންގެ ފުރަތަމަ ފިލްމަކީ ރޯހިތު ޝެޓީ ޑައިރެކްޓްކޮށް، އަންނަ ޑިސެމްބަރު 28 ގައި ރިލީޒް ކުރާ "ސިމްބާ" އެވެ.