ހިލަރީ ސްވޭންކް ދެ ވަނަ ކައިވެންޏެއް ކޮށްފި
ހިލަރީ ސްވޭންކް ދެ ވަނަ ކައިވެންޏެއް ކޮށްފި

"ބޯއިސް ޑޯންޓް ކްރައި" އާއި "މިލިއަން ޑޮލާ ބޭބީ" ފަދަ ފިލްމްތައް ކުޅެގެން ދެ ފަހަރަށް އޮސްކާ ހާސިލުކޮށްފައިވާ ހޮލީވުޑްގެ މަޝްހޫރު ބަތަލާ ހިލަރީ ސްވޭންކް އަނެއްކާ ވެސް ކައިވެންޏެއްކޮށްފި އެވެ.

އުމުރުން 44 އަހަރުގެ ބަތަލާ މި ފަހަރު ކައިވެނިކޮށްފައި ވަނީ ރައްޓެހިވެގެން އުޅޭތާ ދުވަސްތަކެއްވެފައިވާ ލޯބިވެރިޔާ އަދި ވިޔަފާރިވެރިޔާ ފިލިޕް ޝްނެއިޑާއާ އެވެ.

އެ ދެ މީހުންގެ ކައިވެނީގެ ހަފުލާ ބޭއްވީ މި މަހުގެ 18 ވަނަ ދުވަހު ކެލިފޯނިއާގަ އެވެ.

ސްވޭންކް ބުނި ގޮތުގައި ޝްނެއިޑާއާ ކައިވެނި ކުރެވުމަކީ ހުވަފެނެއް ހަގީގަތަކަށްވުމެވެ. އަދި ހަޔާތުގެ އާ ދަތުރާ ދޭތެރޭ މިހާރު ވަރަށް އުފަލުން ހުރި ކަމަށް ބުންޏެވެ. އޭނާ ވަނީ ކައިވެނީގެ ހެދުމާ އެކު، ފިރިމީހާއާ އެކު ނަގާފައިވާ ފޮޓޯއެއް ވެސް އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.

ސްވޭންކް އާއި ޝްނެއިޑާ ލޯބީގެ ގޮތުން ގުޅި، ރަސްމީކޮށް އެންގޭޖްވީ 2016 ގަ އެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ބަތަލާ ފުރަތަމަ ކައިވެނި ކުރީ "އެންޓަރޭޖް" އާއި "ޓްރޫ ބްލަޑް" ފަދަ ފިލްމްތައް ކުޅެފައިވާ އެމެރިކާގެ އެކްޓަރު/ޑައިރެކްޓަރު ޗާޑް ލޯވްއާ އެވެ. ދެ ތަރިން 1997 ގައި ކުރި ކައިވެނި ރޫޅުނީ 2007 ގަ އެވެ.

"ބަފީ ދަ ވެމްޕަޔާ ސްލެޔާ" އިން 1992 ގައި ހޮލީވުޑަށް ނުކުތް ބަތަލާ އެންމެ ފަހުން ފެނިފައި ވަނީ އެފްއެކްސްގެ ލިމިޓެޑް ސީރީޒް "ޓްރަސްޓް" އިންނެވެ. ސްވޭންކް ދެން އެންމެ އަވަހަށް ބޮޑު ސްކްރީނުން ފެނިގެން ދާނީ އޮކްޓޯބަރު 19 ގައި ރިލީޒް ކުރާ "ވަޓް ދޭ ހޭޑް" އިންނެވެ.