ކުޑަކުދިންނަށް ގާމިން އިން ޑިޒްނީ ކަމަރުތަކެއް
ކުޑަކުދިންނަށް ގާމިން އިން ޑިޒްނީ ކަމަރުތަކެއް

ހަރަކާތްތެރި ދިރިއުޅުމަކަށް ހިތްވަރުދޭ ކަމަރަކީ މިހާރު ވަރަށް އާންމު އެއްޗެކެވެ. މީގެ ސްމާޓް ކަމަރުތަކުގެ ތެރޭގައި ކުޑަކުދިންނަށް ޚާއްސަ ކަމަރުތައް ވެސް ހިމެނެއެވެ.

ގާމިން ކުންފުނިން އުފައްދާފައިވާ "ވީވޯފިޓް ޖޫނިއަ 2" މަރުކާގެ، އަތުގައި އަޅާ ކަމަރުތަކަކީ މިފަދަ އެހެން ކަމަރުތަކާ ކުދިކުދި ތަފާތުތައް ހުރި ކަމަރުތަކެކެވެ. މީގެ އެންމެ ޚާއްސަ ސިފައަކީ ކުޑަކުދިންނަށް ކަމުދާނެ ކާޓޫނު ކުރެހުންތައް ހިމެނޭކަމެވެ. ވީވޯފިޓް ޖޫނިއަ 2ގެ އާ ކަމަރުތައް ބާޒާރަށް ނެރޭއިރު އެ ކުންފުނިން ވަނީ މުހިންމު ދެ ސިފައެއް އިތުރުކޮށްފައެވެ. އެއީ ކަޅާއި ހުދު ސްކްރީނެއްގެ ބަދަލުގައި ކުލަ ސްކްރީނެއް ހިމެނުމާއި ޑިޒްނީއާ ގުޅިގެން އާ ފަރުމާތަކެއް ކަމަރުގައި ހިމެނުމެވެ.

އަލަށް މި ނެރޭ ކަމަރުތަކުގައި ޑިޒްނީގެ ޕްރިންސަސް ލިސްޓުގައި ހިމެނޭ އޭރިއަލް އާއި ބެލް އާއި މުލާން އާއި ޖެޒްމިން އާއި ރެޕަންޒަލް ހިމެނޭނެއެވެ. މީގެ އިތުރުން ސްޓާ ވޯޒް އާއި އެވެންޖާޒް އާއި މާވެލް އާއި މިނީ މައުސްގެ ފަރުމާތައް ވެސް ލިބެން ހުންނާނެއެވެ.

މިފަހަރުގެ ޕްރިންސަސް ފަރުމާތަކާއެކު މީގެ އެޕަށް ވެސް އިތުރު އަޕްޑޭޓެއް އަންނާނެއެވެ. އެއީ މެޖިކަލް ކިންގްޑަމްސް: އަ ޑިޒްނީ ޕްރިންސަސް އެޑްވެންޗަގެ ނަމުން ނަންދީފައިވާ ކުޅިވަރެކެވެ. މިއީ މި އެޕްގައި ހިމެނޭ އެތައް ބައިވަރު ތައުލީމީ ގޭމްތަކެއްގެ ތެރެއަށް އިތުރުވާ ބޮޅެކެވެ. މި ކުޅިވަރުތަކުގެ ސަބަބުން، ތެދުވެ ހަރަކާތްތެރިވެ އުޅުމަށް ކުދިންނަށް ހިތްވަރު ލިބެއެވެ. އަދި ދުވާލަކު 1 ގަޑިއިރުގެ ވަގުތެއް ކުޅިވަރު ކުޅުމާއި ހަރަކާތެރިވެ އުޅުމުގައި ހޭދަކުރުމުން މި އެޕްގައި އެކުދިންނަށް ޚާއްސަ އިނާމެއްގެ ގޮތުން އެޑްވެންޗާ ޓްރެއިލެއް ހުޅުވައިދެއެވެ. އަދި ހެއްވާ މަޖާ މައުލޫމާތުތަކުން ކުދިންގެ މައުލޫމާތުގެ ޚަޒާނާ މުއްސަނދިކޮށްދެއެވެ. މީގެ އެހެނިހެން ކަމަރުތަކެކޭ އެއްގޮތަށް މި ކަމަރަކީ ވެސް ކުދިން ހެލިފެލިވެ އުޅުމަށް ބާރުއަޅައިދިނުމާއި، ކުދިންގެ ނިދި ހަމަކުރާ މިންވަރު ބަލައިދޭ ކަމަރެކެވެ.

ކަސްރަތުކުރުމުގެ އިތުރުން ގޭތެރޭގެ މަސައްކަތްތައް ކުދިން ލައްވާ ކުރުވުމަށް ވެސް ވީވޯފިޓް ޖޫނިއަ 2 ކަމަރުން ބާރު އަޅަ އެވެ. ކުދިން ލައްވާ ކުރުވާނެ ކަމެއް ނިންމުމަކީ މައިންބަފައިންނާއި ބެލެނިވެރިންގެ ކަމެކެވެ. ވީވޯފިޓް ކޮށްދޭ ކަމަކީ ކުދިންނަށް ހަނދާންކޮށްދިނުމެވެ. މި ގޮތުން މަސައްކަތްކުރުވާނެ މިންގަނޑަކާއި ހަނދާންކޮށްދޭންވީ އަދަދެއް ކަނޑައަޅާނީ ބެލެނިވެރިންނެވެ. ކުދިން އެކަންކަން ބަރާބަރަށް ފުރިހަމަކުރާ ނަމަ ވާޗުއަލް ކޮއިން ލިބޭނެއެވެ. އަދި މި ނޫނަސް އެޕްގެ ތެރޭން އެހެނިހެން އިނާމް ލިބޭނެ ގޮތް ވެސް ހަމަޖެހިފައިހުރެއެވެ.